ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު ތަންފީޒު ނުވެ، ރައްޔިތުން މާލެ އައުމަށް މަޖުބޫރުވާތީ ނަޝީދުގެ ފާޑުކިއުން ސަރުކާރަށް!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވައުދުވީ ގޮތަށް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރެވިފައި ނުވާތީ ތައުލީމު ހޯދުމަށާއި، ބޭސްފަރުވާއަށް އަދިވެސް މާލެއަށް ރައްޔިތުން ބަދަލުވާން މަޖުބޫރުވެފައިވާކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމެރީއަށް ވަނީ ދެ ހަފްތާއަށް ވެފަ އެވެ. އިންތިހާބުގައި ވާދަ ކުރައްވަނީ ދެވަނަ ދައުރަކަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމެއް ކުރެއްވި ރައީސް ނަޝީދެވެ.

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު ދެ ރައީސުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދުކުރުމާއި ތަފާތު އެކި ތުހުމަތުތައް ކުރުން ވަނީ އިތުރުވެފަ އެވެ. އަދި ފޯރިއާއި އެކު ކެމްޕެއިންތައް ކުރިޔަށް ދާއިރު ދެ ރައީސުން ވެސް މިވަގުތު ތިބީ ތާއީދު ހޯއްދެވުމަށް އަތޮޅު ތެރޭގަ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ގައުމުގެ ރައީސަކަށް އައުމަށް ބޭނުންވާ ރައީސް ނަޝީދު ވަނީ ބައެއް ރަށްތަކަށް ވަޑައިގެން ތަރައްގީއާއި ގުޅުން ހުރި ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުންނާއި އެ މަސައްކަތްތަކުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިޔަށް ނުދާކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާއިރު ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ބައެއް ރަށްތަކުގައި ހިންގަން ޖެހޭކަމަށް ގަބޫލު ކުރެވޭ ބައެއް ޕްރޮޖެކްޓުތަކަށް ރައީސް ނަޝީދު ވައުދުވެވަޑައިގެންނެވި އެވެ.

ތ. އަތޮޅު ވިލިފުށިއަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެއާޕޯޓެއް އަޅައިދިނުން ކަމަށެވެ. ވިލިފުށީގައި ދިރިއުޅޭ މީހުންގެ އަދަދު އަހަރުން އަރަށް ދަށްވަމުން ދާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އާމްދަނީތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު ވިލިފުއްޓަށް ލިބުނު މާބޮޑު ކުރިއެރުމެއް ނެތް ކަމަށެވެ.

އެގޮތަށް ދިމާވި ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާއިމުވެފައި އޮތް ނަމަވެސް، ކައުންސިލްތަކުން މާލޭގެ ކަންކަމާއި ގުޅުން ބޭއްވުމަށް މަސައްކަތް ކުރުމާއި އަދި ރަށުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. އޭގެ ތެރޭގައި ރަނގަޅު ތައުލީމީ ނިޒާމެއް އަދިވެސް ބިނާވެފައި ނެތުމުގެ ސަބަބުން މާލެއަށް ބަދަލުވުން އާއިލާއަށް މަޖުބޫރުވެފައިވާއިރު ބޭސްފަރުވާއަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ، މާލެ ނޫން އިތުރު ތަނަކުން އެ ފަރުވާ ލިބެން ނެތުމުން އެތައް ބަޔަކު މަޖުބޫރީ ހާލަތެއްގައި މާލެއަށް ބަދަލުވަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިއީ އެމްޑީޕީން ގެންނަން ބޭނުންވި ލާމަރުކަޒީ ނިޒާމު ތަންފީޒު ނުކުރެވޭތީ ދިމާވާ ހާލަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވިލިފުށީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ހުރި ޝަކުވާތައް ރައްޔިތުންގެ މޫނު މަތީން އިހުސާސް ކުރެވޭކަމަށާއި މި ސަރުކާރުން އެއްވެސް ތަރައްގީއެއް ރަށަށް ގެނެސްދީފައި ނުވާތީ ރައްޔިތުން ތިބީ މާޔޫސްކަމެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވިލިފުށީގެ ސްކޫލާއި ހޮސްޕިޓަލް އަދި ހިދުމަތް ދޭ އިތުރު ތަނަކަށް އައި ކުރިއެރުމެއް ވެސް ނެތެ ކަމަށެވެ. ވައުދުވީ ގޮތަށް މަޝްރޫއުތައް ކުރިޔަށް ނުދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށާއި އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް އުންމީދީ ދުވަސްތަކެއް ގެނެސްދިނުމަށްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: