ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ތުހުމަތު ކުރެވުނު ބޮޑެތި ކުށްތަކަށް އިންސާފް ނުލިބި ނިމުނު އަހަރެއް

ރިޟްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، މާލޭގައި ބޭއްވި ހިނގާލުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ކުރިމަތިލާން ޖެހުނު ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން، ބަންދަކުން ދޫވެ މުޅި ގައުމު 2022 ވަނަ އަހަރާއި ކުރިމަތިލީ ބޮޑެތި އުންމީދުތަކާއި އެކު އެވެ. ސަރުކާރުގެ ހިންގުމާއި ދުވެލި އަވަސްވާނެކަމާއި، ހުއްޓިގެން ދިޔަ ދިރިއުޅުންތައް އަލުން އާރާސްތު ކުރުމުގައި ފަސޭހަވާނެކަމަށް ހީކޮށްގެންނެވެ. ގެއްލުނު ވަޒީފާތަކާއި، މާލީ ގޮތުން ދަށް ވި އަމިއްލަ ވިޔަފާރި ކޮޅަށް ޖެހުމާއި އެކު ސިޔާސީ ހަމަޖެހުމަށް ކުރި އުންމީދާއި އެކު ވެސް މެ އެވެ.

ދިވެހީން ކުރިމަތިލާން ޖެހުނު، ހިތްދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރީ، އެއްވެސް ހާލެއްގައި ސިޔާސީ ހަމަނުޖެހުމެއް އައިސްދާނެކަމަށް ހީކޮށްގެން ނޫނެވެ. އެންމެން އެކީ މަސައްކަތް ކުރާނެކަމަށް ބެލެވުނު ވަގުތެއްގެ ތެރެއިން ފެނުނީ ދެ ބަސްވުމާއި، ކޯޅުންތަކެވެ. ދެ އަހަރުގެ ބޮޑު ބަންދަކަށް ފަހު، 2022 ގައި މުޅިން ވެސް ފެނުނީ ސިޔާސީ ކޯޅުމަކުން އާ ކުރިތަކެއް ފަޅަމުން ދިޔަ މަންޒަރެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދުރާލައި ރާވައިގެން، ބަޔަކު ދިން ޓެރަރިސްޓު ހަމަލާއަކީ، މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ހާދިސާ އެކެވެ. އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. މިއީ 2021 ވަނަ އަހަރުގެ ހާދިސާއެއް ނަމަވެސް، އެ ހަމަލާއަށް ފަހު މުޅި ރާއްޖޭގެ މަސްރަހު އެއްކޮށް ބަދަލުވީ އެވެ. މިއަދު ވެސް ބޮޑު ސުވާލު މާކެއްގެ ތެރޭގައި އޮތް އެ ހަމަލާއަކީ އަހަރުގެ ތެރޭގައި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި ހިނގި ކޯޅުމަށް އެންމެ ގިނައިން ބޭނުން ކުރި ވާހަކަ އެވެ.

ހަމަލާގެ ތަހުގީގު ސީރިއަސް ގޮތެއްގައި ތަހުގީގު ނުކުރާކަމަށް ބުނުމާއި، ހަމަލާއެއް ދޭން ބަޔަކު ރާވަމުން ދިޔަކަން ފުލުހުންނާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް އެނގިފައި ނުވާތީ އެމްޑީޕީގެ އެތެރެ ހޫނުވި އެވެ. އޭގެ ސަބަބުން އެމްޑީޕީގެ އެތެރޭގައި އެތައް ދުވަސްތަކެއް ވަންދެން ފަސް އަޅައި ފޮރުވާފައި އޮތް ދެ ބަސްވުންތައް މީޑިއާތަކަށް ތިލަވެ، އެންމެ ފަހުން އާއްމު ބޮޑެތި ފޯރަމްތަކުގައި ވެސް ހާމައަށް ފެންނަހެން ބަހުގެ ހަމަލާތައް ދޭން ފެށި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އިންސާފެއް ނުލިބުނު!

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑިއެއް ގޮއްވާލައި ހަމަލާއެއް ދިނީ އޭރު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ގއ. ކެނެރީގެއިން ނިކުމެވަޑައިގެން، ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާއިން އެނގުނީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތީން މަސައްކަތް ކުރިކަން ފަހުން ތަހުގީގުތަކުން އެނގިގެން ދިޔަ އެވެ. މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުން އެނގޭ ގޮތުގައި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އައިއީޑީ ހަރުކޮށްފައި އިން ސައިކަލު ޕާކުކޮށްފަ އިވަނީ 2021، މޭއި މަހުގެ 05 ވަނަ ދުވަހުގެ ރޭގެ 08:00 ގަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންކަމަށް، ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މިހާތަނަށް ހޯދުނު ހޯދުންތަކުން މިއީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއްކަން އެނގިފައި ނުވާކަން ފުލުހުން ބުނެ އެވެ. ނަމަވެސް އެކަން ގަބޫލު ކުރަން އެމްޑީޕީން ދެކޮޅު ހަދަ އެވެ.

ބާރު ސްޕީޑެއްގައި ކުރިޔަށް ގޮސް ޝަރީއަތްތައް ނިންމާލާނެކަމަށް ބެލެނުވުނު ނަމަވެސް، މި މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ހަމަލާގައި އިސްކޮށް އުޅުނުކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދަށެވެ. އަހަރު ނިންމާލަން ޖެހުނީ، ޝަރީއަތްތައް މަޑުމަޑުން ކުރިޔަށް ދިޔަ ނަމަވެސް މާބޮޑު ކުރިއެރުމެއް ނުލިބި އެވެ.

ހަމަލާގެ ހަގީގަތް ފޮރުވަން ސަރުކާރުން އުޅޭކަމުގެ ތުހުމަތު!

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ. މައްސަލައިގައި 09 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފުލުހުން ބުނީ މީގެ ތެރެއިން 04 މީހުންނަކީ ބޮން ތައްޔާރުކޮށް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުން ކަމަށެވެ.

މި މައްސަލައިގައި ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވެސް ކަންބޮޑުވުންފާޅުކޮށް ވާހަކަ ދައްކަވަ އެވެ. އަދި އެކަމުގެ ހަގީގަތް ފޮރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ބޭރުގެ މީޑިއާއެއްކަމަށް ވާ “ދަ ވިއޯން” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް އައިއިރު ވެސް ހަމަލާގެ އަޑީގައި ތިބި މީހުން ހޯދިފައި ނެތުމުން ކަންބޮޑުވާކަމަށެވެ. ކަމުގެ ހަގީގަތް އަދި މިހާތަނަށް ހޯދިފައި ނުވާއިރު ރައީސް ނަޝީދު ވަނީ ފަންޑު ކުރި ބަޔަކާއި، އެ މީހުންނަށް ބޮން ހަދަން އެނގުނު ގޮތެއް، އަދި އެހާ އެޑްވާންސް ޓެކްނޮލޮޖީއެއް ބޭނުން ކުރި ގޮތާއި ބެހޭ ގޮތުން އުފެދޭ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބޭ ކަމަށެވެ.

ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހުރިއިރު އެމަނިކުފާނުގެ އުންމީދަކީ ސަރުކާރުން ވީހާވެސް އަވަހަށް މައްސަލަ ނިންމުންކަން ފާހަގަ ކުރެއްވި އެވެ.

2022 ވެސް ނިމުނު އިރު ވެސް މަހުލޫފާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުނު!

މަހުލޫފްގެ މައްސަލަ ކޯޓަށް ފޮނުވުމުން، އޭނާ މަގާމުގައި ބެހެއްޓުމާއި މެދު ސަރުކާރު ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ. ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނި މަހުލޫފް ދެ ފަހަރެއްގެ މަތީން ސަސްޕެންޑު ކުރި އެވެ. ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމި ދިގުލައިގެން ދާތީ ރައީސް އޮފީހުން މަހުލޫފްގެ ސަސްޕެންޝަން އުވާލީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށްދާއިރު އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުގެ ލިސްޓުގެ ތެރޭގައި މަހުލޫފްގެ ނަން ހިމެނެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މަހުލޫފްއަށް ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި އެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އޭނާއަށް ދިން ފައިސާކަމަށް އޭސީސީން ބުނެ އެވެ. އަދި އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށްފަހު މަހުލޫފް މާލެ އައިސްފައިވަނީ ސީދާ ވޯޓަށްކަމަށް ވެސް ބުނެފައި ވެއެވެ.

މަހުލޫފްގެ މައްސަލައިގެ ޝަރީއަތެއް ތާވަލު ކުރި ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އެ ދުވަހު އޭނާ ރައީސް ސޯލިހާއި އެކު ސަރުކާރުގެ ވިޔަވަތި އިވެންޓުގައި ހުންނެވުމުންނެވެ.

އަަހަރު ފެށުނު އިރު އަލީ ވަހީދު ފިލައި ހުރެ ކުރި ސިޔާސީ ޓުވީޓުތައް “ހުއްޓުމަކަށް”!

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، އަލީ ވަހީދު މަގާމުން ވަކި ކުރީ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިިކަމުގެ ތުހުމަތުގަ އެވެ. ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު މިވަގުތު ހުންނެވީ މާޒީ ތަކުރާރުކޮށް އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގަ އެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިން ހުއްދައާއި އެކު، ރާއްޖެއަށް ވަޑައިނުގެން ހުންނެވި އަލީ ވަހީދުގެ މައްޗަށް ދާދިފަހުން ސުޕްރީމް ކޯޓުން ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ އެ ކޯޓުގެ ހުރުމަތް ކަނޑާލުމުންނެވެ.

ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދާތީ އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވުމުން ވެސް އެގޮތަށް އަލީ ވަހީދު އަމަލުކޮށްފައި ނުވެ އެވެ. އެ މައްސަލައިގައި އަލީ ވަހީދަށް ކޯޓުގެ ހުރުމަތް ކަނޑާލި ކުށުގައި 2 މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ކޯޓުން އިއްވި ދެ މަސް ދުވަހުގެ ހުކުމާއި އެކު އަލީ ވަހީދުގެ ގާނޫނީ ޓީމުން އާއްމު ކުރި ބަޔާނެއްގައި ބުނީ އޭނާއި މެދު އަމަލު ކުރެވެމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކަމާއި އެކު ކަމަށެވެ. މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

ވަކީލުން ބުނެފައިވާ ގޮތުން ގޮތުން، މިއީ މިހާ ބޭއިންސާފުން ރާއްޖޭގައި މީހަކާއި މެދު އަމަލު ކުރި ފުރަތަމަ ފަހެރެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން ތަކުރާރުކޮށް މީޑިއާތަކުން ވަނީ ޕީޖީއާއި ސުވާލުކޮށްފަ އެވެ. އަދި އިއްވާފައިވާ ހުކުމް ތަންފީޒު ކުރުމަށް ކިހާވަރަކަށް މަސައްކަތް ކުރެވޭތޯ ސުވާލު ކުރުމުން ކަރެކްޝަންސްއިން ބުނީ އަލީ ވަހީދު މިވަގުތު ހުރީ އެމީހުންގެ އިހުތިސޯސް ހިނގާތަނެއްގައި ނޫންކަމުން ފުލުހުންގެ އެހީއަށް އެދިފައިވާ ކަމަށެވެ. ފުލުހުން ބުނީ އިންޓަޕޯލް ރެޑް ނޯޓިސްއެއް އައްމުކޮށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެ، އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން މީގެ ކުރިން ޕީޖީ ވެސް ވާހާކަ ދެއްކެވި އެވެ. ނަމަވެސް އެކަމުގައި އެއްވެސް އަމަލީ ސިފައެއް ނުޖެހެ އެވެ.

އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ ޓުވީޓުތައް ކުރި ނަމަވެސް އެ ޓުވިޓުތަކަށް ވަނީ ނިމުމެއް އައިސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: