ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 މިލިއަން ޑޮލަރުގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފުތިތާހުކޮށްފި

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވޯލްޑް ބޭންކް ހިމެނޭހެން އެކުލަވާލެވިފައިވާ 10 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓަކީ 5 އަހަރުދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

އޭއީޑީޕީގެ މައިގަނޑު މަޤްސަދުކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ، ޘާނަވީ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، ޘާނަވީ ގްރޭޑްތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ. މި ޕްރޮޖެކްޓަކީ ސްޓެމް އެޑިޔުކޭޝަން ތަޢާރަފުކުރުމާއި، ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، ޢާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ޘާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއްކަމަށްވެސް އެޑިއުކޭޝާން މިނިސްޓްރީއިން ބުނެފައިވެއެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިންސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭގޮތަށް ވަޞީލަތް ފުރިހަމަ ރިސޯސް ސެންޓަރު ޤާއިމް ކުރެވިގެންދާނެކަމަށެވެ. މީގެ އިތުރުން ޘާނަވީ މަރުޙަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤްސަދުގައި ސްކިލް އަދި ސްޓެމް ލެބް ޤާއިމް ކުރުމަށް މި ޕްރޮޖެކްޓްގައި ޕްލޭން ކުރެވާނެކަމަށް ވަނީ ބުނެފައެވެ. މިކަމަށްޓަކައި ސްކޫލްތަކުގައި މިހާރު ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށް ތިމާވެއްޓާއި ރައްޓެހި، ’ގްރީން ކޮންސެޕްޓް‘ ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް މަސައްކަތްތަކެއްވަނީ ފެށިފައިކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މުދައްރިސުންނަކީ ތަޢުލީމީ ހުރިހާ މަސައްކަތެއް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް ފާހަގަކޮށް، އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ދަށުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވާދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަޞީލަތްތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ. މި އެހީގެ ސަބަބުން މުދައްރިސުންގެ ފަންނީ ހުނަރުގެ ބޭނުންހިފައި، ދަރިވަރުންނާ އެކު އިތުރަށް ގުޅިގެން ކިޔަވާދެވޭނެ މާހައުލެއް  ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޓީޗަރުންގެ މޯޓިވޭޝަން، ޕެޑަގޯޖިކަލް ސްކިލްސް އަދި ޤާބިލުކަން އިތުރުކުރުމަށްޓަކައި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސް.ބީ.ޕީ.ޑީ) އަށް ވެސް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ލިބިގެންދާނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ތަޢުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕްރޮޖެކްޓް އިންޓަރވެންޝަންތަކުގެ ދާއިރާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާންމު ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ ކޮލިޓީ އެޝުއަރަންސަށް މިޕްރޮޖެކްޓުން އަހަންމިއްޔަތުކަމެއްދޭނެކަމަށެވެ. މިގޮތުން ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) ގެ އެކްސްޓަރނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަކީވެސް މިޕްރޮޖެކްޓްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޘާނަވީ ގްރޭޑްތަކުގައި ޕްރޮޖެކްޓްގައި ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި ސްކޫލްރިވިއު ރިޕޯޓްކުގައި ފާހަގަ ކުރައްވާ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ކޮންމެ ސްކޫލަކަށް ’ސްކޫލް ގްރާންޓް‘ ދިނުމަށްވެސް މަސައްކަތް ކުރެވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: