ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައްކަން ޖެހޭ ވާހަކައެއް ނެތް؛ ރިޔާސީ ބަޔާނުގައި ”ދަރަނި“ ލަފްޒު ގެއްލިފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވީ ރައްޔިތުންނަށް އުންމީދީ ފަސް އަހަރު ގެނެސްދެއްވާނެކަމުގެ ވައުދާއި އެކު އެވެ. އެއީ ޖަޒީރާ ރާއްޖެއެއް ތަރައްގީކޮށް، ރައްޔިތުންގެ ފުދުންތެރިކަމާއި ދިރިއުޅުމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ވީ ވައުދެކެވެ. އާއްމު ރައްޔިތު މީހާއަށް، ތިލަވާނެހެން ދެއްކެވި ވާހަކަތަކަށް ބައެއް ދިވެހިންގެ ނަޒަރު ހުއްޓި އެމްޑީޕީ އާއި ހަވާލު ކުރި ވެރިކަމުގެ ދައުރު ހަމަވާން ދެން މާގިނަ ދުވަހެއް ނެތެވެ.

އަނެއްކާވެސް އަމާޒު ހިފާފައި މި އޮތީ 2023 ގެ ރިޔާސީ އިންތިހާބަށެވެ. އެންމެ ފުރަތަމަ ވެރިކަމަށް އައުމަށް ވީ ވައުދުތަކަށް ވުރެ ބޮޑަށް މިހާރު އިވެނީ އައު ވާހަކަތަކެއް ދައްކާ އަޑެވެ. އިންތިހާބުގެ ކެމްޕެއިނާއި އެކު ކުރިޔަށް އޮތް ތަނުގައި، އަތޮޅު ތެރޭގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުތައް އިތުރުވާނެ އެވެ. ފެންނަ މަންޒަރުތައް ތަފާތުވެފައި ގިނަ ވާނެއެވެ.

ސަރުކާރެއްގެ އަމާޒުތަކާއި، މަސައްކަތްތައް އަބަދުވެސް އެންމެ ސާފުކޮށް ގެނެސް ދެނީ އަހަރު ފެށުމާއި އެކު މަޖިލީސް ހުޅުވައިދެއްވައި އިއްވާ ރިޔާސީ ބަޔާނުގަ އެވެ. 2023 ވަނަ އަހަރަށް މަޖިލިސް ހުޅުވައިދެއްވައި، ރައީސް އެންމެ ފުރަތަމަ ވާހަކަ ފެއްޓެވީ ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތުގެ ވާހަކައިންނެވެ. އެއީ ތަސައްވުރަކާއި އެކު ވައުދުވެ، އެ ވައުދުތައް ފުއްދުމުގެ މައްޗަށް އުފެދޭ ވެރިކަމަކަށްވާއިރު އެންމެ ބޮޑު އިސްލަމެއް ދީގެން މަސައްކަތް ކުރަން ޖެހޭނީ ގައުމުގެ ހަމަޖެހުމަށް ކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މުޖްތަމައުގެ އާއްމު މަސްލަހަތު ގެއްލިފައި ވާނަަމަ އެކަމަށް މަސައްކަތްކޮށް އަޑުއެހުމާއި މަޝްވަރާއަށް ޖާގަ ދިނުމަށެވެ.

ކޮންމެ އަކަސް ސަރުކާރު އުފެދި، ގިނަ ދުވަސްތަކެއް ނުވެ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިލާން ޖެހުނީ ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމެވެ. ކޮވިޑު 19 އާއި، ރަޝިޔާ ޔުކްރެރިން ހަނގުރާމައިގެ ސަބަބުން ކުރިމަތިލާން ޖެހުނު ދަތިހާލަތު ބޮޑެވެ. ޖުމްލަ 4557 ލަފްޒުގެ ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާ ކުރިއެރުވުމާއި، ސިއްހީ ދާއިރާގެ ކާމިޔާބީތައް، ރާއްޖޭގެ ރަށްތަކުގެ ތަރައްގީ އާއި، ޒުވާނުން ބިނާ ކުރުން، މަތީ ތައުލީމުގެ ފުރުސަތާއި، ދަރިވަރުންގެ ސްޓޫޑަންޓް ލޯނުތައް، އަދި ވަޒީފާ އާއި ގުޅުން ހުރި ޕްރޮގްރާމުތަކާއި، ސިޔާސަތުތައް، އަދި އުމްރާނީ ތަރައްގީގެ މަޝްރޫއު އާއި އަދި އިގްތިސާދާއި ކުޅިވަރުގެ ދާއިރާ އާއި ތިމާވެށި ހިމާޔަތް ކުރުމާއި އެ ނޫން ވެސް ވާހަކަތައް ހިމެނެ އެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމާއި، ރާއްޖޭގެ ޝަރުއީ ނިޒާމު އަދި ސިޔާސީ ހަމަޖެހުން ގާއިމު ކުރުމާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އެތައް ވާހަކައެއް ހުއްޓެވެ. ނެތީ އެންމެ ވާހަކައެކެވެ. އެއީ ދަރަނީގެ ހާލަތާއި، ދަރަނި މެނޭޖު ކުރުމުގެ ވާހަކަ އެވެ. ދަރަނި މެނޭޖް ކުރަން ކުރެވުނު މަސައްކަތެވެ. ރާވާފައިވާ ރޭވުންތަކުގެ ވާހަކައެވެ.

އިގްތިސާދީ ބައެއް ވާހަކަތަކެއް ހިމަނާފައިވާ ރިޔާސީ ބަޔާނުގައި ވަނީ 2022 ގައި ރާއްޖޭގެ އިގްތިސާދޫ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކުރީ 7.6 އިންސައްތައިން ނަމަވެސް އަންދާޒާ ކުރި މިންވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. 12.4 އިންސައްތައިގެ ކުރިއެރުމަކާއި އެކު މި ހިނގާ އަހަރު ރާއްޖޭގެ އިގްތިސާދު 8.2 އިންސައްތައިން ކުރިއަރާނެކަމަށް ވޯލްޑް ބޭންކު ރިޕޯޓާއި ހަވާލާ ދެއްވައި ރައީސް ވިދާޅުވި އެވެ.

ކޮވިޑާއި އެކު ދިމާވި އިގްތިސާދީ ހާލަތުން އަރައިގަތުމަށް، މާލީ ސިޔާސަތުތަކަށް ބަދަލު ގެނެވުނުކަން ފާހަގަކޮށް ރައީސްގެ ރިޔަސީ ބަޔާނުގައި ވިދާޅުވީ އެ ފިޔަވަޅުތަކާއި އެކު ކުރިމަތިވެދާނެކަމަށް ލަފާ ކުރެވުނު އިގްތިސާދީ އަޑިގުޑަން ކުޑަ ކުރެވުނު ކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ 2022 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 827 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ. އިގްތިސާދާއި ގުޅޭގޮތުން ދެއްކެވި ހަމައެކަނި ވާހަކައަކީ ވެސް މިއީ އެވެ.

ރައީސް ސާލިޙްގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ދަރަނީގެ ހާލަތު އޮތް މިންވަރު ހާމަނުކުރި ނަމަވެސް ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓުތަކުން ދައްކަ އެވެ. އައިއެމްގެ ރިޕޯޓުތަކުގައި ވަނީ ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑުކަމަށާއި ހަރަދުތައް ކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އާމްދަނީ އިތުރު ކުރުމާއި ދަރަނިތައް މެނޭޖް ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ތަންފީޒު ކުރަންޖެހޭ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ. ރިޕޯޓުގައި ވާ ގޮތުގައި 2021 ޖުލައި އިން 2022 އަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 0.2 އިން 2.7 ޕަސެންޓަށް އުފުލިފައެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން އަރުވާފައިވާ ލަފާގައިވާގޮތުން، 2023 ވަނަ އަހަރުގެ ސަރުކާރުގެ ޑެފެސިޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ބޭރު ފަރާތްތަކުގެ އަތުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން އަދި ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންކަމަށެވެ. އެމްއެމްއޭ އިން ބުނެފައިވާގޮތުން 2023 ވަނަ އަހަރު ބޭރު ފައިނޭންސްތައް ހޯދުމަށް ހިރާސްތަކެއް އެބަހުއްޓެވެ. އެހެންކަމުން ޑޮމެސްޓިކް މާކެޓުން އެ ފައިސާ ހޯދަން ޖެހޭނެކަމަށްވީނަމަވެސް ވިޔަފާރި ބެންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރު ދައްވުމުންނާއި ޓީބިލުގައި އިންވެސްޓުކޮށްފައިވުމުން އެ މާކެޓުންވެސް ފައިސާ ހޯދުމަށް ދަތިވެދާނެކަމަށް ފާހަގަކުރާކަމަށް އެ މުވައްސަސާއިން ބުނެފައިވެއެވެ.

ރާއްޖޭގެ ދަރަނީގެ ނިސްބަތް އިންތިހާއަށް އިތުރުވަމުން ދާއިރު، ރާއްޖޭގެ ދަރަނި ވަނީ 100 ބިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ. ދަރަނި މިހާ ބޮޑުވީ، ތަރައްގީގެ މަޝްރޫއުތަކާއި އަދި އެ ނޫންވެސް ބޭނުންތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެވެ.  އަންދާޒާ ކުރެވޭ ގޮތުގައި ޖުމްލަ ދަރަނިީގެ ނިސްބަތުން މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހެނީ 182،943 ރުފިޔާ އެވެ.

މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ލޯނެއް ނަގާފައި ވަނީ ކޮވިޑު-19 މެނޭޖު ކުރުމަށާއި، ތިލަމާލެ ބްރިޖް މަޝްރޫއަށެވެ. އެ ލޯނު 500 މިލިއަން ޑޮަލަރަށް ވުރެ ބޮޑެވެ. އަދި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ އަދަދު 19 ބިލިއަން ރުފިޔާއަށް އަރަ އެވެ. ފަހަރުގައި އެއަށްވުރެ މަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިދިޔަ އަހަރު ނިމެމުން ދަނިކޮށް ވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) 100 މިލިޔަން ޑޮލަރުގެ ލޯނެއް ވަނީ ނަގާފައެވެ. އެ ލޯނުގެ ތަފްސީލު އެނގޭ ދިވެހި ރައްޔިތެއް މި ގައުމުގަ ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ލޯނު އެއީ ބޮޑު ސިއްރެކެވެ.

ކޮންމެއަކަސް ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެ ހޭދަ ކުރަން ޖެހުނު ދެ އަހަރަށް ފަހު، އެތައް ގައުމެއްގެ އިގްތިސާދު އިނދަ ޖެހުނެވެ. އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ކޮޅަށް ޖެހި، އިގްތިސާދާއި ހޯދި އާމްދަނީގެ ވަސީލަތްތައް ބަންދުވެގެން ދިއުމުގެ ސަބަބުން ބައެއް ގައުމުތައް ބަނގުރޫޓުވާ ހާލަތަށް ވެސް ދިޔަ އެވެ. އެހެންވެ އެފަދަ ގައުމުތަކުން އެޅި ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި، ހަރަދު ބޮޑު މަޝްރޫއުތައް މަޑު ޖައްސާލުމާއި، ހަރަދުތަކަށް ވުރެ އާމްދަނީ ލިބޭނެ ވަސީލަތްތައް ފުޅާ ކުރުން ފާހަގަ ކުރެވެ އެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ސުވާލުތަކެއް މިއަދު އުފައްދާއިރު މިއީ އެއްވެސް ގޮތެއްގައި ކޮވިޑު ނުވަތަ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ބަހަނާއެއްގެ ގޮތުގައި ދައްކައި ނިންމާލެވޭނެ ވަރުގެ ވާހަކަތަކެއް ނޫނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކާއި، އަދި އެހެނިހެން ރީސާޗް ރިޕޯޓުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވާން ފެށީ 2019 ގަ އެވެ. ކޮވިޑުގެ ސަބަބުން ދަތިތަކެއް ދިމާވެ، އާމްދަނީ ވަންނަ ހުރިހާ ދޮރެއް ބަންދުވުމާއި އެކު ސަރުކާރުން އެކަމުގެ ހައްލެއްގެ ގޮތުގައި ދެކުނީ ފައިސާ ޖެހުމެވެ.

އިދާރާތްތަކުގެ އިންޒާރުތަކާއި، ކަންބޮޑުވުންތަކަށް މިއަދު ވެސް ބެލުމެއް ނެތި ސަރުކާރުން ޗާޕު ކުރި ފައިސާގެ އަދަދު 04 ބިލިއަނަށް އަރަ އެވެ. ފައިސާ ޗާޕް ކުރުމުން އިންފްލޭޝަނަށް އަސަރުތަކެއް ކުރާނެކަމަށް އެތައް ބަޔަކު ފާހަގަކުރަމުން ދަނިކޮށް އަނެއްކާވެސް ނިންމީ ފައިސާ ޗާޕު ކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށެެވެ.

އަނބުރާ ދައްކަން ޖެހޭ ދަރަނިތައް އިތުރު ނަމަވެސް، ސަރުކާރުން ލޯނުތައް ނެގުމުގައި އެއްވެސް އުސޫލެއް ގެންގުޅެފައި ނުވާތީ އެ އަދަދު މިހާރު ވަނީ 100 ބިލިއަނުން މައްޗަށް އަރާފަ އެވެ. ދަރަނިތައް ނަގަނީ މަޝްރޫއުތައް އަވަސް ކުރުމުގެ ނަމުގައިކަމަށް ވާއިރު އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ފެންވަރުގެ މަޝްރޫއެއް އަދި ފަށާ ނިމިފައެއް ނުވެއެވެ. ތިލަމާލެ ބްރިޖަކީ، ރާއްޖޭގެ އިގްތިސާދަށް ވަރަ ބޮޑު ބަދަލެއް ގެންނާނެ މަޝްރޫއެއް ނަމަވެސް ހަތަރު އަހަރުގެ ތެރޭގައި ސާވޭގެ މަސައްކަތް ފިޔަވައި ކުރެވުނު މާބޮޑު ކަމެއް ނެތޭ ދެންނެވުން ދިގަކަށް ނުވާނެއެވެ. ކަނޑައެޅާފައިވާ ގޮތަށް ބްރިޖުގެ މަޝްރޫއު ކުރިއަށްދާ ަކަމަށް ރައީސް ސާލިޙްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ނަމަވެސް ގަބޫލު ކުރަން ވަރަށް ވެސް ދައްޗެވެ. އަދި ފެނުން މައްޗަށް އެރި ރަނގަޅު ތަނބެއް ވެސް ފެންނާން ނެތެވެ.

މަސައްކަތް ނިމޭވަރަކުން ފޭސްތަކަށް ބަހާލައިގެން ހުޅުވާނެކަމަށް ބުނާ، ތިލަމާލެ ބްރިޖުގެ މަސައްކަތް 2024 ގައި ވެސް ނިންމާލެވޭނެކަމަށް ނުބެލެވެ އެވެ. ބުނާ ގޮތުން ނަމަ މަސައްކަތް ކުރަނީ މިއަހަރު ވިލި މާލެއާއި މާލެ ގުޅޭ ބައި ނިންމާ ހުޅުވުމަށެވެ.

މިހާ ހިސާބުން ދެން އަންނާނެ ސުވާލަކީ، ރިޔާސީ ބަޔާނެއްގައި ދަރަނީގެ ވާހަކަ މުހިންމުވާ ސަބަބެވެ. ރާއްޖޭގެ ހާލަތާއި ގުޅުވައި އާއި، ރިޒާވްގެ އެކި ވާހަކަތަކެއް ދެކެވިއްޖެ އެވެ. ކާބޯތަކެތި ގަންނާނެ ފައިސާ، ނުވަތަ މުސާރަ ދެވޭނެހާ މިންވަރަށް ދައުލަތުގެ ހާލަތު ގޯސްވެފައިވާކަމަށް ބުނާ ވާހަކަތަކަށް ސިޔާސީ ރައްދުތަކެއް ދިން ނަމަވެސް ދަރަނީގެ ވާހަކަ ސީރިއަސް ސިފައެއްގައި ރަސްމީކޮށް ދައްކަން ޖެހެ އެވެ.

ހާއްސަކޮށް، ބޯހިޔާވަހިކަމުގެ ފްލެޓުތަކާއި ގޯތި ދޫކުރުމާއި މުސާރަ ބޮޑު ކުރުމާއި އަދި ހަރަދުތައް ހިނގާނެކަމަށް ބުނާ ރިޔާސީ ބަޔާނުގައި ދަރަނީގެ ވާހަކަ އޮންނަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ހަރަދުތައް ކުޑަ ކުރުމަށް އަންގައި ތަފާތުއެކި ސާކިއުލާތައް ނެރެމުން ދާއިރު އޭގެ ފަހަތުން ރާއްޖެއިން ދަނީ އެކި ލޯނުތައް ނަގަމުންނެވެ. އެއްވެސް ތަފްސީލެއް ނުލިބޭ މި ލޯނުތަކަކީ އަނބުރާ ދައްކަން ޖެހޭ ފައިސާއަށް ވާއިރު އިންޓެރްސްޓުގެ އަދަދެއް ވެސް ނޭނގެ އެވެ. އެހެންކަމުން، މިހާރު ދައްކަން ހުރި ލޯނުތަކާއި ނަގަމުން ދާ ލޯނުތައް އަނބުރާ ދެއްކުމުގައި ގޮންޖެހުންތަކެއް ދިމާވެދާނެ ތޯ ނުވަތަ ނޫން ތޯ ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހެ އެވެ. ހަގީގަތުގައި ރައީސް ސާލިޙްއަސް ނުވިސްނު ކަމަކީ ދަރަނު ނުދެއްކިއްޖެނަމަ ދެން ވށާނެ ގޮތެވެ. ވިސްނި ވަޑައިގެންނެވި ނަމަ ދަރަނީގެ ވާހަކަ ދެއްކެވީހެވެ. ނަމަވެސް އޭގެ ބަދަލުގައި ކުރެއްވި ކަމަކީ ރިޔާސީ ބަޔާނުން ދަރަނީގެ ލަސްޒް ވެސް ގެއްލުވާލުމެވެ. އެއީ ނެތް ކަމެއްގެ ގޮތުގައި ހެދީއެވެ. ރައީސް މަނިކުފާނަށް ހަމަ އައްސަރިބަހާ ސާބަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: