ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުއިތައް ހަމަޖެއްސިން، މެމްބަރުން ވިހައިގެން ހަ މަސް ދެވެން ނެތީ މަސައްކަތަށް ބުރޫ އަރާނެތި: ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ކުރައްވާ މަރިޔަމް ޝަމްއާ އިބްރާހިމް (ޝަންމަ) އޭނާގެ ދެ މަހުގެ ދަރިފުޅާ އެކު އޮފީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު، މަރިޔަމް ޝަމްއާ ވިހެއުމަށް ފަހު ދިމާވި ހާލަތަކާއި ހެދި ދެ މަސް ފަހުން އޮފީހަށް ނިކުމެވެން ނެތުމުން ޗުއްޓީ އިތުރުކޮށް ދޭން އެދި ހުށަހެޅުން ބަލައި ނުގަނެ އޮފީހަށް ނިކުތުމަށް އެންގުމުން އޭނާ ކަންބޮޑުވުންފާޅުކޮށް ދެއްކި ވާހަކަތައް ދޮގުކޮށް ހުރިހާ ގޮތަކުން ލުއި ހަމަޖައްސަން މަސައްކަތް ކުރިކަށް ބުނެ ޓްރައިބިއުނަލުން ބަޔާނެއް އާއްމުކޮށްފި އެވެ.

ވިހެއުމަށް ފަހު ދަރިފުޅުގެ ހާލަތު ހުރި ގޮތުން ދެ މަސް ދުވަހަށް ފަހު އޮފީހަށް ނިކުމެވެން ނެތުމުން މެމްބަރުން ޝަމްއާ ޗުއްޓީ އިތުރުކޮށްދޭން ހުށަހެޅި ނަމަވެސް ޓްރައިބިއުނަލުން އެންގީ އޮފީހަށް ނިކުތުމަށެވެ. މެމްބަރު މައުލޫމާތު ދިން ގޮތުގައި، އޭނާގެ އޮފީހުން ވަޒީފާއަށް ނިކުތުމަށް އެންގި އިރު ދަރިފުޅަށް ފުރިހަމަ ދެ މަސް ނުވެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް ލިބުނު ނަމަވެސް، އުސޫލު ބުނާ ގޮތުގައި މިނިވަން މުވައްސަސާތަކުގެ މެމްބަރުންނަށް އެ ފުރުސަތު ނެތެވެ. އެހެންވެ، ޖެހެނީ އަމިއްލަ އުސޫލެއް އެކުލަވާލައި އެ އިންތިޒާމުތައް ހަމަޖައްސާށެވެ.

މެމްބަރު ޝަމްހާ ޓްރައިބިއުނަލުގައި މަސައްކަތް ކުރާތާ 09 އަހަރު ވަނީ ވެފަ އެވެ.

ދަރިފުޅު ވިހައި އަދި އެއްކޮށް ރަނގަޅު ނުވާތީ ޑޮކްޓަރަށް ދެއްކުމުން ބައެއް އިރުޝާދުތައް ވެސް ލިބިފައިވާކަމަށް މެމްބަރު މައުލޫމާތު ދިނެވެ. މިވާހަކަތައް މީޑިއާތަކުގައި ދެކެވި، އާއްމުން ކަންބޮޑުވުން ފާޅުކޮށް ވަނީ މިއީ ވަޒީފާގެ މާހައުލުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހޭ މީހުންނަށް ހައްގު ހޯދައިދޭ ތަނުން އެ އިދާރާގެ މުވައްޒަފުންނާއި މެދު ކަންތައް ކުރާ ގޮތްކަން ފާހަގަކޮށްފަ އެވެ.

މައްސަލައިގައި ބަޔާނެއް އާއްމުކޮށް ޓްރައިބުނަލުން ބުނީ ތަނުގެ މެމްބަރު ޝަމްއާ ވިހެއުމަށް ފަހު އޭނާއަށް ޗުއްޓީ ހަމަޖައްސާފައި ނުވާކަމަށް ބުނެ ދެކެވެމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރާ އަންހެނުނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް މުސާރައާއި އެކު ލިބޭ ގޮތަށް ސަރުކާރުން ނިންމެވުމާއި އެކު ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެހެން މުވައްސަސާތަކުން އެކަމަށް ހާއްސަ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލިކަން ފާހަގަކޮށް ޓްރައިބުލަނުން ބުނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ސިވިލް ސާވިސްގައި ނުހިމެނޭ ކަމަށެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ ހަތް މެމްބަރުންނަކީ ވަޒީފާއާއި ބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން 05 އަހަރުގެ ދައުރަކަށް އައްޔަނު ކުރާ ބަޔަކަށް ވުމާއި އެކު ދިވެހި ސިވިލް ސާވިސް މުވައްޒަފުންނާއި މެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް އެ އިދާރާގެ މުވައްޒަފުންގެ އިތުރުން މެމްބަރުންގެ މައްޗަށް ނުހިންގޭނެކަމަށް ވަޒީފާއާއި ބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ (ލ) ގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އިދާރާގެ މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެމްބަރުންނަށް ވެފައި، ވިހެއުމަށް ފަހު ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުން އެއީ ރައީސްގެ ވައުދަކަށް ވާތީ އެގޮތުގެ މަތީން ޗުއްޓީތައް ދޫކުރުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލެއް ފާސްކޮށްފައިވާކަން ފާހަގަކޮށް އިދާރާގެ ބަޔާނުގައި ބުނެފައި ވަނީ 2020 ގައި ވަޒީފާއާއި ބެހޭ ގާނޫނަށް އަމަލު ކުރެވެން ފެށުމާއި އެކު ތަނުގެ އާއްމު މަޖިލީހުން އުސޫލެއް 2021، އޮގަސްޓު 25 ގައި ޝާއިއުކޮށްފައިވާއިރު އެ އުސޫލު ފާސް ކުރީ ޝަމްއާ ވސެސް ހިމެނޭހެން ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ، ޓްރައިބިއުނަލުގެ 07 މެމްބަރުންގެ ތެރެއިން، 05 މެމްބަރުން އެއީ އަންހެނުންކަމަށާއި ހުރިހާ އަންހެން މެމްބަރުން 06 މަސް ދުވަހުގެ މެޓާނިޓީ ނެގުމުން އިދާރާގެ މަސައްކަތަށް ބޫރު އަރާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހައްގުތަކަށް ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް އަސަރު ކުރާނެ ސަބަބަކަށް ވާތީ އުސޫލު އެކުލަވާލި އިރު މަސައްކަތްތަކަށް އުނދަގޫ ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެއްބަސްވެވުނުކަމަށް އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވާ ގޮތުގައި، މެމްބަރުންނަށް 60 ދުވަހުގެ ނުވަތަ ދެ މަސް ދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް އިދާރާގެ އުސޫލުގައި ވަނީ ހިމަނާފަ އެވެ. އަދި އެ އުސޫލުގައި ހުރިހާ މެމްބަރުން ވެސް ސޮއިކޮށްފައިވާނެކަމަށް ޓްރައިބިއުނަލުން ބުންޏެވެ. އަދި އެއަށް ފަހު ވިހެއުމަށް ފަހު ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވެސް ނިންމާފައިކަން ބަޔާނުން އެނގެ އެވެ.

މެމްބަރު ޝަމްއާ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ އިތުރު ކުރުމަށް އެދި ހުށަހެޅި ނަމަވެސް އެގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް އަންގައި ލުއިތަކެއް ދެވިދާނެކަމަށް ލިޔުމަކުން އެންގިކަމަށް ބަޔާނުގައި ވެއެވެ. އެގޮތަށް މީގެ ކުރިން ވެސް ލުއިތަކެއް ދެވުނުކަމަށް ބަޔާނުގައިއެވެ.

ތަފާތު އެކި ލުއިތައް ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ، ކުއްޖާއަށް އެއް އަހަރު ވަންދެން ކޮންމެ ދުވަހަކު ވެސް ދަރިފުޅުގެ ގާތަށް ދިއުމަށް ތިރީސް މިނެޓުގެ ހުސް ވަގުތު ދުވާލެއްގެ ދެ ފަހަރެއްގެ މަތީން ދޭ ކަމަށެވެ.

ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ނުވަނީ ޒާތީ ކަންތަކެއްގެ ސަބަބުންކަމަށް މެމްބަރުން ބުނި ނަމަވެސް މެމްބަރުންގެ މަސްއޫލިއްޔަތަކީ ތަނަށް ހޫށަހެޅޭ މައްސަލަތައް ބެލުންކަމަށް ވާތީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް އަޑުއެހުންތައް ކުރިޔަށް ގެންދެވެނީ ވަކި ހާލަތްތަކެއްގައިކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން، އެގޮތަށް ގޭގައި ހުރެގެން މަސައްކަތް ކުރަން ދޫކުރެވެން ނެތީކަމަށް ބަޔާނުގައި ވެއެވެ.

މެމްބަރު ޝަމްއާގެ ބަޔާނެއްގައި، ދަރިފުޅު ގޮވައިގެން އޮފީހަށް އަންނަން ޖެހުނީ އިތުރު ގޮތެއް ނެތިގެންކަމަށް ބަޔާނުގައި ބުނެފައި ވީ ނަމަވެސް އާއިލީ ޒިންމާގެ ދަށުން ނެގެން އޮތް 10 ދުވަހަކަށް ވެސް އޭނާ އެދިފައި ނުވާކަމަށް ޓްރައިބިއުނަލުން ފާހަގަ ކުރި އެވެ.

މީގެއިތުރުން ޓްރައިބިއުނަލުގެ ބަޔާނުގައި ބުނެފައި ވަނީ، އެ އޮފީހަކީ ކުޑަކުދިންނާއި ތުއްތު ކުދިންގެ މަސްލަހަތާއި އެހާ ގުޅުން ހުރި ތަނަކަށް ނުވާތީ ދަރިފުޅު ނުގެނައުމަށް މުވައްޒަފުންނަށް އިރުޝާދު ދެވިފައިވާނެ ކަމަށެވެ.

ބަޔާން ނިންމާލަމުން ޓްރައިބިއުނަލުން ބުނީ އެ އިދާރާއަށް އެހީ ފޯރުކޮށްދެވެން ހުރި ގޮތަކުން އެހީތައް ފޯރުކޮށް ދީ އިންތިޒާމު ހަމަޖައްސައިދޭން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މެމްބަރު މަސައްކަތްކޮށްފައި ވަނީ ހަގީގަތް އޮޅޭ ގޮތަކަށް މީޑިއާތަކަށް މައުލޫމާތުތައް ދިނުމަށްކަމަށް ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: