ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބުރޭގެ ރައްދު: ”ދަފްތަރުގައި ރައީސްގެ ބޭބެގެ ވެސް ނަން ނެތް، އެވެސް ނަޝީދަށް ވޯޓު ދޭނެތީ އުނި ކުރި ނަމެއް ތޯ؟“

އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އިބްރާހިމް ވަހީދު/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީއާއި ދިމާކޮށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ދީ، ވޯޓު ނުދޭނެހެން ހީވާތީ ދަފްތަރުގައި އޮތް ނަމަށް ބަދަލު ގެނެސްފައި ނުވާނެކަމަށް ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ދިމާކޮށް ޕާޓީގެ ދަފްތަރުން 39000 މެމްބަރުން ވަކި ކުރިކަމުގެ ޝަކުވާ ހުށަހަޅުއްވާފައި ވަނީ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ރައީސް ނަޝީދުގެ ޝަކުވާތަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ދަފްތަރުގައި 23،000 އަށް ވުރެ ގިނަ މެމްބަރުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންކަމަށާއި 11،000 މެމްބަރުންނަކީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުން ކަމަށެވެ.

ޕާޓީގެ ގިނަ ދުވަސްވީ މެމްބަރުން ދަފްތަރުން ވަކިކުރިކަމަށް ބުނެ ކުރަމުން ގެންދާ ތުހުމަތުތަކުގެ ތެރެއިން ޕާޓީގައި އިސްކޮށް އުޅެފައިވާ މީހުންގެ ނަން ނެތް މައްސަލަތައް ވެސް ފެންމަތިވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އެމްޑީޕީގެ ވެސް ބައެއް މަގާމުތައް އަދާކުރައްވާފައިވާ ހާމިދު އަބްދުލްޣަފޫދު ޕާޓީގެ ދަފްތަރުގައި ނެތްކަން މިސާލެއްގެ ގޮތުގައި ފާހަގަކުރުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާ އިބްރާހިމް ވަހީދު ވިދާޅުވީ ހާމިދު ޕާޓީގެ ދަފްތަރުން އުނިކުރީ އޭނާ އަމިއްލައަށް އެދިގެން ކަމަށެވެ.

އެމްޑީޕީން ހާމިދު ވަކިކޮށްފައި ވަނީ އޭނާގެ ފަރާތުން ސިޓީތައް ހުށަހަޅާފައިވާތީކަން ފާހަގަކޮށް އިބްރާހިމް ވަހީދު ވިދާޅުވީ ދަފްތަރުން ނަން އުނި ކުރުން ލަސްވެގެން ވެސް ސިޓީތައް ފޮނުވި ކަމަށެވެ.

”އެހެންވީމާ ނޯންނާނެ ނޫން ތޯ… އަމިއްލައަށް އެދިގެން ހާމިދު ވެސް ވަކި ކުރީ.. ދެން އެއް ބޭފުޅެއްގެ ތިމާގެ ބޭފުޅުންނޭ ބުނާއިރު އަޅުގަނޑު ބަލާލިން 39،000 މީހުންގެ ތެރެއިން އަޅުގަނޑުމެން ބެލި މައުލޫމާތުތަކުގައި ކެނޑިޑޭޓު ނަންމަބަރު ދޭއް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަފާ ބޭބެމެން ވެސް ނަން ކަނޑާފައި އޮތީ.. ދެން އެބޭފުޅުން ވެސް އަލުން ފޯމު ހުށަހެޅީ“

މައްސަލައިގައި އިބްރާހިމް ވަހީދަށް ރައްދު ދީ، ހާމިދު މިއަދު ވިދާޅުވީ އޭނާ ސިޓީ ހުށަހެޅީ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދިނުމަށް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުކަމުން ވަކިވުމަށް އެދިފައި ނޯންނާނެކަމަށް ވިދާޅުވި އެވެ. ހާމިދު ވިދާޅުވީ ލިޔެކިއުންތައް ރަނގަޅަށް ނުބެލެހެއްޓޭ ތަނުގައި ފެންނަނީ ރީނދޫ ޓައި އަޅައިގެން ތިބެ ވައްކަން ކުރާ މަންޒަރު ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ، ޕާޓީތަކުގެ ދަފްތަރުގައި މިފަދަ މައްސަލަތައް ދިމާވާކަން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އެނގޭކަމަށެވެ. އަދި މިއީ ހައްލު ކުރަން ޖެހޭ މައްސަލައަކަށްވާއިރު ވަކި ކެނޑިޑޭޓަކާއި ގުޅުވައި ވަކި ކުރި އެއްވެސް މެމްބަރެއް ނެތްކަމަށް އެނާ ވިދާޅުވި އެވެ.

ޕާޓީން މެމްބަރުން ވަކިކޮށްފައި ވަނީ، ޕްރައިމެރީގައި ވޯޓު ނުދޭނެހެން ހީވާ މެމްބަރުންކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކަށް އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ސޯލިހުގެ އެއްބަފާ ބޭބެގެ ނަން ވެސް ދަފްތަރުގައި ނެތިގެން އަލުން ފޯމު ހުށަހެޅި ކަމަށެވެ. އެހެންކަމުން އެ ވެސް ރައީސް ނަޝީދަށް ވޯޓު ދޭނެހެން ހީވާތީ ދަފްތަރުން ވަކި ކުރުންތޯ ބުނެވިދާނެ ތޯ އޭނާ ސުވާލު ކުރި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ވަކި ބޭފުޅެއް އެއީ ރައީސް ނަޝީދާއި އަރިސް ގާތް މެމްބަރަކަށް ވީތީ ޕާޓީން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި ބައެއް ހެން މެމްބަރުންގެ ނަންތައް ފަހުން ދަފްތަރުގައި ހިމެނިފައި ވަނީ އެ މީހުންގެ ނަންތައް ނެތްކަން އެނގި އަލުން ފޯމު ހުށަހަޅާފައި ވާތީކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: