ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ބޭނުން ވަނީ ހިޔާލު އެއްގޮތް ނޫން ބަޔަކާއި އެކު މަޝްވަރާ ކުރެވޭނެ ގާބިލުކަން ހުރުމުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި. ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ހިޔާލުތަފާތު ބަޔަކާއި އެކު ކުރިޔަށް ދެވެން އޮތީ، އެމަނިކުފާނަށް އެކަނިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ރައީސް ސޯލިހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވާނެ އެވެ. އަންނަ މަހުގެ 23 ގައި ބާއްވާ ވޯޓަށް ފަހު، ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ރާއްޖޭގެ ވެރިކަމަށް ވާދަކުރާނެ ބޭފުޅަކު އެނގިގެން ދާނެ އެވެ. މި ވަގުތު ދެ ރައީސުންގެ ދެމެދުގައި ވެސް ހިޔާލުތަފާތުވުން އުފެދި ޕާޓީގެ އެތެރޭގެ ހާލަތު ގޯސްވެފައިވާއިރު ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވަނީ ރާއްޖޭގައި ހަމަޖެހޭ އަދި އެންމެނާއި މަޝްވަރާކޮށް ވެރިކަމެއް ކުރެވޭނީ އެމަނިކުފާނަށް ކަމަށެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ސަބަބެއްކަމަށް ރައީސް ވިދާޅުވީ، އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރުމަށް މުހިންމުވުމެވެ. އަދި މިވަގުތު ސިޔާސީ މާހައުލު އޮތް ގޮތުން، އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެމަނިކުފާނަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ދައްކަވާ ވާހަކަތައް ތަކުރާރުކޮށް ރައީސް ވިދާޅުވީ، އެއްވެސް ޕާޓީއެއް އެކަނި އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، ސިޔާސީ ހިޔާލު އެއްގޮތް ނޫން ބަޔަކާއި އެކު ކޯލިޝަނަކަށް ދާން ޖެހޭއިރު އެ މަޝްވަރާ ކުރެވޭނެ ފެންވަރާއި ގާބިލުކަން ހުރީ އެމަނިކުފާނުގެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ޕްރައިމެރީގައި ވޯޓު ދޭއިރު 2023 ގައި އިންތިހާބު ކާމިޔާބު ކުރެވޭނެ ބޭފުޅަކަށް ދޭނެކަމަށް އުންމީދު ކުރާކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް ބެލެވޭއިރު، ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި އޮތީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުން އުފެދިފަ އެވެ. ހާއްސަކޮށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ނުލިބޭނެކަމަށް ދޭހަވާ މޭރުމަކުން ޕާޓީގެ އެތެރޭގައި ވާހަކަތައް ދެކެވޭއިރު ރައީސް ސޯލިހު ވަކީން ނިކުމެ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ އެވެ.

ވެރިކަމަށް ހަތަރު އަހަރުވާން ގާތްވެރިވާއިރު، ކޯލިޝަން ދަމަހައްޓައި ޕާޓީތަކުން ލޮބީ ކުރާ ކަންކަން ސަރުކާރުން ކުރައްވަނީ މި ސަބަބާއި ހުރެކަމަށް ބެލެވެ އެވެ. އަދި ރައީސް ސޯލިހާއި، އެމަނިކުފާނާއި އަރިސް މެމްބަރުން ކޯލިޝަނުގެ ވަޒީރުން ވަރަށް ބޮޑަށް ދިފާއު ވެސް ކުރައްވަ އެވެ.

ޕްރެސް އެއް ނުބާއްވާތާ ހަ މަސް ފަހުން މިއަދު މީޑިއާތަކާއި އެކު އޮތް ބައްދަލުވުމުގައި، ވެސް ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީ އިތުރު ދައުރަކަށް ހޮވި، ވެރިކަމަށް އައުން ކަމަށެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ވެރިކަމަށް ނާދެވޭނެކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހިޔާލު އެއްގޮތްވީ ކިހިނެއްކަން އެނގޭނެ ކޯލިޝަން އެގްރިމެންޓް ދެއްކީމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: