ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ އެންމެ ކަވަރު ކުރަން އުނދަގޫވި، ނިރުފެހި އަލިފާނުގެ ހިތާމަވެރި ހާދިސާ!

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ބޮޑީ ބޭގްއަކަށް ލައިގެން ގެންދަނީ - ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮފީހުގައި ހޭދަ ކުރި ބުރަ ދުވަހަކަށް ފަހު، ނޮވެމްބަރު 09 ގެ ރޭގަނޑު ގެއަށް ދިޔައީ ވަރުބަލިކަން އިހުސާސް ކުރެވޭތީ އާއި އެރޭ އަވަހަށް ނިދަން ވެސް ބޭނުން ވާތީ އެވެ. ނިދަން މަސައްކަތް ކުރަނިކޮށް، ދެތިން ފަހަރަށް ފޯނު ވައިބްރޭޓުވުމުން ނަގައި ބަލާލިއިރު މެސެޖުތަކެއް ލިޔެފައި ވަނީ ރާއްޖޭގެ ގިނަ ނޫސްވެރިން ތިބޭ ގުރޫޕެއްގަ އެވެ. ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ވާހަކައާއި، ވީ ކިހިނެއްތޯ ބަލާލުމަށް އެ މެސެޖުގައި ވެއެވެ.

އަވަސް އަރުވާލާފައި، އެމްއެންޑީއެފް މީޑިއާ ގުރޫޕު ބަލާލިއިރު އޭރު ނޫސްވެރިން ވެސް އެ ގުރޫޕުގައި ސުވާލު ކުރަނީ އެވެ. އަނެއްކާވެސް އިތުރު މެސެޖުތަކެއް ލިބުނެވެ. މީހަކު ފޮނުވި ވީޑިއޯތަކުން އެއީ އާދައިގެ އަލިފާނެއް ނޫންކަމާއި އަލިފާންގަނޑު ދަނީ ފެތުރެމުންކަން އެނގި އަވަސް އަރުވާލައި ތެދުވެ އޮފީސް އެލާޓަށް ގެނައުމަށް މަސައްކަތް ފެށީމެވެ. އެވަގުތު އޮފީހުގެ، ކެމެރާމަނެއް ގުޅައި އޭނާ ހުރީ އަހަރެން ދިރިއުޅޭ ގޭގެ ތިރީގައިކަމަށާއި ސީންއަށް އަވަހަށް އެޓެންޑުވާން ދާން އޭނާ ވެސް ބުންޏެވެ.

މުޅި އޮފީސް އެލާޓަށް ނެރެ، 10 ވަރަކަށް މިނެޓު ތެރޭގައި ތަނަށް ދެވުނެވެ.

މިއީ 2022 ވަނަ އަހަރު ހިނގައިދިޔަ އެންމެ ހިތްދަތި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް އަހަންނަށް ދެވުނު ގޮތެވެ. 2019 ގައި ކެމިކަލް ކުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަށް ވެސް އެޓެންޑުވެފައިވާތީ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެސް އޮތެވެ.

އާދައިގެ ގޮތަކަށް ހަދާފައި ހުރި އެ ގެ އޭރު އެއްކޮށް އަނދައި ވަނީ ހުލިވެފަ އެވެ. ދޭތެރެއަކުން ގޮވުންތަކެއްގެ އަޑު އިވެ އެވެ. ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހުރި ސައިކަލުތައް ފަހަތަށް ޖައްސައި ރަތް ކުލައިގެ ޕްރައިވެޓު ކާރެއް ވެސް އެތަނުން ދުރައް ޖެއްސުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ.

އަލިފާންގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނެޓު/ ފޮޓޯ: އަދަދު

ރާއްޖެއަކީ ބިދޭސީން ބައިތިއްބަން އެކަށީގެން ނުވާ ތަންތަނުގައި ބައިތިއްބާ ގައުމެއްކަމުން، އެތަނުގައި ތިބި އެހެން ބޭރު ބަޔަކާއި ވާހަކަ ދެއްކުމުން އެ މީހުން ބުނީ އެ އެކަމޮޑޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު އުޅޭކަމަށެވެ. ބައެއް މީހުން ނިދައި އުޅެނީ ޑިއުޓީ ބަހައިގެންކަމަށްވުމާއި އެކު، ހަދިސާ ހިނގި ވަގުތު ތަނުގެ ތެރޭގައި ތިބީ ކިތަށް މީހުންކަމެއް ނޭނގޭކަމަށް އެ މީހުން ބުންޏެވެ.

ބައެއް މީހުން ސަލާމަތުން ނިކުތް ނަމަވެސް، ވާހަކަ ދެއްކި ބިދޭސީން ބުނީ އެ މީހުންގެ ހިތް ބިރު ގަންނަނީ އެތަނުގައި ބަޔަކު ތިބެދާނެތީ ކަމަށެވެ. އަދި އެ ފުރުސަތު ވެސް އެބައޮތްކަމަށާއި ސަބަބަކީ އެއީ ލަކުޑި ޕާޓްޝަންތަކެއް ޖަހާފައި ހުންނަ ކުޑަ ގޮޅިއަކަށްވުންކަމަށް ވެސް ބުންޏެވެ.

ކޮންމެއަކަސް އަލިފާން އެއްކޮށް ނިއްވާލުމުން ބައެއް ނޫސްވެރިން އެ ސަރަހައްދު ދޫކޮށް ދިޔަ އެވެ. އެހެން ނަމަވެސް އަހަރެމެން އެތަނުގައި މަޑުކޮށްލީމެވެ. އެހެން ތިއްބައި ކުއްލިއަކަށް މީހަކު ކޮނޑަށްލައިގެން އެ މީހާ ކަވަރުކޮށްގެން ބަޔަކު ގެންގޮސް އެމްބިއުލާންސަށް އެރުވި އެވެ.

ހަނދާނަށް އައީ، ކެމިކަލް ގުދަނުގެ ހާދިސާއެވެ. ހަމަ އެރޭ ވެސް އެމްއެންޑީއެފާއި، ފުލުހުން އަދި ރެޑް ކްރެސެންޓު އެލާޓަށް އައިސް އެ މީހުންގެ މޫވްމަންޓުތައް ފެނިފައި ވަތީ ތަނުގެ ތެރޭގައި ބަޔަކު ތިބީކަން ޔަގީން ކުރެވުނެވެ. ނަމަވެސް ފަޔާ ރެސްކިއު ޓީމަށް ފެނުނީ، ބައެއްގެ ފުރާނަ ގޮސްފައިވާ ހަށިތަކެއްކަމަށް އެއްގޮތަކަށް ވެސް ހީއެއް ނުކުރަމެވެ.

އަނެއްކާވެސް އިތުރު އެމްބިއުލާންސެއް ކައިރި ކުރި އެވެ. ނަމަވެސް މިފަހަރު އެމްބިއުލާންސް ވެއްދީ ގޯޅިއަށްކަމަށްވުމާއި އެކު ގޯހެއް އުޅޭކަން އެނގުނެވެ. ތަނުގައި އިން އެހެން މީހެއް މެދުވެރިކޮށް، ޑެޑް ބޮޑީސްތައް ފެނުނުކަން އެނގުނެވެ. އޭނާއާއި ސުވާލުކޮށް ކިތަށް މީހުން ތޯ އެހީމެވެ. ޖަވާބުގައި އޭނާ ބުނީ، އަދި ނޭނގޭކަމަށެވެ.

އަލިފާންގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނެޓު/ ފޮޓޯ: އަދަދު
އަލިފާންގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނެޓު/ ފޮޓޯ: އަދަދު

އެއްކޮށް އެ ސަރަހައްދުގައި ތިބި، ސަންގު ޓީމާއި އެކު އަނެއްކާވެސް ގޮސް މަގުގެ ސަރަހައްދު ބެލީމެވެ. ހަތަރެއް ނުވަތަ ފަސް އެމްބިއުލާންސެއް މަގުގެ އެކި ސަރަހައްދުތަކުގައި އޮތެވެ. އެހެން ތިއްބައި، އިރުކޮޅަކުން ބޮޑީ ބޭގުތައް ގެނައި ތަން ފެނުނެވެ.

ހިން ދިރުވާލައި، ކެމެރާމަނުން އަހަރެން ބުނީ އިރުކޮޅަކަށް އޮފީހަށް ދިއުމަށެވެ. އައި މަގުމަތީގައި، މާފަންނު ދަނޑުގައި އެ އެކަމޮޑޭޝަނުން ސަލާމަތް ކުރި މީހުން ތިބިތަން ފެނުނެވެ. ފަތިހުގެ އެ ވަގުތު މުޅިތަނުގައި އޮތީ އެ މީހުންގެ ރުއިމުގެ އަޑެވެ. އެވަގުތު އަހަރެން ދެރަވެ، ރުޅިވެސް އައެވެ.

އަހަރެމެންގެ ދުވަސްވީ އާދައެއްގެ ސަބަބުންނާއި، އިހުމާލުތަކެއްގެ ސަބަބުން ބައެއްގެ އާއިލީ ބައެއް މަރުވެ ދިޔައިރު ގައުމު އޮތީ ނިދާފަ އެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް ބޮޑީ ބޭގުތަކުގައި ގެންދަނީ/ ފޮޓޯ: މިހާރު
އަލިފާންގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނެޓު/ ފޮޓޯ: އަދަދު

ކޮންމެއަކަސް ތިން މީހުން އެކީ އޮފީހަށް އައި އިރު ވެސް އެ ސަރަހައްދުން ބައެއްގެ ކަށިތައް ފެނުނުކަން އެނގެ އެވެ. ނަމަވެސް އެ ހަބަރު ލިޔަން ބޭނުން ނުވީ، އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރުކޮށް ނުދެނީސް އެވަރުގެ ހަބަރެއް ނުލިމަށެވެ.

އޮފީހަށް އައިތާ މާ ގިނަ ވަގުތެއް ނުވެ، އެތަނުން ބަޔަކު ގެއްލިގެން ހޯދަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދަދަކަށް ބުނީ 09 އެކެވެ. ކެމެރާ ބެޓަރިތައް ބަދަލުކޮށް އަނެއްކާވެސް މިސްރާބު ޖެހީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ. އޭރު ކަޅު ކުލައިގެ ބޭގުތަކުގައި ކަށިތައް ނެރެމުން ދިޔަ އެވެ.

ގައުމެއް ހޭލައި، މުޅި ސޯޝަލް މީޑިއާގައި އޮތީ އެ ވާހަކަ އެވެ. ހެނދުނު 09:00 ޖެހި އިރު އެތަނުން ފެނުނު ހަށިތަކުގެ އަދަދު 10 އަކަށް އެރި އެވެ. ހެނދުނު އެ ސަރަހައްދުގައި ނުބައި ވަހެއް ހިފާފައި ހުއްޓެވެ.

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ އަހަރެމެންގެ މުޖްތަމައު ނިންޖަކުން ހޭލައްވާލި އަހެރެކެވެ. ގަރާޖުގައި ރޯވި އަލިފަންގަނޑު ފެތުރި އެތަނުގައި ތިބި މީހުންނާއި ހަމައަށް ފޯރައި ތަން އެއްކޮށް އަނދައި ހުލިވާން ނެގީ އެންމެ ދޮޅު މިނެޓެވެ.

ޖެހިގެން އައި ދުވަހު، މޯޗަރީ ކައިރިން ފެނުނީ އިންތިހާއަށް ހިތާމަވެރި މަންޒަރުތަކެވެ. ހިތްފަޅައިގެން ދާހާ ވަރުވެ އެވެ. ދިވެހިންގެ ތެރެއިން އެތައް ބަޔަކު މޯޗަރީ ކައިރިޔަށް ގޮސް، އެ މީހުންގެ ގޭގެ ކައްކައި ހަދައި އުޅޭ މީހާގެ ހަބަރެއް ނުވެގެން އޭނާގެ ފޮޓޯ ދައްކައި ހެދި އެވެ. ބިދޭސީންތައް އެ މީހުންގެ އާއިލާގެ މެމްބަރުން ނުފެނިގެން ރޮނީ އެވެ.

މޯޗަރީ ކައީރީ ގޮސް ހުއްޓެލި ވަގުތު އެންމެންގެ މޫނު މަތީން ފެނުނީ މޮޅިވެރިކަމާއި މާޔޫސްކަމެވެ. ހާދިސާގައި ނިޔާ މިހުންގެ އަދަދުގެ އިތުރަށް، ބައެއްގެ ހަށިތަކުގެ ބައިތައް ފެނިދާނެކަމަށް ބެލެވުނު އިރު ބިދޭސީންތައް އުޅުނީ އެ މީހުންގެ އެތައް އެކުވެރިންތަކެއް ވީނުވީއެއް ނޭނގި ގެއްލިގެންނެވެ. ބައެއް ފަހަރަށް އަހަރެމެން ނޫސްވެރިން ކައިރިއަށް އައިސް ފޮޓޯއެއް ދައްކައި ސުވާލު ކުރެ އެވެ.

މޯޗަރީ ކައިރީގައި ބިދޭސީންތަކެއް/ ފޮޓޯ: މިހާރު

އެމްބަސީތަކުގެ އޮފިޝަލުން ވެސް އެވަގުތު، މޯޗަރީގައި ތިބުމާއި އެކު އެ މީހަކު ނިކުންނަ ތަނުން ބިދޭސީން އޭނާ ކައިރިން ސުވަލު ކުރެ އެވެ. ނަން ބުނުމަށް ފަހު، އެ މީހެއްގެ ހަބަރެއް ވި ތޯ އާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދޭތޯ ވެސް ސުވާލު ކުރެ އެވެ.

ބައެއް މީހުން ފޯނުން ވީޑިއޯ ކޯލްތައް މެދުވެރިކޮށް އާއިލާއަށް ގުޅައިގެން ތިބިތަން ފެނެ އެވެ. މުޅިތަނުގެ ތެރޭގައި އޮތީ ރުއިމުގެ އަޑެވެ. ހަޔާތުގައި އަދި ދުވަހަކު ވެސް މިހާ ހިތްދަނި މަންޒަރުތަކެއް ފެނިފައި ނުވެ އެވެ.

ތަން ހަދާފައި ހުރީ ލަކުޑިން ޑެކު އަޅައިގެންކަމަށްވުމާއި އެކު ތަނުން ނިކުތުން ވީ އުނދަގޫކަމަށެވެ. ގިނަ މީހުން ހޭލެވުނީ ބޯ ދުމުގެ ތެރެއަށްކަމަށްވުމާއި އެކު ދާން ވީ ދިމާލެއް ނޭނގުނެވެ. އެގޮތަށް ނުނިކުމެވި ތިބެ އެ މީހުން މަރުވެ ދިޔައީ އެވެ.

އެތައް އަހަރުތަކެއް ވަން ދެން ރާއްޖޭގައި ކުރި ބުރަ މަސައްކަތުން ހޯދި ފައިސާކޮޅު އަތުޖައްސާނެ ވަގުތެއް އެއްވެސް މީހަކަށް ނުވި އެވެ. ބައެއް މީހުން ޖެހުނީ ސިޑީގެ ވަކި ހިސާބަކުން ފުންމާލަށެވެ. އަނެއްބައި މީހުންނަށް ސިޑިއާއި ހަމައަށް ނުދެވެނީސް އެ މީހުންނާއި ހަމައަށް އަލިފާން ފޯރީ އެވެ.

ނިރުފެހިގޭގައި ހަދާފައި ހުރި އެކަމޮޑޭޝަނުގައި އުޅުނީ، 26 މީހުންކަމަށް ބުނި ނަމަވެސް އެއީ އަސްލު އަދަދެއް ނޫންކަމަށް ބެލެވެ އެވެ. މި ބިދޭސީންނަކީ އެތަނަށް ފައިސާ ދައްކައިގެން އުޅެމުން އައި މީހުންނެވެ. ކުދި ކުދި ގޮޅިތަކެއް ހަދާފައިވާއިރު ކޮންމެ “ކޮޓަރިއެއްގެ” އެނދު ކައިރީގައި ކައްކާ ކެވޭ ގޮތަށް އާދައިގެ ކުޑަ ގޭސްފުޅިއެއް ހުއްޓެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ވާހަކަ ދެއްކުމުން އެ މީހުން ބުނީ، ތަނުގައި އުޅުނު ގިނަ މީހުންނަކީ ގޭގެއަށް ކައްކައިދީ ގޭތެރޭގެ މަސައްކަތުގައި އުޅުނު މީހުން ކަމަށެވެ. އެއީ ދިވެހި ގިނަ އާއިލާތަކާއި ގާތް، އަދި މުޅި ދުވަސް އެ ގޭތަކުގައި ހޭދަ ކުރާ މީހުންކަމަށް ވާހަކަ ދެއްކި ބައެއް އާއްމުން ކިޔައިދިނެވެ. އެ މީހުންނަކީ އެއީ ރާއްޖޭގައި އުޅޭތާ 10-12 އަހަރުވެފައިވާ މީހުންކަމަށްވުމާއި އެކު ދިވެހި ރަނގަޅަށް ދަންނާނެކަމަށް ވެސް ވެއެވެ.

އަލިފާނުގެ ހާދިސާއިން އެނގުނީ ރާއްޖޭގެ ހާލަތެވެ. އަހަރެމެންގެ މި ކުޑަ މުޖްތަމައުއަކީ ފިލާވަޅުތަކުން އިބުރަތް ލިބިގަންނަ ބައެއް ނޫންކަމެވެ. އެތައް އަހަރެއް ވަންދެން، ގައިން ދާ އޮހޮރުވައި ކުރާ މަސައްކަތަށް އެއްވެސް އަގުވަޒަން ކުރާތަން އަދި ކުރިތަން ނުފެނެ އެވެ.

އެ ދުވަހުގެ ހާދިސާގައި މަރުވެ ދިޔައީ 10 މީހުންނެވެ. އޭގެ ޖެހިގެން އައި ދުވަހު އަނެއްކާވެސް އެތަނުގައި އުޅުނު މީހެއްގެ ފަރާތުން އަޑުއިވުނީ “އެއީ ދިވެހިން ނޫންކަން ނަސީބެއް” ކަމަށެވެ. ތެދެކެވެ. ދިވެހިންނަމަ ގައުމު އެއްފުށް މިފުށަށް ޖެހުނީހެވެ. ސިޔާސީ ޕާޓީތަކާއި އެކު، ސަރުކާރު ވެސް ބިމުން ލުހިގެން ދާމިންވަރަށް ބަޔަކު ހަޅޭ ލެވީހެވެ. ނަމަވެސް، އެއީ ބިދޭސީންކަމަށްވުމާއި އެކު ސަރުކާރުގެ އިސް ބޭފުޅުނަށް ވެސް އެތަނަށް ދެވުނީ އެ ދުވަހުގެ މެންދުރު ވީފަހުންނެވެ.

ބިދޭސީއަކަސް، ދޭސީއަކަށް މިއީ ހިނގައިގެން ވާނެ ހާދިސާއެއް ނޫނެވެ. އަލިފާނުގެ ހާދިސާއެއްގައި 10 މީހަކު މަރުވުން އެއީ އާދައިގެ ކުޑަ ވާހަކައެއް ނޫނެވެ.

މި އަލިފާނުގެ ހާދިސާގައި އޮތީ ހަމައެކަނި ގަރާޖު ނުގަވާއިދުން ހިންގި ވާހަކައެއް ނޫނެވެ. ދެ ބުރިއަށް ނަގާފައި ހުރި އެ އިމާރާތުގައި ކުޑަ ގޮޅިތަކެއްގައި ކަންކާ ކެވޭ، ގޮތަށް ގޭސް ފުޅިތަކެއް ބަހައްޓާ، ބިދޭސީންނަށް ލޭބަރ ކުއާޓާ ދޫކުރި މީހަކުވެސް މިކަމުގައި ޒިންމާވާންޖެހޭނެއެވެ. އެ މީހަކު އަދިވެސް ފެންނަކަމަށް، ނޫނީ ހޯދުނުކަމަށް ނުވެ އެވެ. އެކަމަކު އެތަން ހިންގަނީ، ފުލުހުންގެ އޮފިސަރެއްކަމަށް ބުނުމާއި އެކު ފުލުހުން ވެސް އަވަރަށް އަވަސް އަރުވާލާފައި އެއީ ތިމަންނާމެންގެ މުވައްސަސާގެ އޮފީސަރަކާއި ވާ ބެހޭ ވެސް ތަނެއް ނޫނޭ ބުންޏެވެ.

މިކަމުން ޒިންމާން ނަގަން ޖެހުމުން، އިދާރާތަށް އަވަސް ވެގަތީ ބަޔާންތަކެއް ނެރެ ތިއީ ތިމަންނާމެންގެ މެންޑޭޓެއް ނޫނޭ ބުނުމަށެވެ. އެއް ބަޔަކު ސިޓީ ކައުންސިލް ކުށްވެރި ކުރިއިރު އަނެއް ބަޔަކު ކުށްވެރި ކުރީ ޕްލޭނިން މިނިސްޓްރީ އާއި މުޅި ސަރުކާރެވެ. ސިޓީ ކައުންސިލް ކުށްވެރި ކުރީ ސަރުކާރެވެ.

ސިޓީ ކައުންސިލުން ކުރަންވީ ކަމަކީ ކައުންސިލްގެ ޒިންމާ އަދާކޮށް ގަރާޖްތަކާއި ވޯކްޝޮޕްތައް ގަވައިދާ އެއްގޮތަށް ހިންގާތޯ ބެލުންކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. ރައްދުގައި ސިޓީ ކައުންސިލުން ބުނީ ބިދޭސީން ދިރިއުޅޭ ތަންތަނާ ބެހޭ ސާވޭއެއް ހަދައި ކަމާބެހޭ މިނިސްޓްރީތަކަށް ހުށަހެޅިންކަމަށާއި، ނަމަވެސް މިނިސްޓްރީ އިން ސަމާލުކަން ނުދިންކަމަށެވެ. ނަމަވެސް މިނިސްޓްރީން ބުނާ ގޮތުގައި ކައުންސިލުން ޢެފަދަ ސާވޭއެއްކޮށް ހިއްސާކޮށްފައި ނެތެވެ.

ޒިންމާތަކުން ބޯދަމައިގަތުމުގެ މަސައްކަތް ދެން ފެށީ ޕްލޭނިން މިނިސްޓްރީއިންނެވެ. އެ މިނިސްޓްރީން ބުނީ ވާހަކަތައް ފެތުރިފައިވަނީ މިކަމުގައި ކަން ހިގައި ދިޔަ ގޮތަށް ނޫންކަމަށާއި، ޒިންމާއިން ރެކެން މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖްއަށް ގަރާޖުތައް ބަދަލުކުރުން ޕްލޭނިން މިނިސްޓްރީއިން ހުއްޓުވީކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ އަކްރަމް ވިދާޅުވީ އެއީ އެއްވެސް އިރަކު ކައުންސިލްގެ ތަނެއް ނޫންކަމަށެވެ.

މިއީ އަބަދުވެސް ހާލަތެވެ. ތަންތަނާއި ހަވާލުވާން ވަރަށް ބޮޑަށް ވަކާލާތުކޮށް މަސައްކަތް ކުރެ އެވެ. ނަމަވެސް އެތަނެއްގައި ހިނގައިދާ، ނުވަތަ އެ ބަޔަކު ބޭނުންވެގެން އުޅޭ މެންޑޭޓެއްގެ ތެރެއިން ހިނގާ ހިތާމަވެރި ހާދިސާތަކުން ވަރަށް ފަސޭހަކަމާއި އެކު ބޯދަމައިގަނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: