ޕީޕީއެމް އިން މަސައްކަތްކުރަނީ އެއް އަޒުމެއްގައި އެއްކަމެއް ހާސިލްކުރުމަށްކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާއި ހަވާލު ކުރި ނަމަވެސް އެމަނިކުފާނު ހުންނެވީ ހުކުމެއްގެ ސަބަބުންކަމަށްވުމާއި އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. ރައީސް ޔާމީން ހުކުމެއްގައި ހުންނެވުމުގެ ސަބަބުން، އެމަނިކުފާނު ނޫން އިތުރު ކެނޑިޑޭޓަކަށް ފުރުސަތު ދޭން ޖެހޭކަމަށް ގިނަ ބަޔަކު ބުނަމުން ދާތީ ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.
ރައީސް ޔާމީނަށް ފުރުސަތު ނެތްކަމަށް ފާހަގަކުރާ ވާހަކަތަކަށް ޕީޕީއެމް އިން ވަކި ޖަވާބެއް ދީފައި ނުވާއިރު، ބާއްވާ ޖަލްސާތަކުގައި އާއި އަދި ނޫސްވެރިންގެ ބައްދަވުންތަކުގައިވެސް ތަކުރާރުކޮށް ފާހަގަކުރަމުން އަންނަނީ އަދިވެސް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިދިކޮޅުގެ ބައެއް ބޭފުޅުން މަސައްކަތްކުރަނީ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކުރުން ލަސްވަނީވެސް އިދިކޮޅުގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީން ސަލާމަތްކުރުމަށް ބޭނުންނުވާތީކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
އެގޮތުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްވެސް ވަނީ ފަހު ވަގުތު ޕީޕިއެމްއިން ރިޔާސީ ކެޑިޑޭޓެއް ކަނޑައަޅާނެކަމަށާއި، އެ ކެޑިޑޭޓަށް ވެގެންދާނީ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުކަމަށްވެސް ވިދާޅުވެފައެވެ. އަދި ނައިބެއްގެ ގޮތުގައި ހަމަޖައްސާނީ ގައްސާންކަމަށް ވިދާޅުވެފައިވާއިރު، ޓުވީޓެއްކުރައްވާ ގައްސާން ވިދާޅުވީ ޕީޕީއެމް އޮތީ އެއް ހިޔާލެއްގައިކަމަށެވެ.
PPM othy eh khiyaalegga, eh fikuregga, eh visnumegga, eh roohegga, eh azumegga eh kameh haasil kurumah. Eyee In Sha Allah Raees Yameen minivankoh mi aharu verikamah inthikhaab kuran! #FreePresidentYameen #RY2023 pic.twitter.com/cGC8HPHJTk
— Mohamed Ghassan Maumoon (@mgmaumoon) February 4, 2023
އެއް ވިސްނުމަކާއި، ރޫހަކުން މަސައްކަތްކޮށް ޕީޕީއެމްގެ ހުރިހާ މެންބަރުންގެ އަޒުމަކީ އެއް ކަމެއް ހާސިލްކުރުންކަމަށް ވިދާޅުވިއެވެ. އަދި އެއީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނަށް ވެރިކަން ހޯދައިދިނުމަށްކަމަށްވެސް ވިދާޅުވެފައިވެއެވެ.

