ބަންގްލަދޭޝްގެ އަލަމްގިރި އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ރިކޯޑްކޮށް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލްކޮށް ފައިސާ ހޯދިކަމަށް ބުނާ މީހުން ދޫކޮށްލައިފިއެވެ.
އަލަމްގިރީގެ ވީޑިއޯ ލީކްކޮށްލި ކަމަށް ތުހުމަތުކުރާ މީހުން ދޫކޮށްލުމުގެ އިތުރުން އެމައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ،
އަލަމްގިރީގެ ވީޑިއޯ ލީކްކުރި މައްސަލައާއި ގުޅިގެން ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ހެކިތަކަކަށް ނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު ކުރެވުނު މަޝްވަރާގައި އެ އޮފީހުން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލަމްގިރީގެ ވީޑިއޯގެ މައްސަލައިގައި ހައްޔަރުކުރި މީހުން މިހާރު ދޫކޮށްލާފައިވި ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިއްޖެނަމަ އަލުން އެ މައްސަލަ ބަލާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެއްޖިންސުން ގުޅުން ހިންގައި މަންޒަރު ރިކޯޑްކޮށް ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. އަދި އެތަނުން ތިން މީހެއްގެ ވަނަވަރުވެސް ވަނީ އާއްމު ކޮށްފައެވެ. އެމައްސަލައިގައި ބާކީ ތިބި ދެމީހުންގެ މައުލޫމާތު ހާމަކޮށްފައިނުވަނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުން ދޫކޮށްލުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށް ލީކްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބ ދަރަވަންދޫ އަކިރި ހަމްދޫން އަބްދުﷲ އާއި ބ ދަރަވަންދޫ ހީމަ މުހައްމަދު މިހާދުގެ އިތުރުން ށ ފުނަދޫ ސީސްޓަރ މައުމޫން މޫސާ އެވެ.

