ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިން ވަކީލުންގެ ތުހުމަތު: ހުކުމް ރިޕޯޓުގައި އޮތީ ދައުލަތުގެ ހުލަސާ ބަޔާނުގައި ހުރި ވާހަކަތައް!

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށް މެދުވެރިކޮށް ދައުލަތަށް ލިބޭން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށް މަންފާ ނެންގެވިކަމުގެ ތުހުމަތުކޮށް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރު ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި އޮތީ، ދައުލަތުގެ ހުލާސާ ބަޔާނުގެ ބައިތަކެއްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވައި މިއަދު ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށްފަ އެވެ. މިއަދުގެ ޕްރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދީފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދާއި، ވަކީލު އަބްދުﷲ ޝިޔާޒާއި، ވަކީލް އާދަމް ޝަމީމެވެ.

މައްސަލަ އިސްތިއުނާފަށް ހުށަހެޅުމާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ، މަސައްކަތް ކުރާނީ ހައިކޯޓުން ރައީސް ޔާމީނަށް ކާމިޔާބު ހޯދައި ދީ އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށެވެ. ހުކުމުގައި ގާނޫނީ އެއްވެސް ބިނާއެއް ނެތްކަމަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ މުޅި މައްސަލަ ބައްޓަންކޮށްފައި އޮތީ ވަކި ގޮތަކަށް ދިފާއީ ހެކިތައް ބަލައިނުގަނެ އެއީ އުފައްދާފައިވާ ހެކިތަކެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

ޝަމީމް ވިދާޅުވީ މިއީ ޖިނާއީ ޝަރީއަތްތައް ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށާއި ދިފާއުތަކެއް ހުއްޓައި ދައުލަތުގެ ހެކިތަކަށް ރިއާޔަތްކޮށްކަމަށް ބުނެ މައްސަލަ ސާބިތުވުމަކީ އަމަލު ކުރެވޭނެ ހަމަތަކެއް ނޫން ކަމަށެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތްކަމަށް ތަކުރާރު ކުރައްވައި ޝަމީމް ވިދާޅުވީ ދައުވާގައި ނުފޫޒު ފޯރުވިކަމުގެ ވާހަކަތަކެއް ހިމަނާފައިވާއިރު އާރަށް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ މައްޗަށް ފޯރުވި ނުފޫޒަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އެ ނުފޫޒަކީ އިރުޝާދެއް ދިން އިރުޝާދެއްކަމަށް ދައުލަތުން ބުނާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމުގައި މުހައްމަދު ނާޒިމްގެ ހެކިބަހަށް ބަލައި 2013 ގެ ރިޔާސީ އިންތިހާބަށް ފައިސާ ހޯދިކަމަށް ބުނާ ވާހަކައެއް ހިމަނާފައި އޮތް އިރު އެއީ މި މައްސަލައާއި އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެއްކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރިޕޯޓުގައި އޮތީ ނާޒިމް ކޯޓުގައި ވާހަކަ ދެއްކެވި ގޮތަކަށް ނޫން ކަމަށެވެ.

”އެވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ދައުލަތުން ދައުވާއަށް ހުށަހެޅި ލިޔުންތައް ބައިބައިކޮށްގެން ޕޭސްޓު ކުރުމަށް ހައިގެން އެހެން ވެފައި އޮތީ އޭ“

ޝަމީމް ވިދާޅުވީ ނާޒިމްގެ ހެކި ބަހުގައި ފާހަގަ ކުރީ އަދީބު ފައިސާތައް ދޭކަން ރައީސް ޔާމީނަށް އެނގިފައި ވޭތޯކަމަށާއި ޖަވާބުގައި އެ ފައިސާ ނަގާކަން އެނގޭކަމަށް އެމަނިކުފާނު ދެންނެވި ކަމަށެވެ. އަދި ވިޔަފާރިވެރިން ގާތަށް ފައިސާތައް ބަލައި، ފޮނުވަނީ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ނާޒިމް ހެކިބަސް ދިންއިރު އެއީ މުޅިން އެހެން ވާހަކައެއް ނޫން ތޯ ޝަމީމް ސުވާލު ކުރެއްވި އެވެ.

ހެކިތަކާއި ގުޅޭގޮތުން ރައީސް ޔާމީންގެ ވަކީލު ޝިޔާޒް ވެސް ވިދާޅުވީ ހެކިންގެ ހެކި ބަހުގެ ތަފްސީލުތައް ރިޕޯޓުގައި ހިމަނާފައި ހުރީ އެންމެ ރަނގަޅަކަށް ނޫންކަމަށާއި ފުށުއެރުންތައް އެބަހުރި ކަމަށެވެ.

“ބައެއް ހެކިން، ހެކި ބަހުގައި ވިދާޅުވި ގޮތަށް ނޫން ގޮތްގޮތަށް ރިޕޯޓުގައި އެބަހުރި… އެއީ ހަމަ މިކަން އޮތް ގޮތް.. ހަމައެކަނި ޝަފަހީ ހެއްކެއް ނޫން.. ކިތާބީ ހެކީގެ ގޮތުގައި ހުރި ހެކިތަކުގަ ވެސް ސިޓީގައި ހުރި ވާހަކަތައް ހުރޭ ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި ނަކަލުކޮށްފައި.. ދައުލަތުން މިވެނި ސިޓީއެއްގައި މިހެން އެބައޮތޭ… މިސާލަކަށް، ރައީސް އޮފީހުން ފިޝަރީޒް މިނިސްޓްރީއަށް ފޮނުވި ސިޓީގަ އޮންނަނީ މި އިބާރާތުންނޭ… ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އޮންނަނީ މި އިބާރާތުންނޭ… ކޮމާކޯޅިއެއްގެ ތެރޭގައި ހުންނަނީ…”

ޝިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި އޮތީ، ދައުލަތުގެ ހުލާސާ ބަޔާނުގެ ނަކަލެއް ކަމަށެވެ. އަދި ލިޔެފައި ވަނީ ދާދި އެއް ވާހަކައެއްކަމަށް ވިދާޅުވި އެވެ.

”އެހެން ނަމަވެސް ލިޔެފައި މި ހުންނަނީ އެ އިބާރާތަކުން ނޫން.. ދައުލަތުން އޮތީ އަމިއްލަ ވާޝަންއެއް ހުލާސާ ބަޔާނުގައި ހުށަހަޅާފައި އޮތީ… އެ ހުލާސާ ބަޔާނުގެ ކޮޕީ ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި މިއޮތީ..“

މީގެއިތުރުން ޖަމީލު ވަނީ، ހުކުމާއި ދޫކުރި ލިޔުމާއި ތަފާތުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ހުކުމް އިއްވި ފަހުން އެ ޝަރީއަތް ލައިވް ކުރި ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ވީޑިއޯ ގެއްލުމާއި މިފަދަ ކަންތައް ހިނގާފައި ހުރިއިރު އެ ހުކުމް ހުރި ގޮތަށް އެބޭފުޅުން ވެސް މިހާރު ލިޔެފައިވާނެކަމަށާއި އެ ނުކުތާތައް އިސްތިއުނާފު މަރުހަލާފައި ހުށަހަޅާނެކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވަނީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ތަކުރާރު ކުރައްވައި އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި އިސްތިއުނާފު އަޑުއެހުންތައް ލަސް ނުކޮށް ކުރިޔަށް ގެންދިއުމަށް ވެސް އޭނާ ގޮވާލި އެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ގާނޫނީ ވަކީލުން ކުރަން ޖެހޭ މަސައްކަތް ކުރަމުންދާކަމަށް ޖަމީލު ވިދާޅުވެފައި ވެއެވެ.

ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، މައްސަލައިގައި ނިހާއީ ހުކުމެއް އޮތުން މުހިންމެވެ. ރައީސް ޔާމީން ހުންނެވީ ހުކުމެއްގައިކަމަށްވުމުން ގާނޫނީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނަށް އެ ފުރުސަތު ބަންދުވާނީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމުންނެވެ. އަދި ނިހާއީ ހުކުމެއް ނެތުމާއި އެކު، އިންތިހާބީ ކެނޑިޑޭޓެއްގެ ހައްގަށް ބަލައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅުން ވެސް ދަނީ ތަކުރާރުކޮށް، ރައީސް ޔާމީނަކީ ރިޔާސީ ކެނޑިޑޭޓުކަމަށް ބުނަމުންނެވެ. އަދި އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: