ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާއިން މަސައްކަތް ކުރަނީ އަވަސްކަމާއި އެކު އަދުލު އިންސާފު ފޯރުކޮށްދިނުމަށް: އުއްތަމަ ފަނޑިޔާރު

ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތްކުރާނީ ގާނޫނު އަސާސީ އާއި ޤާނޫނުގެ ވެރިކަން އަބަދުވެސް ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަަށް އުއްތަމަ ފަނޑިޔާރު  މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ގަޟާއީ އަހަރުގެ ފެށުން ރަސްމީގޮތުން ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި މުއުތަސިމް ވިދާޅުވީ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާއިރު،  މަގްސަދަކަށްވާނީ ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި މިރާއްޖޭގެ އާއްމު މަސްލަހަތު ދިފާއު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ގަޟާއީ އައުއަހަރު ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ އައު އަހަރަކަށް ކުރިމަތިލާއިރު މާޒީއިން ލިބުނު ތަޖުރިބާގެ އަލީގައި އަލަށް ފެށިގެންދާ އަހަރަކީ ކާމިޔާބު އަހަރަކަށް ހަދައި ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިސްލާހުކޮށް އެދާއިރާ އަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް ކުރެވުންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ހުޅުވާލުން ކަމަށް މުއުތަސިމް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގަޟާއީ އަހަރު ފެށުމުން، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާއާއި ގުޅުންހުރި އިދާރާތަކުގެ މެދުގައި އެކި މައުޟޫއުތަކަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވިގެންދާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ. އެގޮތުން މިއަހަރުވެސް އެފަދަ ބައްދަލުވުންތަކެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ގަޟާއީ އަހަރު ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އޮންލައިން ހިއަރިންގ އާއި ގުޅޭ ތަޖުރިބާ ހިއްސާކުރުމާއި، ބެންޗް އެތިކްސް އާއި ބެންޗް އެޓިކެޓްއާ ގުޅުންހުރި މައުޟޫއު ތަކަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ނިންމާފައިވާ ކަަމަށް  މުއުތަސިމް ވިދާޅުވިއެެވެ.

ގަޟާއީ އަހަރު ފެށުމުގެ ގޮތުން ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޖަޔަންތާ ޖައެސޫރީއާ  އާއި އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ގޯނަކަ އަލުވިހާރާ ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށްވެސް މުއުތަސިމް ވިދާޅުވިއެވެ.

”މިއަހަރަކީ ޝަރުއީ ދާއިރާގެ ނިޒާމްގެ ބޮޑުބަދަލަކަށް މިސްރާބު ޖަހާފައިވާ އަހަރެއް“ އުއްތަމަ ފަނޑިޔާރު

މިއަހަރުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީ އާއި ގުޅުންހުރި ގާނޫނުތަކަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅުމަށް ނިންމާފައިވާކަން ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހާމަކުރައްވާފައިވާތީ މުއުތަސިމް ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.

ކޮންމެ އިސްލާހީ ބަދަލެއްގައި ހިފަހައްޓަންޖެހޭ އަސާސީ ހަމަތަކެއް ހުންނާނެ ކަމަށް މުއުތަސިމް ވިދާޅުވިއެވެ. އެހަމަތައް އެންމެ ތިލަކޮށް ސާފުކޮށްދީފައިވަނީ 1932 ވަނަ އަހަރުގެ ރަދުން އައްސުލްތާން މުހައްމަދު ޝަމްޝުއްދީންގެ ދުވަސްވަރު އެކުލަވާލި ފުރަތަމަ ގާނޫނު އަސާސީގައި ކުރެއްވި އަމުރުފުޅުގައި ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ޝަމްސުއްދީން ރަދުންގެ އަމުރުފުޅުން ފާހަގަ ކުރެވޭ އެއް ކަމަކީ އިސްލާމްދީނާއި ހިލާފުނުވާގޮތަށް ގާނޫނު ހެދުމަށް ކުރެއްވި އަމުރުކަމަށް މުއުތަސިމް ވިދާޅުވިއެވެ. އަދި މިރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން ޒަމާނަށް ކަމުދާ ގޮތްތައް ހިމަނައިގެން ގާނޫނު ހެދުމަށްވެސް ރަދުން އަމުރުކުރައްވާފައިވާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ދައުލަތަށް ލިބިހުރި ފައިސާއެއްގެ މައްޗަށް ވިސްނުން ބަހައްޓައިގެން ގާނޫނު ހެދުމަށްވެސް ޝަމްޝުއްދީން ރަދުން އަމުރުކުރައްވާފައިވާ ކަމަށް މުއުތަސިމް ވިދާޅުވެފައިވެއެވެ. އަދި މިރާއްޖެއިން ދީފައިވާ އިންޓަރނޭޝަނަލް ކޮމިޓްމަންޓްސް ތަކަށް ހުރުމަތްތެރިކޮށް ހިތޭގޮތަށް ޤާނޫނު ހެދުމަށް ކުރެއްވި އަމުރަކީ ވެސް ޝަމްޝުއްދީން ރަދުންގެ ފަރާތުން ގާނޫނު އެކުލަވާލުމުގައި ފާހަގަކުރެވުނު މުހިއްމު ނުކުތާއެއްކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ މަދަނީ އިޖްރާއަތުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނުވި އަހަރެއް ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

”ކޯޓްތަކަށް މައްސަލަތައް ހުށަހެޅުމާއި ކޯޓްތައް ހިންގުމަށް އަދި މަދަނީ މައްސަލަތަކުގައި ކޯޓްތަކުން އިއްވާ ހުކުމްތައް ތަންފީޒް ކުރުމާގުޅޭ އިޖްރާއަތުތަކަށް އިންގިލާބީ ބަދަލްތަކެއް މަދަނީ އިޖްރާއަތުގެ ގާނޫނުވަނީ ގެނެސްފައި. އަދި މިއަހަރު ފެށިގެން ދިޔައީ 47 އަހަރުވީ ހެއްކާއި ބެހޭ ގާނޫނު އުވި، އައު ހެއްކާބެހޭ ގާނޫނަކާ އެކު.“ އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންގެ އިލްމީ ގާބިލްކަން މަތިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ޖުޑީޝަލް އެކަޑަމީ އިން ހިންގާފައިވާކަން މުއުތަސިމްގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ.

ރަސްމީ ސިފައެއްގައި ދެވޭ ތަމްރީންގެ އިތުރުން، ފަނޑިޔާރުންނަކީ ގާނޫނުތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް މަސައްކަތްތައް ބައްޓަންކުރާ ބަޔަކަށް ވުމަށް، އެފަދަ ބަދަލުތަކަށް އަހުލުވެރިވެ ފަރުދީ ގޮތުން އެކަން ދިރާސާކޮށް ތިމާގެ ނަފްސު އަދާހަމަކުރަންޖެހޭ ބައެއް ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ފާއިތުވެދިޔަ އަހަރުގެތެރޭގައި އައިސްފައިވާއިރު، މިއަހަރު ހެއްކާއިބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ގާނޫނީ ނިޒާމް ފުޅާވެ ތަރައްގީވަމުންދާ ވަރަކަށް އެނިޒާމްގެ މަގްސަދު ހާސިލްކުރެވެމުންދާނީ، އެގާނޫނުތައް ތަންފީޒު ކުރަންތިބި ފަރާތްތަކަކީ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ވެގެން ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ކުރިއެރުމަށްޓަކައި ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރުން، ޖުޑީޝަރީގެ ދާއިރާއަށް ލިބެމުންދާ އެހީތެރިކަމަށް މުއުތަސިމް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަރުދަނާކޮށް ކުރިއެރުވުމަށް ޖޭއެސްސީއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެކޮމިޝަނުން ކުރާ މަސައްކަތްތައް މުއުތަސިމްގެ ވާހަކައިގައި ފާހަގަކޮށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: