މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކޮށް އެމްޑީޕީގެ ޓިކެޓުގައި ރައީސް ކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ 2008 ވަނަ އަހަރު އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ކަންކަން އިޔާދަވިޔަ ނުދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންނަށް ރ، މާކުރަތަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ރައީސް ސާލިޙް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން ބަދަލުވީ ރަނގަޅަށް ނޫން ކަމަށާއި އެއީ އެކަން ވާން ޖެހޭ ގޮތް ނޫން ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ ސަރުކާރެއް ބަދަލު ވާން ޖެހޭނީ 2008 ވަނަ އަހަރު ގާއިމް ކުރެވުނު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތަށް ނޫން ކަމަށާއި އެކަން ދަވަނަ ފަހަރަށް ވާން އެމަނިކުފާނު ނޭދޭ ކަމަށާއި އަދި އެފަދަ ކަމަކަށް ޖާގަ ވެސް ނުދެއްވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރު ގާއިމް ކުރެވުނު އެމްޑީޕީ ސަރުކާރަކީ ވެސް ކޯލިޝަނެއްގެ ތެރެއިން ގާއިމް ކުރި ސަރުކާރެއް ކަމަށާއި އަދި އެމްޑީޕީގެ އެ ސަރުކާރު ބަދަލުވާން ޖެހުނު މައިގަނޑު އެއް ސަބަބަކީ ވެސް ކޯލިޝަން ރޫޅި ދެ އެ ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެން ކަމުން އެއީ މިއަދު އެމްޑީޕީގެ މެމްބަރުން ވިސްނަން ޖެހޭ ކަމެއް ކަމަށާއި ހާއްސަކޮށް އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާއިރު އެމްޑީޕީން މައިނޯރިޓީއަށް ޖާގަ ދޭން ޖެހޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަން ކުރެވޭނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އެމަނިކުފާނު ކާމިޔާބުކޮށްގެން ކަމަށާއި އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އެމަނިކުފާނަށް ކާމިޔާބު ކުރެވިއްޖެނަމަ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރު ބަދަލުވުމަށް ފަހު އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ކަންކަމަކީ ގަބޫލު ކުރަން ދަތި ހިތްދަތި ދުވަސްތަކެއްގެ ގޮތުގައި ރައީސް ސާލިޙް ސިފަ ކުރެއްވިއެވެ. އަދި އެތައް އަހަރެއް އެމްޑީޕީން މަގުމަތީގައި އެޅެން ޖެހުނު ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ކުރިމަތިލާން ޖެހުނު ހިތްދަތި ކަންކަން އަލުން އިޔާދަ ވާން ނޭދޭނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް އަމަނިކުފާނަށް ދޭން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވީ ނަމަވެސް ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ނުވާނެ ކަމަށާއި އަބަދުވެސް ރައްޔިތުން ބާކީ ނުކުރަން އެ ޕާޓީން ވިސްނާ ކަމަށެވެ. އަދި ހަމަހަމަ އުސޫލުން އެންމެންނާ ގުޅިގެން އެއްކޮށް މަސައްކަތް ކުރެވޭނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އެމަނިކުފާނު ކާމިޔާބު ކޮށްގެން ކަމަށާއި އެހެން ކަމުން މާޒީގައި ކަން ހިނގާފައިވާ ގޮތަށް ވިސްނުމަށް ފަހު އެމްޑީޕީގެ މެމްބަރުން ޕްރައިމެރީގައި ވޯޓު ލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ވިސްނުމެއް ހުންނަން ޖެހޭނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑިޕީ ތެރޭގައި ބާއްވާ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށް އެންމެންގެ ވެސް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

