ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 އިދިކޮޅު ލީޑަރު ފަސް މިލިޔަން ޑޮލަރުން ޖުރުމަނާކޮށް ދެ ވަނަ ފަހަރު ޖަލު ގޮޅި ދެއްކި އަހަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ދައުރު ހަމަ ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފުލުސް އޮފީހަށް ހާޒިރު ކުރީ 2019، ޑިސެމްބަރު 15 ގަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތީން އެމަނިކުފާނު ފުލުހަށް ހާޒިރު ކުރި އެވެ.

ރައީސް ޔާމީންގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރި އެވެ. ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތް ކުރިކަމަށް ތުހުމަތު ކުރި އެވެ. އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ. ”ކެމްޕޭނަށް“ ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރި އެވެ. ގއ. ވޮޑަމުލާ މައްސަލަ ފެށިގެން އައި ހިސާބަކީ އެއީ އެވެ. ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ރާއްޖޭގެ އެންމެ މަތީ ކޯޓުން މިނިވަންވެފައި ވަނިކޮށް 2022 ވަނަ އަހަރު ނިންމާލަން ޖެހުނީ ވ. އާރަށުގެ މައްސަލައިގައި އިއްވި ހުކުމާއި އެކު އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ރައީސް ޔާމީން މަންފާ ނެންގެވިކަމަށް ބުނާ މައްސަލަ ވެގެން ދާނީ 2022 ވަނަ އަހަރު ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަތަކުން ސިޔާސީ ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ޝަރީއަތަށެވެ. ދިވެހި އެތައް ރައްޔިތަކާއި ގުޅިފައިވާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އެންގެވީ ހަ މަސް ދުވަހުގެ ތެރޭގައި 05 މިލިއަން އެމެރިކާ ޑޮލަރު (77 މިލިއަން ދިވެހި ރުފިޔާ) މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ އުފުލި އެވެ. ކުށް ސާބިތުވެ ޔޫސުފް ނައީމްގެ މައްޗަށް އިއްވީ 03 އަހަރުގެ ޖަލު ހުކުމެކެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އޭރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތު ހެކި ބަސް ދިނެވެ. ގއ. ވޮޑަމުލާގެ މައްސަލަ ދަށު ކޯޓުގައި ކުރިޔަށް ދިޔަ އިރާއި އިސްތިއުނާފު މަރުހަލާގައި ވެސް ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ނެންގެވި ނުކުތާއަކީ ފާސިގުންނަށް ހެކި ބަސް ނުދެވޭނެ ކަަމަށެވެ.

އަދީބާއި ޒިޔަތަކީ މައްސަލައިގައި ހުކުމެއް އައިސްފައިވީ ނަމަވެސް ގޭ ބަންދުގައި ތިބި މީހުންކަން ފާހަގަކޮށް ދައުލަތާއި އެކު އެކުލަވާލާފައިވާ އިއުތިރާފު އެއްބަސްވުމާއި މެދު ގާނޫނީ ވަކީލުން ސުވާލު އުފައްދަ އެވެ. ވޮޑަމުލާ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރި ހުކުމުން ފާސިގުންގެ ހެކި ބަސް ބަލައި ނުގަނެވޭނެކަން ފާހަގަކޮށް ވަކީލުން އެދުނީ ހެކި ބަސް ބަލައި ނުގަތުމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ރައީސް ޔާމީނަށްވުމުން އެމަނިކުފާނާއި މެދު ދެ މީހުންގެ ހިތުގައި ވެސް ނަފްރަތާއި ރުޅިވެރިކަން އޮންނާނެކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ބަދަލު ހިފުމުގެ ރޫހެއްގައި، ރައީސް ޔާމީނާއި ދެކޮޅަށް އެ މީހުން ހެކި ބަސް ދިނުމުގެ ފުރުސަތު އެބައޮތްކަމަށް ވަކީލުން ވިދާޅުވި އެވެ.

ޔާމިން ހުށަހެޅީ އަދީބާއި ޒިޔަތުގެ ހެކި ބަލައި ނުގަތުމަށް؛ ”ހިތުގައި އަދާވަތްތެރިކަން އޮންނާނެ“!

މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އޭރު ރައީސް ޔާމީން ހިންގެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި ޑީއާރްޕީ އެކުގައި މަސައްކަތް ކުރި އިރު އޭނާއަށް ޔޫސުފް ނައީމް ތައާރަފްކޮށްދެއްވީ އެމަނިކުފާނު ކަމަށެވެ. އޭގެ ފަހުން އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް ޔޫސުފް ނައީމް އެކި ރަށްތަކާ ގުޅޭގޮތުންނާއި އެހެން ކަންކަމުގައި މެސެޖު ކުރައްވާކަމަށް އަދީބު ވިދާޅުވި އެވެ. އާރަށާއި ބެހޭ ގޮތުން ވާހަކަ ދެކެވުނީ، އަދީބު ވިދާޅުވި ގޮތުގައި 2015 ގަ އެވެ.

ޝަރީއަތަށް ހެކި ބަސް ދެމުން ޒިޔަތު ވިދާޅުވީ، ގޮތުގައި ޔޫސުފް ނައީމް ނަމަކަށް ކިޔާ މީހަކު އާރަށުގެ މުއާމަލާތާއި ގުޅޭގޮތުން ވާހަކަ ދައްކާނެކަމަށް އަދީބު ދެންނެވި ކަމަށެވެ. އޭގެ ފަހުން ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކުގެ ވާހަކަތައް އޭނާއާއި ދެމެދު ދެކެވުނުކަން ފާހަގަކޮށް ޒިޔަތު ވިދާޅުވީ އާރަށް ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދޫކުރުމަށް އެގްރިމެންޓު ހެދުމަށް އިކުއިޒިޝަން ކޮސްޓު ކަނޑައެޅުމަށް އަދީބާއި އެކު މަޝްވަރާ ކުރިޔަށް ދިޔަކަމަށާއި އަގަކަށް ނިންމީ 05 މިލިއަން ޑޮލަރު ކަމަށެވެ.

ދައުވާތަކުން ދިފާއުވުމަށް ރައީސް ޔާމީންގެ ފަރާތުން ވެސް ގިނަ ހެކިތައް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ، ޔޫސުފް ނައީމާއި ހަވާލު ކުރަން ދިޔަ ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ފައިސާ ދަބަސް ގެންދިޔަ އަބްދުﷲ ނަމަކަށް ކިޔާ މީހަކާއި، އެ މުއާމަލާތް ހަމަޖެއްސި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ. އަދި ރައީސް ޔާމީން ފޯނުން ގުޅުއްވި އިރު މުހައްމަދު އިސްމާއިލާއި އެކު އެވަގުތު ހުރިކަމަށް ބުނާ އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހިމެނެ އެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހެކި ބަސް ވަނީ ނަގާފަ އެވެ.

މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމަށް ދިންކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ދޫވެހިން އޭނާގެ ގެއަށް ގެންދިއުމުގައި ހަރަކާތްތެރި ވީ މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝާއި އަބްދުﷲ އެވެ. ނަރީޝްގެ ހެކި ބަހުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގުޅުވައި ކަމަކަށް އެދުމުން އެގެއަށް ދިއުމުން އެދިވަޑައިގަތީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމްގެ ގެއަށް ގެންގޮސް ދިނުމަށް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއްގައި ރައީސް ޔާމީން އެހީއަށް އެދުނު ސަބަބެއްކަމަށް ނަރީޝް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުމާއި އެމަނިކުފާނު އޭނާއަށް ކުރައްވާ އިތުބާރެވެ. އަދި އެކަން ތަފްސީލުކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

އެ ފައިސާ ދޫވެހިން، ޔޫސުފް ނައީމް އޭރު ދިރިއުޅުނު ގެއަށް ގެންދިޔައީ އަބްދުﷲ އާއި އެކުކަމަށް ނަރީޝް ބުންޏެވެ. އަދި މިއަދުގެ އަޑުއެހުމުގައި ހެކި ބަސް ނެގުމުގެ ބައިގައި އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ އާއި ޔޫސުފް ނައީމާއި ގާތް ގުޅުމެއް ނެތެވެ. ދެ މީހުން ބައްދަލުވީ ކެމްޕެއިން ދަތުރުގެއްގެ ތެރެއިންނާއި، ފައިސާ ހަވާލު ކުރުމަށް އެ ގެއަށް ދިޔަ ވަގުތު އެކަނިކަމަށް އެނާ ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަކީ، 15 މިލިއަން ދިވެހި ރުފިޔާ އެވެ. އެހެންވެ ދައުލަތުން ވަނީ އެ ފައިސާ ގުނީ ކިހިނެއް ތޯ ނަރީޝާއި ސުވާލު ކުރި އެވެ. ޖަވާބުގައި ނަރީޝް ވިދާޅުވީ އެ ފައިސާ ބުނީ އަތުން ކަމަށެވެ. ނަމަވެސް އެއީ ބަންޑަލް ގޮތަށް ތޯ އޭނާގެ ވާހަކައިން ސާފެއް ނުވި އެވެ. އަދި އެކަމަށް ހޭދަވީ ވަގުތާއި ގުޅޭގޮތުން ދައުލަތުން ތަކުރާރުކޮށް ކުރި ސުވާލަށް ނަރީޝް ވިދާޅުވީ ވަގުތު ސީދާ ހަނދާނެއް ނެތްކަމަށާއި ގާތްގަނޑަކަށް ހޭދަވީ ވަގުތު ވެސް ބުނަން ނޭނގޭ ކަމަށެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމުގައި އެންމެ ބޮޑު ސުވާލުތަކެއް އުފެއްދީ ނަރީޝްގެ ހެކިބަހާއި މެދު އެވެ. މިއީ ނުހިނގާކަމެއް، ހިނގިކަމަށް ދެއްކުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ހުކުމުގައި ފާހަގަކުރި އެވެ. ފައިސާ އާއި ގުޅުން ހުރި އެންމެ އާދައިގެ ކުދި ކުދި ތަފްސީލުތައް ނަރީޝްގެ ހަނދާނުގައި ހުރިއިރު އެ މުއާމަލާތާއި ގުޅުން ހުރި އެހެން ކަންކަން ހަނދާނުގައި ނެތުން އެއީ ”ސަބަބު ވެރި އިންސާނެއްގެ“ ވިސްނުމުން ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ހުކުމްގެ ރިޕޯޓުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހެކި ބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށް ހުށަހެޅި ހެކިން ކަމަށެވެ. އަދި ހެކިންގެ ހެކި ބަހުގައި ކަނޑައެޅިގެން އޮޅުވާލުމުގެ ނިޔަތުގައި ބައެއް ވާހަކަތަކެއް ދެއްކިކަމަށާއި ބައެއް ކުދިކުދި ކަންތައް ހަނދާނުގައި ހުރިއިރު އެހެން ތަފްސީލުތައް ހަނދާނުގައި ނުހުންނަން ވީ ސަބަބާއި މެދު ހުކުމުގައި ސުވާލު އުފެއްދި އެވެ.

ޝަރީއަތަށް ހެކިން ކަނޑައެޅިގެން ދީފައިވަނީ ދޮގު ހެކިކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެ ވަހަކަތަކުގައި ފުށު އެރުންތައް އެބަހުރި ކަމަށެވެ. އަދި ގިނައީ ދެކޮޅު ހަމަނުޖެހޭ، ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ވެސް ވަނީ ބުނެފަ އެވެ. ހުކުމުގައި ވަރަށް ތަފްސީލުކޮށް، ހެކިންގެ ވާހަކަތައް ހިމަނާފައި ވެއެވެ.

ނަރީޝްގެ ހެކި ބަހާއި މެދު ހުކުމުގައި ބޮޑެތި ސުވާލުތަކެއް: ”ކުދި ކުދި ތަފްސީލު ހަނދާނުގައި ނެތް، އަޖައިބު ކުރުވަނި ކަމެއް“!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕްގައި ވެސް ހިމެނިވަޑައިގަންނަވާ ސައީދުގެ ހެކި ބަހުގައި ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އޭނާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގައި ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި ކައުންސިލުގައި އޭނާގެ އިތުރުން ހިމެނިވަޑައިގަންވަނީ ޓޫރިޒަމް މިނިސްޓަރާއި، ފިޝަރީޒް މިނިސްޓަރު އަދި ޔޫތް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރެވެ. ކައުންސިލްގެ ޗެއާއެއްގެ ގޮތުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެމަނިކުފާނު ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ވަނީ އީވައިސީގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. އެ ބެއްލެވުމަށް ފަހު ސައީދު ތަކުރާރުކޮށް ވިދާޅުވީ އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށާއި، އޭގައި ބައިވެރިވި ވަޒީރުންގެ ސޮއި ނެތް ކަމަށެވެ. ދައުލަތުން ވަނީ ސޮއި ކުރަން ޔައުމިއްޔާތައް ގެންނަކަން ސައީދު ކަަށަވަރު ކުރައްވަންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ސައީދު ވިދާޅުވީ ބައްދަލުވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ވިޔަސް ސެކެޓްރޭޓުން ޔައުމިއްޔާގައި ސޮއި ކުރުމަށް ގެންނަ ކަމަށެވެ.

އެ ސަބަބާއި ހުރެ ދައުލަތުން ތަކުރާރުކޮށް، އެކިގޮތްގޮތަށް ކުރި ސުވާލަކީ، އީވައިސީއަށް ހުށަހެޅޭ މައްސަލަތުގެ ބައްދަލުވުންތަކުގތެ ތަފްސީލު ސައީދު އަމިއްލަފުޅަށް ބަލަހައްޓަވާތޯ އެވެ. އަދި އެކަން ދިފާއުން އިއުތިރާޒު ކުރުމުން ދައުލަތުން ވިދާޅުވީ މިއީ ދާއިރާގެ ބޭރުން ކުރާ ސުވާލުތަކެއް ނޫންކަމަށާއި، ދައުލަތުން ގަބޫލު ކުރަނީ އެ ސުވާލުތައް ކުރެވޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތުގެ ހެކިން ހުށަހެޅުމުގެ ބައި ނިމިގައި ބަނިކޮށް ދައުވާތަކުގައި ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދިން ކަމަށް ބުނެ ދައުލަތުން އައު ހެކިތައް ހުށަހެޅި އެވެ. އެ ފުރުސަތު ޝަރީއަތުން ދިނުމުން ދައުލަތުން ހުށަހެޅީ ނަރީޝްގެ ހެކި ބަސް ދޮގު ކުރުމަށް އޭނާގެ އެމްއެންޑީއެފް ވަޒީފާގެ ހާޒިރީ ރިޕޯޓެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ މިމައްސަލާގައި ދިފާއުން ހެކިހުށައެޅިއިރު، ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އެސަބަބުތަކާއި ދެކޮޅަށްވެސް ހެކި ލިބިފައިވާކަމަށެވެ. އެގޮތުން މިމުއާމަލާތާއި ގުޅޭ ބައެއްކަންކަން ކުރިއަށްދިޔަ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް، އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކިވެރިވެރިޔަކު ބުނެފައިވާތީ އެކަން ނަފީކުރުމަށް ދައުލަތުން  އީވައިސީގެ ޔައުމިއްޔާއެއް ވެސް ހުށަހެޅި އެވެ.

އެކަން ހިނގިކަމަށް ބުނާ ތާރީހުގައި ނަރީޝްއަކީ ސިފައިންގޭގެ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ދައުލަތުގެ ވާހަކަތައް އިއުތިރާޒުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހާޒިރީގެ ރިޕޯޓަކުން އެއީ ދޮގު ހެކިބަހެއްކަމަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. ވަކީލުން ވިދާޅުވީ، ނަރީޝް ސިފައިންގޭގައި ވަޒީފާ އަދާކުރަމުން ރައީސް ޔާމީންގެ ގެއަށް ނުދާކަން ރިޕޯޓުން ނޭނގޭނެކަމަށެވެ. ހުކުމުގައި އެ ނުކުތާ ވެސް ފާހަގަކޮށްފައި ވެއެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެވަރުގެ ބޮޑެތި ވައްކަންކޮށްފަ ތިބޭމީހުން ޖަލުގެ ތޭރިތަކުގެ ފަހަތައްދިޔުން މާބޮޑައްވެސް ލަސްވެއްޖެ. މިގޮތައް ލަސްވާނަމަ ދެންވެސް ސަރުކާރުގެ މަޤާމްތަކުގަ ތިބޭމީހުންނަށްއެލިބެނީ ވައްކަންކުރުމައް އިތުރުހިތްވަރެއް، ތުހުމަތުކުރެވޭ ހިސާބުން މަޤާމުންއެކަހެރިކޮށް ތަހުޤީގުހިންގާ މައްސަލަބެލެންޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: