ރިޔާސީ ޕްރައިމަރީގައި ނުކުމެވަޑައިގެން ހުންނެވީ ކޮންމެ ރަށެއްގައިވެސް ދިރިއުޅެމުންދާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރެއްގެ މައްޗަށް ލާޒިމު ކަމެއްގެ ގޮތުގައި ދެކިވަޑައިގެން އެ ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އއ މާޅޮހުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މާޅޮސް ސަރަހައްދުގައި އާބާދީ ކުޑަ ވުމުގެ ސަބަބުން، ވޭތުވެދިޔަ ދައުރުތަކުގައި އެ ސަރަހައްދުގެ ކުރިއެރުމަށް މާ ބޮޑު އަހައްމިޔަތެއް ދެވިފައިނުވާކަމަށެވެ. އަދި ހުރިހާ ރަށެއްގައިވެސް ފެނާ ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުން މުހިންމުކަމަށާއި، ދާއިރާގެ އެތައް ރަށެއްގައި ލަފާ ފުރުމުގެ ދަތި އުނދަގޫކަންވެސް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތަކަށް ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް ތިބިކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ރަށުގައި ތިބެގެން ދަރިންނަށް ތައުލީމެއް ހޯދައިދީ ދިރިއުޅެއް ބިނާ ކުރުމަށް ބޭނުންވާ އެތައް ރައްޔިތުންނެއްވެސް އެ ސަރަހައްދުގައި ދިރިއުޅެމުންދާކަމަށެވެ.
އަރި އަތޮޅަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ހަބު ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ދެވަނަ މާސްޓާ ޕްލޭނާއި އެއްގޮތަށް ތަރައްގީ ކުރަން ފަށާފައިވާ ޒޯނަކީވެސް އެ ސަރަހައްދުކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަނީވެސް އެ ދާއިރާއިންކަމަށްވީނަމަވެސް ޓޫރިޒަމަށް ފަންސާސް އަހަރު ފުރިގެންދިޔަ އިރު، އެ ސަރަހައްދުގެ ރަށްތަކަށް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައިވެސް ތަރައްގީތަކެއް ގެނެވިފައިނުވާކަމަށާއި، އެ އަހަރުތަކަަށް ވީ ތަރައްގީ ގެނެސްފައިވަނީ މި ދައުރުގައި ވޭތުވެގޮސްފައިވާ 4 އަހަރުގެ ތެރޭގައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ބަޔަކު މީހުންނާއި މެދު އިހުމާލެއް ވެވޭނީ މިވަރަކަށް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކާ އެސެޓުތައް ހުރި ސަރަހައްދުގައި ރައްޔިތުން ދިރިއުޅެމުންދަނީ އެކަށީގެންވާ ހާލަތެއްގައި ނޫންކަން ދާއިރާގެ މެމްބަރުން ދަނީ ފާހަގަކުރައްވަމުންކަމަށެވެ. އަދި އެމަނިކުފާނަށް ބަލަން ނުހުރެވޭނެކަމަށާއި ވެރިކަމާއި ހަވާލުވެވަޑައިގެން އެމަނިކުފާނު އެންމެ ފުރަތަމަވެސް މަސައްކަތްކުރެއްވީ، އިހުމާލުތަކެއް ވެފައިވާ ދާއިރާތަކުގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވުމަށްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހިދުމަތްތައް ލިބިފައިވާ ރަށްތަކަށް ވަޑައިގަތުމުން އެ ރަށްތަކަށްވުރެ މީހުން މަދު ރަށްތަކުގައި ގިނަ އަދަދެއްގެ މަސައްކަތްތައް ކުރަމުންދާކަމުގެ ޝަކުވާ ލިބިގެންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ވިސްނުމަށާއި މީހުންގެ އަދަދަށް ނުބަލައި ކޮންމެ ބަޔަކަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވުންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރަހައްދުގެ ރަށްތަކުގައި ގިނަ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ދާކަމަށެވެ. އަދި ފައިސާގެ ގޮތުން ފަސް ރަށަށް މިހާތަނަށް 202 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފޮތްތަކާއި ފަތްފުއްތަަށް ހުޅުވާ ބަލާލުމުން، މިހާރު އައިސްފައިވާ ތަފާތުތައް ސާފުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

