ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއަށް ރައީސަކު ހޮވާފައި ނިންމާލިޔަސް، ކުރިޔަށް ދާން ޖެހޭނީ ރިޔާސީ އިންތިހާބުގެ ފޯމިއުލާއާއި އެކު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބަށް ވުރެންވެސް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހއ ކެލައަށް ވަޑައިގެން ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ މުހިއްމުވާ ސަބަބަކީ ރިޔާސީ އިންތިހާބާއި ޕްރައިމަރީއާއި ގުޅިފައިވާތީ ކަމަށެވެ.

ޕްރައިމަރީ އިން ކެންޑިޑޭޓަކު ނެގިދާނެ ކަމަށާއި ނަމަވެސް އެހިސާބުން އަދި ނުނިމޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެެވެ.

ރައީސް ސާލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ތަފާތު ކަމަށެވެ.

ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބެއްގައި ރައީސަކު ހޮވިދާނެ. އެހިސާބުން އެނިމުނީ. ޗެއަރޕާސަން އެއް ހޮވިދާނެ. ދާއިރާގެ ރައީސް އެއް ހޮވިދާނެ. އެހެންނަމަވެސް މީގައި ކެންޑިޑޭޓެއް ހޮވުމަށްފަހު އަދި އެހިސާބަކުން ނިމޭކަށް ނެތް. ދެން އޮތް އިންތިހާބު އެބަޖެހޭ ކާމިޔާބު ކުރަން. އެހެންވީމާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޮމިއުލާ އަކާ އެކީގައި ތިބޭފުޅުން ކުރިއަށް ވަޑައިގަތުން އެއީ އަޅުގަނޑުގެ އެދުމަކީ.

ޕާޓީގެ ޕްރައިމަރީ އަށް ފަހުގައި އަދިވެސް އިންތިހާބެއް ކުރިމަތީ އެބައޮތްކަން ވިސްނުމުގައި ބަހައްޓަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެއިންތިހާބަކީ ކުރިއަށް އޮތް ފަސްއަހަރު ދުވަހަކު ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ މެމްބަރުންގެ ވިސްނުމާއި ނިންމުންތައް އަމާޒުކުރަންވާނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުަމަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ގެންދަނީ ރާއްޖޭގެ އެކި ރަށްރަށަށް ޕްރައިމަރީގައި ދަތުރުކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކުރަމުން ކަމަށެވެ. އެގޮތުން މިއަދު ހއ ގައި މާދަމާ ހދ އަތޮޅަށް އަނެއް ދުވަހު ށ އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ނިމިގެންދިޔަ ހަފްތާގައި ކުރިއެކި ދަތުރުތަކުގައި ސާފުކޮށްފެންނަން އޮތް މަންޒަރަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ގިނަ ރަށްރަށުގައި ފެށި ބައެއް މަސައްކަތްތައް ނިމި އަނެއްބައި މަސައްކަތް ކުރިއަށްދާ ކަން ކަމަށެވެ.

ކޮންމެ ރަށަކުންވެސް އެކަން ބަލައިގަނޭ. އަދި ކޮންމެ ރަށަކުންވެސް އެރަށެއްގެ ރައްޔިތުން ބޭނުންވަނީ އެމަސައްކަތްތައް ކުރިއަށް ގެންދަން. އެމަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ ވެރިކަމުގައި އަޅުގަނޑުމެން ތިބެގެން. އެހެންކަމުން މުޅި ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ރަށްތައް ތަރައްގީ ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ކުރިއަށްގެންދިއުމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެބަޖެހޭ. މިއްޔަކީ ހަމައެކަނި އަޅުގަނޑަކަށް ނޫނީ އެމްޑީޕީ އަށް ކޮށްދޭ ކަމެއްނޫން. މިއީ އެއަށްވުރެ މާބޮޑަށް ވިސްނުންތެރިކަމާއެކުގައި މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމެއް.

އެމްޑީޕީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮންމެ ރައްޔިތަކުވެސް އެމީހަކު އެހުރި ތަނަކުން، ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ފެށުނީއްސުރެ އެމްޑީޕީގެ ސިޔާސަތު. ވަކި ތަނެއްގައި ވަކި މީހަކު ހުރުމުން އެމީހަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމް ވުމަކީ އެއްވެސް ރަށެއްގައި އެއްވެސް އިރެއްގައި އެމްޑީޕީ ވަކާލާތު ކުރި ގޮތެއް ނޫން. އެހެންވެ ކުޑަރަށެއްގައި ދިރިއުޅޭ މީހާއަށްވެސް ބޮޑުރަށެއްގައި ދިރިއުޅޭ މީހާ އަށްވެސް  އަދި ސިޓީ ތަކުގައި ދިރިއުޅޭ މީހުންނަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ. އެއީ އެމްޑީޕީގެ ސިޔާސަތު. އެކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އަކީ މިވަގުުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި ނަމަވެސް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުުރުމަކީ އެއްވެސް ޕާޓީ އަކަށް އަދި އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. މިއަދު ސިޔާސީ މަޝްރަހު އޮތް ގޮތުން އެކަކު އެކަނި ނިކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްދޭއިރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކާމެދު  ފުންކޮށް ވިސްނުމަށް  ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނަށް އޮތް ތާއީދު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދާ ކަމަށެވެ. އަދި މި ޕްރައިމަރީގައި އެމަނިކުފާނު ހޮވުމަށް ތާއީދު ކޮށް ވަކިވަކި ފަރުދުން ބައްދަލު ކުރާ ކަމަށާއި އެމްޑީޕީގެ މެމްބަރުން އަނިޔާވެރިކަމަށް އެނބުރި ދިއުމަށް ބޭނުންނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: