ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެދުނު ފުން ވަޅުގަނޑުގައި މަތިޖެހުމަކީ ކުރެވޭނެ ކަމެއްތަ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރިކަން ނިމުމަކަށް އައިސްފައިވާކަމަށް ޔަގީނުންވެސް އެކަކު ބުނެފިއެވެ. އަނެކާ ގާތުގައި އަނބުރާ ރުޖޫއަވުމަށްވެސް ބުނެފިއެވެ. އެހެންނަމަވެސް ވެވޭނެ ބާއޭ ހިތަށް އަރައެވެ. އެ އެދޭ އެދުމާއި ހިސާބަށް ވާސިލުވުމަކީ އޮތް ކަމެއްބާއޭ ހިތަށް އަރައެވެ.

މި މަހުގެ 28 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީހުން ފޮހެ ނުލެވޭނެ ދުވަހެއްކަން ޔަގީނެވެ. ސިޔާސީ ގޮތުން އަޑުގަދަ ފުންނާބު އުސް އަދި ހަލަނި މިޒާޖެއް ހުންނަ މަގުބޫލުކަމަށް ދައުވާ ކުރާ މީހެއްގެ ހިޔަނީގެ އަނދިރިކަމުގެ ތެރޭގައި ފޮރުވި އެތައް އަހަރެއް ހޭދަ ކުރި މީހަކު، އެ އަނދިރިގަނޑުން ބޭރުވެ، އަލިކަމުގެ ތެރެއަށް ފާޅުވި މަންޒަރު ފެނިގެންގޮސްފިއެވެ. އެކަން ކުރީ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ހާސިލު ނުކުރާކަމަށްވެސް ވާދަވެރިޔާ ބުނެފައިވަނިކޮށެވެ.

ފުންނާބު އުސް މީހާ ފަހު ވަގުތާއިޖެހެންދެންވެސް އިންތިހާބު ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން ދެމުންދިޔައެވެ. ހިޔަނި ގަނޑުގެ ތެރެއިންވެސް ޔަގީންކަމުގެ ހިލަމެއްވަމުންދިޔަނަމަވެސް، ދެކެވުނު ގިނަ ވާހަކަތަކުގެ ސަބަބުން، ކާމިޔާބީ ހާސިލު ކުރާނީ އެއްކަލަ އަޑުގަދަ މީހާކަމަަށް ހީވެގެންދިޔައެވެ. އެހެނަސް ކަންވެގެންދިޔައީ ތަފާތުކޮށެވެ. ރައްޔިތުން ނިންމީ ކުރިއަށް ދިއުމަށެވެ. މޮޅުވީ ”ތަފާތު ހިޔާލު“ ތަކާއި ”ތަފާތު ފިކުރު“ ތަކުގެ ވާހަކަ ދެއްކި މީހާއެވެ.

ހިޔަނިކަމަށް ބުނެވޭހާ ގާތްކަމެއް އޮތް ދެމީހަކުގެ ދެމެދު އުފެދިގެންދިޔަ ވާދަވެރިކަމުގެ ތެރެއިން ފެނިގެންދިޔަ މަންޒަރުތަކާއި އިވިގެންދިޔަ އަޑުތައް ގިނަ ނަމަވެސް ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ އިންތިހާބަށްވުރެ، ސުވާލު ގިނަވީ އިންތިހާބަށްފަހު ކަން ވެގެންދާނެ ގޮތާއިމެދުއެވެ. އަދިވެސް އެ ސުވާލަށް ޖަވާބެއް ލިބުމާއި ހިސާބަށް ވާސިލު ނުވެވެއެވެ.

ވާދަވެރިކަން ބޮއްސުންލައި އަދާވާތްތެރިކަމުގެ ސިފަތައް ފާޅުވަމުންދިޔައިރު، ޑިމޮކްރެސީއަށް ވަކާލާތު ކުރާ އެ ނިޒާމު އަށަގެންނެވުމުގެ އިސް ސަފުގައި ޝާމިލުވެ ހުންނެވި މީހެއްގެ ފަރާތުން އިވިގެންދިޔައީ ވަރަށްވެސް ނޭދެވޭ ވާހަކައެކެވެ. ރައްޔިތުން ނިންމާ ނިންމުމަށް އިހުތިރާމެއް ނެތްކަމުގެ ވާހަކައެވެ. ޑިމޮކްރެސީއަށް އިހުތިރާމް ނުކުރާނެކަމުގެ ވާހަކައެވެ. ވިދާޅުވީ ގޭގައި ހުންނަން ޖެހުނު ނަމަވެސް އަނެކާއަށް އެއްބާރުލުން ނުދޭނެކަމަށެވެ. މިކަމުގެ ސަބަބުން އެތަކެއް ބައެއްގެ ތާއީދު ގެއްލިގެންދިޔަކަންވެސް ޔަގީނެވެ.

ގޮތް ނޭނގޭ އެތެރޭގެ ސިއްރުތަކެއް އޮތީ ކަމަށް ވެސް ވެދާނެއެވެ، ގާތް މީހަކަށް ތާއީދު ނުކުރާނީ ސަބަބަކާއި ގުޅިގެންކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެ ސަބަބުތައް ސާފު ސީދާ ބަހުން ބަޔާން ކުރުމުގެ ކުރިން، ވާދަވެރިކަމުގެ ތެރެއިން އިވިގެންދިޔަ އަޑުތަކުގެ ސަބަބުން ވެރިކަމުގެ ދަހިވެތިކަމުގައި ޖެހިފައި ހުރިކަމަށް ބުނެވިދާނެއެވެ. ހާއްސަ ގޮތެއްގައި އަނެކާއާ ގުޅިގެން މަސައްކަތްކުރުމަށް ދިން ދައުވަތަށް އިޖާބަ ދިނުމަށް ތައްޔާރަށް ނެތް ނަމަ، ބުނެވޭނީވެސް އެހެންނެވެ.

އެހެންނަމަވެސް އިވިގެންދިޔަ އަޑުތަކާއި ގުޅިގެން އިތުރު ސުވާލެއްވެސް އުފެދެއެވެ. އިންތިހާބެއް ކާމިޔާބު ކުރުމުގެ މަގުސަދުގައި، ޕާޓީގެ އެތައް މެމްބަރުންތަކެއް ވަކިކޮށްފައިވާކަމަށް ބުނެ، އިދާރީ ނިންމުމެއްގެ ވާހަކަތައް ބޮޑުކޮށްގެން ދައްކައި އާންމު މެމްބަރުން ޕާޓީއަށް ކުރަމުންދާ އިތުބާރު ގެއްލުވާލައި ޕާޓީ ފުނޑުފުނޑުވެގެންދާން ހެޔޮ ވި މީހަކަށް އަނބުރާ އައިސް އިސް ސަފުގައި ހުރުމަށް އިތުބާރު ކުރެވޭނެ ތޯއެވެ.

އެ މީހަކުވެސް ނިސްބަތްވާ ޕާޓީގެ ވެރިކަމެއް ކުރަމުންދިޔަ ވަގުތު ކުރަމުންދިޔަ އެއްވެސް މަސައްކަތެއް ބަލައި ނުގަނެ، ކުރެވުނު ބުރަ މަސައްކަތްތައްވެސް ނުކުރާކަމަށް ބުނެ، ހިންގަމުންދާ މަޝްރޫޢުތައް އަދި ރައްޔިތުންނަށްޓަކައި ފުއްދައިދިނުމަށް ވެފައިވާ ވައުދުތަކަށާއި ފުއްދުމައްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުބާރު ގެއްލުވާލައިގެން އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރުމަށް މަސައްކަތްކުރި މީހަކަށް ޕާޓީގެ އިސް ސަފުގައި އިހުލާސްތެރިކަމާއިއެކު ގުޅިގެން މަަސައްކަތްކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ތޯއެވެ.

ވަކި ކުރެވިފައިވާ ބާރުތަކުގެ ތެރެއިން އެއް ބާރުގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ ސަރުކާރުގެ ނިންމުންތަކާއި ދެކޮޅަށް މަސައްކަތްކޮށް، ގައުމުން ބައެއް ބޭރު ގައުމަކަށް ވިއްކާލިކަމުގެ ތުހުމަތުތައް ކޮށް، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އިތުރުކޮށް ނިކަމެތި އާންމުން ނިކަމެތި ކުރާކަމަށް ބުނެ، ދުނިޔެއަށް އައި ލޮޅުމެއްގެ ތެރެއިން ކުރިމަތިވި މާލީ ނުތަނަވަސްކަންވެސް ސަރުކާރުގެ ބޮލުގައި އެޅުވި މީހަކަށް އެއްވެސް އިތުބާރެއް ކުރެއްވޭނެ ތޯއެވެ؟.

ޕާޓީގެ މެމްބަރުން އެންމެ ނުރުހުންވާ ސިފަތައް ޕާޓީ އިސް ލީޑަރުގެ ކިބައިން ފެންނަމުންދާކަމަށްބުނެ، ޕާޓީގެ މެމްބަރުންގެ ތެރޭގައި އެ މީހެއްގެ އަގު ވައްޓާލައި ރާއްޖޭގެ ތާރީހުގައި ފާހަގަކުރަމުންދާ އެންމެ ހިއްދަތި ދުވަސްވަރަށް ރުޖޫއަވަމުންދާކަމުގެ މަލާމާތްތައްކޮށް، ”މައުމޫނިޒަމް“ ގެ ޓެގެއް އީޖާދު ކުރެއްވި މީހަކު ޕާޓީގެ ހިންގުންތެރިކަމަށް އަދި މިސްރާބަށް އެއްވެސް އިހުތިރާމެއް ކުރާނެކަމަށް ގަބޫލު ކުރެއްވޭތޯ؟

އެތައް އަހަރުތަކެއް މަގުމަތީ ކައިބޮއެ ހެދުމަށްފަހު، ޕާޓީއިން ދިވެހިރާއްޖޭގައި އަށަގެންނެވުމަށް އެންމެ ގަދަޔަަށް މަސައްކަތްކޮށްފައިވާ އެއް ކަން ކަމަށްވާ، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ނިންމުންތައް ނިންމުގެ އަސާސަށް ހުރުމަތްތެރިކޮށް ނުހިތާނެކަމަށް ފާޅުގައި ބުނެފައިވާ މީހަކަށް ޑިމޮކްރެސީ ނަގަހައްޓާ ދެމެހެއްޓުމަށް އިތުބާރު ކުރެއްވޭނެތޯއެވެ؟.

މި ހުރިހާ ސުވާލެއްގެ އިތުރުން އެންމެ މުހިންމު ސުވާލަކީ ޕްރައިމަރީއެއް ބޭއްވުމުގެ މަގުސަދު އޮޅި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޕާޓީއަށް ގެއްލިގެންދާފަދަ ގޮތަކަށް އަމަލުކޮށް، އެ ފުރުސަތު ފުޅާކޮށް، އިދިކޮޅާއި އެކު މަސައްކަތްކުރިކަމުގެ ތުހުމަތު ކުރެވިފައިވާ އަދި ޔަގީންވެސް ކުރެވިފައިވާ މީހަކަށް ޕާޓީގެ އެއްވެސް ކަމެއް އިހުލާސްތެރިކަމާއިއެކު ކުރެއްވޭނެކަމުގެ އޮތީ ކޮން ޔަގީންކަމެއްތޯއެވެ؟.

މި ސުވާލު ތަކާއިމެދު ފުންކޮށް ވިސްނާލައްވަންޖެހެއެވެ. ”އެދޭކަމަކަށް އެދެންވާނީ އެދެވެނީ ކޮންކަމަކަށްކަން އެނގި ހުރެއެވެ“ ނޫންނަމަ ލިބޭ އެއްޗަކީ ހަގީގަތުގައިވެސް އެދުނު ކަން ނުވަތަ އެއްޗަކަށް ނުވުމުގެ ފުރުސަތުވެސް އޮވެއެވެ. އަދި ލިބޭ ފައިދާއަށްވުރެ ލިބިގެންދާ ގެއްލުން ބޮޑުވުމުގެ ފުރުސަތުވެސް އޮވެއެވެ. މި ދެންނެވި ފަދަ ގޮތަކަށް އަމަލު ކުރާ މީހަކީ މުހިންމު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށް، އެކަންކަން ފުރިހަމައަށް އަދާ ކުރާނެ މީހެއްކަމާއިމެދު ވަރަށްވެސް ސުވާލު އުފެދެއެވެ.

މިއީ އުފެދޭ ސުވާލުތަކެއް ނޫންކަމަށް ބުނާ ނަމަ ދެން އުފެދިގެންދަނީ އެހެން ސުވާލެކެވެ. ދެ ބޭފުޅުން ގުޅިވަޑައިގެން ރައްޔިތުންގެ ތެރޭގައި ކުޅުއްވަމުންދަނީ ގޭމެއްތޯއެވެ. މިއީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހަރަކާތަކަށް ނަޒަރު ހިންގާލުމަށްވެސް ރައްޔިތުންނަށް ފުރުސަތު ނުދިނުމަށް ދެ ބޭފުޅުން ގުޅިވަޑައިގެން ކުރިއަށް ގެންދަވާ މޮޅު ޕްލޭނެއްތޯއެވެ؟. އެހެން ނަމަ ވަރަށްވެސް ކާމިޔާބެވެ. އަމާޒާއި ހިސާބަށް ހަގީގަތުގައިވެސް ވާސިލުވެވިއްޖެއެވެ. ހަމަ އައްސަރި ބަހާއި ސާބަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: