މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއިމެދު އިތުބާރު ދެމެހެއްޓުމުގެ ގޮތުން، ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކެއް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ހުށައަޅައިފިއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާގޮތުން، ވޯޓު ލުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގައި އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ ލިސްޓެއް ހުންނަންވާނެއެވެ. އަދި އެ ލިސްޓުގައި ހިމެނެންވާ ބައެއް މައުލޫމާތުތައްވެސް ފާހަގަކޮށްފައިވާއިރު، ލިސްޓާއިމެދު ދެ ކެންޑިޑޭޓުންވެސް އެއްބަސްވެ ސޮއި ކޮށްފައިވާން ވާނެކަމަށް ބުނެފައިވެއެވެ.
ފިކުރެއްގެ ދިރުން ކެމްޕެއިން ޓީމުން ބުނެފައިވާގޮތުން ވޯޓުލާން ފެށުމގެ ކުރިން މަރުކަޒުތަކަށް ލިބޭ ވޯޓު ކަރުދާސްތައް ކެނޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި ގުނުމަށްފަހު އަދަދުކޮށް، ލިބުނު ކަރުދާހުގެ އަދަދުތައް އިއުލާނު ކުރަންވާނެއެވެ. އަދި ވޯޓުލާންދާ މީހެއްގެ ވަނަވަރު ކަށަވަރު ކުރުމަށްފަހު، އެ ޓީމުން އެދިފައިވާ ބައެއް މައުލޫމާތުތައް ބާރަށް އިއުލާން ކުރަންވާނެކަމަށް ބުނެފައިވެއެވެ.
ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުން މަނާ ކުރުމަށްވެސް އެދިފައިވާއިރު، ވޯޓުލާ ފަރާތުގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭނެ ފަދަ އިތުބާރު ހުރި ދެއްޔަކުން ޖަހާ އެއްޗަކަށް ހެދުމަށްވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ އެދިފައެވެ. އަދި ވޯޓު ކަރުދާހުގެ ފޮޓޯ، ވޯޓު ލުމުގެ ކުރިންނާއި ފަހުގައިވެސް ނެގުން މަނާ ކުރުމަށް އެދިފައިވާއިރު، ކަރުދާހުގައި ފާހަގަޖެހުމަށްފަހު، ކަރުދާސް ކޮޅުން ދެއްކުންވެސް މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް އެދިފައިވެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ ކަރުދާހުގައި ޖަހާ ފާހަގައިގެ އިތުރުން އެއްވެސް ކުރެހުމެއް ނުވަތަ ނިޝާންތަކާއި ލިއުންތައް ލިއުމުން އެ ވޯޓެއް ބާތިލުވާގޮތަށް ހެދުމަށް ފައްޔާޒަށް ފޮނުއްވި ސިޓީގައި އެދިފައެވެ. އަދި ކޮންމެ ފޮއްޓެއްގެ ގާތުގައިވެސް ކޮންމެ ކެނޑިޑޭޓަކަށް 6 މަންދޫބުން ބެހެއްޓުމަށް ފުރުސަތު ދިނުމަށް އެދިފައިވާއިރު، ފޮށި ކައިރީ އަބަދުވެސް ދެ މަންދޫބަކަށް ތިބެވޭނެ ގޮތަށް އިންތިޒާމުކުރުމަށްވެސް އެދިފައިވެއެވެ.
ވޯޓު ފޮށިތަކުގެ ގާތުގައި ތިބޭ މަންދޫބުންނަށް ފޯނު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އެދިފައިވާއިރު، ވޯޓު ގުނޭ ވަގުތުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެމްބަރުންނަށް އެ މަސައްކަތްތައް ބެލުމުގެ ފުރުސަތު ފަހިކުރުމަށްވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ ޝަރުތުކޮށްފައެވެ.
ވޯޓުގެ ނަތީޖާ ޝީޓުތައް ތައްޔާރުކޮށް، މަންދޫބުން ސޮއިކުރުމަށްފަހު، އާންމުކޮށް ފެންނަން ހުންނާނެ ތަނެއްގައި ހަރުކުރުމަށް ޝަރުތުކޮށްފައިވާއިރު، ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ސިޓީއުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެސީލުގައި ސޮއިކޮށްފައި އޮތުންވެސް އިންތިހާބުގެ ތެރެއިން އަމަލު ކުރާނެ ގޮތްތަކުގެ ތެރޭގައި ހިމަނައިދިނުމަށް ޝަރުތުކޮށްފަވެއެވެ.
ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީ އުރަތައް ކެނޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ނޫންގޮތަކަށް ނުކެނޑުމަށްވެސް ފިކުރެއްގެ ދިރުން ޓީމުންވަނީ ޝަރުތުކޮށްފައެވެ.
މީގެ އިތުރުން ލިޔުމުންނާއި، އީމެއިލުންނާއި، ފޯނުންނާއި، ގޫގުލް ފޯމު މެދުވެރިކޮށް އިންތިޚާބާއިބެހޭ ޝަކުވާ އިންތިޚާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު ފަހި ކުރުމަށް އެދިފައިވާއިރު، ރައީސް ނަޝީދުގެ ޓީމުންވަނީ ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަތަކުގެ ލިސްޓެއް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެ ކެނޑިޑޭޓުންނަށްވެސް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައެވެ.
ވޯޓުގެ ސައްހަކަން ދެމެހެއްޓުމުގެ ގޮތުން ވޯޓު ލާންދާ މީހާގެ އައިޑީ ކާޑާމެދު ޝައްކުވެއްޖެ ހާލަތެއްގައި އޮބްޒަރވަރުންނަށް ކާޑުގެ ސައްހަކަން ކަށަވަރު ކުރުމުގެ ފުރުސަތު ދިނުމަށްވެސް އެ ޓީމުންވަނީ އެދިފައެވެ. އަދި ވޯޓު ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ ޢަދަދު ވޯޓުލާ މަރުކަޒުގައި އިޢުލާނުކުރުންވެސް ޝަރުތުކޮށްފައިވާއިރު އެ ޓީމުންވަނީ ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ ޢަދަދު އިއުލާނުކުރުމަށްވެސް އެދިފައެވެ.
ރައީސް ނަޝީދުގެ ޓީމުން ބުނެފައިވާގޮތުން ކޮށްފައިވާ 20 ޝަރުތުގެ ތެރެއިން އެއްވަނަ ޝަރުތުން ފެށިގެން 8 ވަނަ ޝަރުތަކީ ގައުމީ އިންތިހާބުތަކުގައި އިލެކްޝަންސްއިންވެސް އަމަލު ކުރަމުންދާ އުސޫލުކަމަށެވެ. އަދި އެ އުސޫލުތައް ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ބަލައިގަންނަކަމަށާއި އެ އުސޫލުތަކުގެ ދަށުން އިންތިހާބުތައް ކުރިއަށް ގެންދަނީ ވޯޓު ކަރުދާސް ދޫކުރުމުގައި ވަނަވަރު ކަށަވަރު ކުރުމަށާއި، ވޯޓު ގަނެވިއްކުމުގެ އުކުޅުތަކަށް ފުރުސަތު ނުދިނުމަށްކަމަށްވުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ 2023 ގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން އެގޮތުގެ މަތިން ހަމަޖައްސައިދިނުމަށް ޓީމުންވަނީ އެދިފައެވެ.

