ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވި އަހަރެއް!

ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް ކުރިޔަށް ގެންދިޔަ ސެޝަނުގެ ތެރެއިން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު ނިމި އައު އަހަރަކަށް ދިވެހިރާއްޖެ މަރުހަބާ ކިޔާފައިވާއިރު 2022 ވަނަ އަހަރު ވެގެން ދިޔައީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވި އަހަރަކަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކާލި ކަމުގެ ތުހުމަތު ސަރުކާރު ހިންގާ ޕާޓީގެ ތެރެއިން އިދިކޮޅު ފަރާތްކުން ވަނީ ކޮށްފައެވެ. އަހަރު ނިމި އައު އަހަރަަކާ ދިވެހިރާއްޖެ ބައްދަލުކޮށްފައިވާއިރު ރާއްޖެއިން ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ޗާގޮސްއާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި މުޅި މި މައްސަލައަށް ކުރުގޮތަކަށް ބަލާލުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ.

ޗާގޮސް ނުވަތަ ފޯޅަވަހީގެ މައްސަލަ.

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ، އެހެންނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެކެވެ. ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުނު ޒަމާނުގައި ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތްއިރު ޗާގޮސްއަށް ވެސް ބާރު ހިންގަމުން ދިޔައީ ފަރަސްސޭސީން ކަމަށް ތާރީހީ ލިޔުންތަކުން ދައްކައެވެ. ނަމަވެސް ފަރެންސޭސީން ކުރަމުންދިޔަ ސިލްސިލާ ހަނގުރާމައިގެ ތެރެއިން ފަރަންސޭސީން ބަލިވެ މޮރިޝަސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް ދިއައެވެ.

ފަރަންސޭސީންގެ އަޅުވެތިކަމުން މިނިވަންވި ހިސާބުން މޮރިޝަންސްއިން ގަބޫލު ކުރަމުން ދިޔައީ ޗާގޮސްއަކީ އެ މީހުންގެ ތަނެއްގެ ގޮތުގައެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިންއިރު މޮރިޝަސްގެ ދަށުން ޗާގޮސް ވަނީ ވަކިކޮށްފައެވެ. އަދި ޗާގޮސްއަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެއް ކަމަށް އިއުލާންކުރިއެވެ. އެ ދުވަހުން ފެށިގެން މޮރިޝަސްއިން މަސައްކަތް ކުރަމުން އަންނަނީ ޗާގޮސްއަކީ އެ ގަމުގެ ސިޔާދަތީ ބާރު ހިނގާތަނަކަށް ކަނޑައެޅުމަށެވެ.

މޮރިޝަސްއަށް ޗާގޮސް ދިނުމަށް އދ. ގައި ނެގުނު ވޯޓު

ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި ކަނޑައެޅުމަށް މޮރިޝަސްއިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ދަށުން 2017 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހަށް މޮރިޝަސްގެ ފަރާތުން ގަރާރެއް ހުށަހަޅައި ޗާގޮސްއަކީ އެގައުމުގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި ކަނޑައެޅުމަށް އެދުނެވެ. އަދި އެ ގަރާރު މޮރިޝަސްއިން ހުށަހެޅި ގޮތަށް ފާސްވެ 2019 ވަނަ އަހަރު އަނެއްކާވެސް މޮރިޝަސްއާއި އެއްކޮޅަށް އދ. ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް ހަމަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާއި ހަވާލު ކުރުމަށް ފާސްކޮށްފައިވެއެވެ. އދ. ގެ އާންމު މަޖިލީހުން 2019 ވަނަ އަހަރު ޗާގޮސް މޮރިޝަސް އާއި ހަވާލު ކުރުމަށް ނިންމީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން ގާނޫނީ ލަފައެއް ހޯދުމަށް ފަހުއެވެ.

މި ފާހަގަ ކުރި ދެ ގަރާރަށް ވެސް އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ދިވެހި ސަރުކާރުން ވޯޓު ދީފައި ވަނީ މޮރިޝަސްއާއި ދެކޮޅަށެވެ. އެގޮތުން 2017 ވަނަ އަހަރު މޮރިޝަސް އާއި ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ދެ ވަނަ ފަހަރަށް މޮރިޝަސްއާއި ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ މި ސަރުކާރުގައެވެ.

މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޮސް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި “ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް” ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ.

މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޮސް ގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޮސް އާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލަ. 

ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި އިނގިރޭސިންނާއި މޮރިޝަސް އާއި ދެމެދު ޖެހިފައިވާ މައްސަލައަށް ހައްލެއް ނުލިބި ވަނިކޮށް ޗާގޮސްއާއި ރާއްޖެއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުގެ މައްސަލައެއް ކަނޑުތަކާއި ބެހޭ ބައިނަލްއަގްވާމީ އާބިޓްރޭޝަނަށް ހުށަހެޅިއެވެ. އެގޮތުން 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މޮރިޝަސްއިން ދިވެހިރާއްޖެއާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން ދިވެހި ދައުލަތުން ބުނީ އެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ.

ދިވެހި ދައުލަތުން މި މައްސަލައިގައި 2020 ވަނަ އަހަރު އިންޓަނޭޝަނަލް އާބިޓްރޭޝަންގައި ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިގެން މޮރިޝަސްއިން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ.

ދިވެހި ދައުލަތުން މި މައްސަލައިގައި ބުނަމުން ދިޔައީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.

މޮރިޝަސްއިން ހުށަހެޅި މައްސަލައާއި ބެހޭ ގޮތުން އޭރު ބަންޑާރަނައިބު ވިދާޅުވީ މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން، ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާ އެކަނި މަޝްވަރާކުރެވެން ނެތް ކަމަށް ކުރިން ބުނެފައި ވާނެ ކަމަށާއި އެއީ ޗާގޮސްގެ ސިޔާދަތީ ބާރު ނުވަތަ އެ ރަށްތަކުގެ ސަރަހައްދަށް ބަސް ބުނުމުގެ ބާރު އޮތީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ. އެކަމަކު، ރާއްޖޭން މިގޮތަށް ބުނާތީ، ރާއްޖެ އަކީ އިސްތިއުމާރީ ބާރުތަކަށް ތާއީދުކުރާ ގަައުމެއް ކަމަށް މޮރިޝަސް އިން ސިފަކުރާ ކަމަށާއި އެކަމަކު އެއީ އިންސާފެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ. ދިވެހި ދައުލަތުން މިފަދައިން ބުނި  ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ރައީސް ސާލިޙްގެ “ސިއްރު” ސިޓީއާއިއެކު ދިވެހި ދައުލަތުން ޗާގޮސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކޮށް ކުއްލި ގޮތަކަށް ސްޓޭންޑް ބަދަލު ކުރުން

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން އިއުލާން ކުރީ މި މަހުގެ 20 ވަނަ ދުވަހު މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެތެރެއިންނެވެ. އެގޮތުން  ޗާގޮސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅު ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޓްރައިބިޔުނަލްގައި މޮރިޝަސްއިން މަސައްކަތް ކުރަނީ ވަލު ދޮރާށިން ވަދެ ޗާގޮސްއަކީ އެ ގައުމުގެތަނަކަށް ހެދުމަކަށް ކަމަށް ދިވެހި ދައުލަތުން ބުނި ބުނުމާއި ހިލާފަށް މާ ބޮޑު ގާނޫނީ ހުއްޖަތެއް ދެއްކުމެއް ނެތި ޗާގޮސް މޮރިޝަސްއަށް ދިނުމަށް ރާއްޖެއިން ތާއިދުކުރާކަން ހާމަކޮށް ބަންޑާރަނައިބު ވިދާޅުވީ އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވުމުން އެކަމުގެ ބަދަލުގައި މޮރިޝަސް އިން މިހާރު ވަނީ މޮރިޝަސްގެ ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދުމަށް މޮރިޝަސް އިން ކުރި ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައި ކަމަށެވެ. އަދި ވިދާޅުވީ  ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން ހުށަހެޅި އިއުތިރާޒް ވެސް އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދޭނެކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރާއި ދެމެދު ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށެވެ.

ސިޓީގެ ތަފްސީލުތައް ދެވެން ނެތް ނަމަވެސް، މައްސަލައިގައި ވަރަށް ގިނަ ދޮގު މައުލޫމާތާއި އޮޅުވާލުންތައް ފަތުރަމުންދާކަމަށް ވިދާޅުވެ، ތަރުޖަމާން ވަނީ އެ ލިޔެކިއުމުގައި ރާއްޖޭގެ ސްޓޭންޑު ބަދަލުވީ ނަމަވެސް އައިސީޖޭގެ ކަންތަކުގައި މޮރިޝަސްއަށް ތާއީދު ކުރިނަމަވެސް ކޮންޓިނެންޓަލް ޝެލްފް މައްސަލަ އަދި ޑީލިމިޓޭޝަން މައްސަލަ އެއްވެސް ގުޅުމެއް ނެތްކަމަށް ވަރަށް ސާފުކޮށް ލިޔެފައިވާނެކަމަށް ހާމަކުރައްވާފަ އެވެ.

ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް އެރިނަމަވެސް މޮރިޝަސްއިން ރާއްޖެއަށް ދޫދޭކަށް ބޭނުމެއް ނުވޭ 

އައިސީޖޭގެ ގާނޫނީ ލަފާގެ މަތިން ޗާގޮސް މޮރިޝަސްއަށް ދިނުމަށް އދ. އިން 2019 ވަނަ އަހަރު ނިންމާފައިވާ ނިންމުމަށް ރާއްޖެއިން ތާއިދުކުރަން ނިންމި ނަމަވެސް މޮރިޝަސްއިން ރާއްޖެއަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ. އެގޮތުން ރާއްޖޭން އުޅެނީ މޮރިޝަސްގެ ބޯޑަރާ ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ކަމަށާއި އިމުގެ މައްސަލާގާއި ރާއްޖޭން ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށް އިޓްލޮސް ގައި މޮރިޝަސް އިން ވަނީ ބުނެފައެވެ. ޗާގޮސް މޮރިޝަސްއަށް ދޭން ނަގާ ވޯޓުގައި ރާއްޖެއިން ތާއިދުކުރާނެކަން އިއުލާން ކޮށްފައި ވަނިކޮށް މޮރިޝަސްއިން ބުނެފައި ވަނީ  ދެ ގައުމުގެ އިމުން ފުށުއަރާ ސަރަހައްދުގެ މިލްކުވެރި ފަރާތަކީ ދިވެހިރާއްޖެ ނޫން ކަމަށާއި މޮރިޝަސް ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރި ގޮތާއި މެދު ގާނޫނީ ސުވާލުތަކެއް އުފެދުން

ރާއްޖެއާއި ޗާގޮސްއާއި ދެމެދު އޮންނަ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި މީގެކުރިން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

ޑރ މުނައްވަރު ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި އެންމެ ފުރަތަމަ އޭނާގެ ފަރާތުން ނެރުނު ޕްރެސް ސްޓޭޓްމަންޓެއްގައި ޗާގޮސް ވަށައިގެން އިގްތިސާދީ ސަރަހައްދެއް އޮވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ފުށުއަރާފާނެކަމަށް ބުނެފައިވާނެ ކަމަށެވެ. އެގޮތުން މޮރީޝަސް ސަރުކާރުން ޗާގޮސް ވަށައިގެން އިގްތިސާދީ ސަރަހައްދެއް އޮންނަކަމަށާއި އެ ސަރަހައްދު ދިވެހިރާއްޖޭގެ އިގްތިސާދީ ސަރައްހައްދާއި ފުށުއަރާކަމަށް ބުނި ކަމަށެވެ.

އެހެންވެ މޮރީޝަސް ސަރުކާރުން ފުށުއަރާ ސަރަހައްދު ބައިކުރުމުގެ މައްސަލައެއް އިންޓަނޭޝަލް ލޯ އޮފް ދަ ސީ ޓްރައިބިއުނަލްއަށް ހުށަހެޅުމުން މިއީ އެހާ ސަމާސާ މައްސަލައަކަށް ނުވެ ހިނގައިދާނެކަން ފާހަގަކޮށް، އާދައިގެ ގޮތަކަށް މައްސަލަ ނުނެންގެވުމަށް ދެންނެވި ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

2019 ގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީއަށް މައްސަލަ ހުށަހެޅުމުން، އެންމެ ފުރަތަމަ ވެސް ރާއްޖެއިން ސްޓޭންޑެއް ނަގައި މިއީ މޮރީޝަސްއަށް ހުށަހެޅިގެން ވާނެ މައްސަލައެއް ނޫންކަން ބުނިކަން މުނައްވަރު ފާހަގަކުރެއްވިއެވެ. އަދި މިއީ އެއްގޮތަކަށް ވެސް ސަރަހައްދު ބައި ކުރުމުގެ ނިޔަތުގައި ހުށަހެޅި މައްސަލައެއް ނޫންކަމަށާއި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ޗާގޮސްގެ މައްޗަށް މޮރީޝަސްގެ ސިޔާދަތު ކަށަވަރުކުރުމަށް ކަމުގައި ރާއްޖެއިން ބުނިކަން ޑރ މުނައްވަރު ފާހަގަ ކުރެއްވިއެވެ.

މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ހަގީގަތުގައި ވެސް ދެކޭ ނަމަ، ރާއްޖޭގެ ސްޓޭންޑު ބަދަލުވިކަން ހާމަކުރަން ނުޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ މައުޟޫއީ އަޑުއެހުމުގައި ރާއްޖޭގެ ކުރީގެ ވިސްނުން ދޫކޮށްލައި އެހެން ބައެއްގެ ހުށަހެޅުމަކާއި އެކު ކުރިޔަށް ދާން ނިންމުމުން އެކަމުގައި ސުވާލު ނުއުފެދެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވި ދެ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަނައިބު ދިޔާނާ ސައީދުއާއި ރައީސް ޔާމީންގެ ސަރުކާރުގެ ބަންޑާރަނައިބު ޢައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި  ފުށުއަރާ ކަމަށް ބުނާ ސަރަހައްދު ބެހުމާ ގުޅޭގޮތުން މޮރިޝަސްއިން އިޓްލޮސްގައި ދައުވާކޮށް، މިހާރު ހިނގަމުންދާ މައްސަލައަށް ބަލާއިރު ޗާގޮސް ރަށްތަކަށް، ނިސްބަތްވާ ކަމަށް ބުނާ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމަށް ޗާގޮސް ރަށްތަކުގެ ފަރާތުން ރޮނގު ބޭރަށް ދަމާނީ ކޮން އައްސޭރިއެއްގައި ފާހަގަ ކުރާ ބޭސް ޕޮއިންޓުތަކަކުންތޯ ފަރަގު އުފެދިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެއިތުރުން ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވަނީ އަދި އެކަމުގެ މައްޗަށް ކަންބޮޑުވުން އޮތީ ރާއްޖެއިން ހުށަހެޅި ބޭސް ޕޮއިންޓުން ޗާގޮސް ރަށްތަކުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަމަށް ބުނާ ސަރަހައްދު ދަމާލުމުން ރާއްޖެއިން ކްލެއިމް ކުރާ ސަރަހައްދާ ދެމެދު ފުށުއަރާ ބައި ބެހުމަށް ރާއްޖެއިން ހުށަހަޅާ ގޮތާމެދު، ކަމަށެވެ.

އެ ގޮތުން އެ ބަޔާނުގައި ބުނީ، ރާއްޖެއިން އެ ސަރަހައްދު ބައިކުރުމަށް ހުށަހަޅައި އެއްބަސްވަނީ މިހާތަނަށް ދައުލަތުން އެކަމަށް އިއުތިރާޒު ކުރަމުން އައިސްފައިވާ ‘އެކިއުޑިސްޓަންސް’ގެ އުސޫލުން ހަމަހަމައަށް ކަން، ރާއްޖެއިން ޓްރައިބިއުނަލަށް ހުށަހެޅި ‘ކައުންޓާ މެމޯރިއަލް’ގެ ބައެއް ނުކުތާތަކުން ސާފުވާ ކަމަށެވެ.

ދެ ބަންޑާރަ ނައިބުން ނެރުއްވި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލާ ވަގުތީ ރޮނގު ބޮޑުކުރުން ޖަސްޓިފައިވާ ހާލަތްތައްހުރި ނަމަވެސް އެ ހާލަތްތައް ދިވެހި ސަރުކާރުގެ ހުށަހެޅުންތަކުގައި ވެސް ބަޔާންކޮށް، އެ މަގުން މަސައްކަތްކޮށްފައި ނެތުމުން އެކަމުގެ ގާނޫނީ ނަތީޖާއަކީ ސަރުކާރުން މޮރިޝަސްއަށް ދޫދީ، ދީލާލުންކަމަށް ފެންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެން ކަމުން މިއީ ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެއް ގެއްލުމުގެ ސަބަބެއް ކަމަށް ފެންނަ ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މައްސަލައިގައި ރާއްޖޭގެ ދިފާޢު ބިނާކޮށްފައިވާ މައިގަނޑު ކަންކަން

  1. މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު ނުވަތަ  ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
  2. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީ މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
  3. ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައިވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ  ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޢާންމު އުޞޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު،މުޢާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ.

އެގޮތުން ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން ދެޤައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަޙައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުންކަން ބަންޑާރަނައިބު ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރެވޭ ތުހުމަތުތަކަށް ރައީސް ސާލިޙްގެ  ރައްދު

ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެފައި ވަނީ  މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ ޗާގޮސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދައްކަމުންދާ ވާހަކަތަކަކީ ވަކިބައެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކު ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ކަމަށެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގައި ރައީސް ސާލިޙް ވިދާޅުވިއެވެ.

މޮރީޝަސް އިން އދ. އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއް ކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން 1965 ވަނަ އަހަރު މިނިވަން ގައުމަކަށް ވުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އދ. ގެ މެމްބަރަކަށްވެ ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުންވެސް ވަނީ އެ އުސޫލު ދަމަހައްޓާފައިކަމަށް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ އުސޫލަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތެކެވެ. އަދި އެކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށާއި ނާންނާނެކަމަށް މިނިސްޓްރީއިންވަނީ ސިފަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: