ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ފެނިގެން މިދަނީ ހަމަ ޑިމޮކްރަސީ ހެއްޔެވެ؟

ރިޔާސީ ބަޔާން އިއްވުމަށް ތައްޔާރުވަމުންދިޔައިރު މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން. ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ވެރިކަމުގައި އޮތް އެމްޑީޕީން އަބަދުވެސް ދެއްކީ ޑިމޮކްރަސީގެ ވާހަކައެވެ. ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ ރިވެތި އުސޫލު ގެނައީ އެމްޑީޕީންކަމަށް ބުނެ ވަކާލާތުކުރައްވައެވެ. އަދި އެހެން ޕާޓީއެއް ވެރިކަމުގައި އޮވެއްޖެނަމަ އަބަދުވެސް ދައްކާ ވާހަކައަކީ ޑިމޮކްރަސީ ނެތްކަމުގެ ވާހަކައެވެ. އަދި އެހެން ވެރިކަންތަކުގައި މައިނޯރިޓީގެ އަޑު މަޖިލީހުންނާއި އަދި އެ ނޫން ގޮތް ގޮތުންވެސް ކަނޑުވާލަން މަސައްކަތްކުރިކަމަށް އެމްޑީޕީއިން ބުނެއެވެ. ފުރިހަމަ ޑިމޮކްރަސީއެއްގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަމަށް ފާހަގަކުރެއެވެ. އަދި ރައްޔިތުންގެ މަސްލަހަތު އޮތްކަމެއް ނިންމޭނީ އެންމެންގެ މަޝްވަރާއާއިއެކުގައިކަމަށް ފާހަގަކުރި އެމްޑީޕީގެ ވެރިކަމުގައި ކަން ހިގައި މިދަނީ ހަމަ އެ އުސޫލުގެ ދަށުންތޯ ސުވާލުއުފައްދަން ޖެހެއެވެ.

ވަކި ސަރުކާރަކަށް ވަކި ވެރިއަކަށް ތާއީދުކުރަނީއެއް ނޫނެވެ. އެހެން ނަމަވެސް ފެބުރުއަރީ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު، އެމްޑީޕީއިން ވަކާލާތުކުރި ޑިމްކްރަސީ ފެނުނުތޯއެވެ؟

2023 ވަނަ އަހަރަށް މަޖިލީސް ހުޅުވާ، ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރިޔާސަތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެއްވުމާއިއެކު އިދިކޮޅުން ވަނީ އަޑުގަދަކޮށްފައެވެ. ރައީސް ސާލިހުގެ ރިޔާސީ ބަޔާނަށް ހުރަސް އަޅަނީކަމަށް ނިންމާ އިދިކޮޅުގެ 3 މެންބަރުންގެ ނަން އިއްވިއެވެ. މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރުމުން ނަން އިއްވުމަކީ މައްސަލައެއް ނޫނެވެ. އިދިކޮޅަށާއި މަންޒަރު ބަލަން ތިބި މީހުންނަށްވެސް މައްސަލައަކަށްވީ މެންބަރުން މަޖިލީސް ދޫކުރައްވާ ވަޑައިގަންނަން ދެކޮޅު ހެދުމުން ދެން މަޖިލީހުގެ ރިޔާސަތުން އަމަލުކުރި ގޮތެވެ.

އަންހެން ސެކިއުރިޓީ ފޮނުވާ މެންބަރުން ނެރެން މަސައްކަތްކުރުން ވެގެންދިޔައީ ގިނަ ބައެއް ފާޑުކިޔުންވެސް އަމާޒުވީކަމެކެވެ. މިއަށްވުރެ ރަނގަޅަށް މި އިންތިޒާމްތަން ހަމަޖެއްސޭނެކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި އެންމެ ބޮޑުކަންބޮޑުވުމެއް ފާޅުކުރެވުނީ ގައުމުގެ ތިން ބާރުގެ ވެރިން ހާޒިރުވެ ތިބި މަޖިލީހެއްގައި މިފަދަކަމެއް ހިގައިގެން ދިޔައީތީއެވެ. މެންބަރުންނަށް އަނިޔާވެފައިވާއިރު، ބައެއް މެންބަރުންގެ ގައިން ލޭ އޮހޮރުވާފައިވާކަމަށްވެސް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވިއެވެ.

މި ވާހަކަތައް ފާހަގަކުރާއިރަށް، ރައްދުގައި އެމްޑީޕީ މެންބަރުން ބުނާ ވާހަކައަކީ ޕީޕީއެމްގެ ސަރުކާރުގައި “ފާރުމަތިން މެންބަރުން އުކި” ވާހަކައެވެ. ނަމަވެސް ވިސްނާ ފިކުރުކޮށް ހަދާންކުރަންޖެހޭ އެއްކަމަކީ، ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ ޕީޕީއެމްގެ ވެރިކަން ކަމު ނުގޮސްގެން އެހާލަތު ރަނގަޅުކުރުމަށްޓަކައިކަމެވެ. އެހެންކަމުން އަނެއްކާވެސް އެކަންތައްތައް ތަކުރާރުވާ އުސޫލުން ކަން ހިނގުމަކީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫނެވެ.

މެންބަރުންނަކީ އިދިކޮޅުގެ ޓިކެޓުގައި މަޖިލީހުގައި ތިއްބެވި މެންބަރުން ނަމަވެސް އެ މެންބަރުން ތަމްސީލްކުރައްވާ ދާއިރާއެއްވެސް އޮންނައިރު، މިއީ އެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގަށް އަރައިގަނުންކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ދެން އޮތީ ރިޔާސީ ބަޔާނުގެ ވާހަކައެވެ. ދެ ފަޅިވެފައިވާ އެމްޑީޕީގައި ތިއްބެވި ރައީސް ސާލިހާއި ނުރުހުންވާ، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވައެވެ. މަޖިލީހަށް ވަޑައިނުގަންނަވާ މެންބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ސާލިހާއި މި ސަރުކާރާއި ދެކޮޅު މެންބަރުންގެ ތެރެއިން މަޖިލީހުގެ ތަޅުމުގައި ހަމައެކަނި ހާޒިރުވެ ތިބީ އިދިކޮޅު ތަމްސީލުކުރައްވާ މެންބަރުންނެވެ. އެހެން ނަމަވެސް ރިޔާސީ ބަޔާން އިއްވުމުގެ ކުރިން އެ މެންބަރުންވެސް ބޭރުކޮށްފައެވެ. އަދި ތަޅުމުގައި ތިބެ ރިޔާސީ ބަޔާން އެހުމުގެ ފުރުސަތު ދީފައިނުވާއިރު، ތަޅުމުން ބޭރުގައިވެސް ރިޔާސީ ބަޔާން އަޑުއިވޭނެ އިންތިޒާމް ހަމަޖައްސައިނުދޭކަމަށް އިދިކޮޅުގެ މެންބަރުން ވިދާޅުވެއެވެ. އެހެންކަމަށްވާނަމަ މިއީ ހަމަ އެމްޑީޕީއިން ގެނެސްދެއްވަން ވައުދުވީ ޑިމޮކްރަސީގެ ރިވެތި އުސޫލުތޯއެވެ.

ނަން އިއްވާ މަޖިލީހުން ބޭރުކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ނިޒާމު ގެއްލުވާލަން އުޅޭކަމަށް ރިޔާސަތައް ބެލެވުނީމައި އެކަން އެގޮތަށް ކުރެއްވުމަކީވެސް މަސްލަހަތަށްޓަކައި މުހިންމުކަމެކެވެ. އެހެން ނަމަވެސް އެކަން އެގޮތަށްކުރުމުގައި ފުރިހަމަ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަންވާނެއެވެ.

މިކަންކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށްޓަކައި ޕީޕީއެމްގެ މެންބަރުން ވަނީ މަޖިލީހުގެ ދޮރުމައްޗަށްވެސް އެއްވެފައެވެ. އަދި އެއްވުމުގެ ބައިވެރިން މަޖިލީހުގެ ކުރިމަތީ އަޑުގަދަ ކުރުމުގެ ސަބަބުން އެ ސަރަހައްދުން ދުރުކުރުމުން ދެން އެއްވުން ނުވަތަ މުޒާހަރާ ކުރިއަށްގެންދިޔައީ އެމްޑީޕީ އޮފީސް ދޮރުމަތީގައެވެ. ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވާލާ، އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ އިހުތިޖާޖު ފުލުހުން ހުއްޓުވަން މަސައްކަތްކޮށްފައިވަނީ ސަރަހައްދުގައި ތިބި ބައިވެރިންނަށް އަނިޔާވާނެފަދައިންނެވެ. އަދި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، އެ ސަރަހައްދުގައި މުޒާހަރާ ކަވަރު ކުރުމަށްޓަކައި ހަރަކާތްތެރިވީ ނޫސްވެރިންނަށްވެސް ވަނީ ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތައް ކުރިމަތިވެފައެވެ. އޭގެ ތެރެއިން ނޫސްވެރިއެއްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިތުރު ފަރުވާ ހޯދުމަށް ލަންކާއަށް ގެންގޮސްފައިވާއިރު، އުފެދޭ ސުވާލަކީ މިއީވެސް ހަމަ ޑިމޮކްރަސީ ތޯއެވެ.

ޑިމޮކްރަސީއެއްގެ މައިގަނޑު އެއް އަސާސަކީ މިނިވަންކަންކަމުގައިވީއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅާ މަންޒަރު މިދަނީ ފެންނަމުންނެވެ. މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއްކަމުގައިވާއިރު، ނޫސްވެރިންނަށްވެސް މި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެއެވެ. މިފަދަ ހިތާމަވެރި ކަންކަން ހިގައިގެންދާއިރު ސަރުކާރުގެ ކަމާއިބެހޭ އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވުމަކީވެސް ކަންބޮޑުވުމެކެވެ.

ޑިމޮކްރަސީގައި ސަގާފީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އަދި އިޖްތިމާއީ ގޮތުންވެސް އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅުނު ނަމަވެސް، މި ސަރުކާރުގެ ތެރޭގައި މިފަދަ ކަންކަން ހިންގާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އެގޮތުން ސިޔާސީ ގޮތުން ހިޔަލު ތަފާތުވާ މީހާއަށް ވަކި ގޮތަކަށް އަމަލުކުރެވިގެންދާކަމުގެ ވާހަކައަކީ އައު ވާހަކަތަކެއް ނޫނެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ނެތިގެންދާފަދަ މަންޒަރުތަކެއް ފެނިގެންދާއިރު، މިކަންކަން އިސްލާހުކުރަންޖެހޭކަމަށް ސަރުކާރަކުން ގަބޫލެއް ނުކުރައްވައެވެ. އިއްވި ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރެއްވީ މި ސަރުކާރަކީ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދީ އަދި އެމަގުން މަސައްކަތްކުރާ ސަރުކާރެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: