ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ލިބުނު 2008 ގެ ޕްރައިމެރީގެ ކާމިޔާބާއި، 2023 ގެ ނާކާމިޔާބީ!

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ގެއްލުނު ފުރުސަތާއި އެކު، އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން އައި އެމްޑީޕީގެ ރައީސް އަދި ޕާޓީގެ އެންމެ ފުރަތަމަ ސަރުކާރުގެ ވެރިކަން ކުރެއްވި މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބު ބޭއްވިތާ ދެ މަސް ފަހުން އެ އަހަރުގެ ނޮވެމްބަރު މަހުގެ 1 ގަ އެވެ.

މުޅި މާލެއެއްކޮށް އެމަނިކުފާނަށް މަރުހަބާ ކިއުމަށް ނިކުތްއިރު މަގުތައް ފުރާލާފައި އޮތީ ރީނދޫ ކުލައިންނެވެ. އަރިހުގައި މުޅި މާލެ ވަށައި އެކުގައި ހިންގެވީ، އިންތިހާބީ ކެނޑިޑޭޓުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގާތް ދެ އެކުވެރިންގެ މެދުގައި އޮތް ގާތް ގުޅުމާއި، އެކަކު އަނެކަކަށް ކުރި އިހުތިރާމް މިހާ ހަޑި ގޮތަކަށް ބަދަލުވެދާނެކަމަށް އެދުވަހަކު ހިތަކަށް ނާރަ އެވެ. އެއީ ދެ ބޭފުޅުން ވެސް އެ ދުވަހު ތިއްބެވީ ސިޔާސީ ގޮތުން މީހަކަށް ދެވޭނެ އެންމެ އުހުގައިކަމަށް ވީތީ އެވެ.

މިއަދު އެމްޑީޕީގެ އެތެރޭގެ ހާލަތު ފެނި، ބަޔަކު މީހުން ކިތަންމެ އަޖައިބު ވިޔަސް ހަގީގަތަކީ ޕާޓީގެ ތެރޭގައި މިއަށް ވުރެ ހުތުރު ހަޑި އަމަލުތަކެއް ހިނގާފައިވާކަމެވެ.

ދިވެހިން ސިޔާސީ މައިދާނަށް ލޯހުޅުވެން ފެށި ދުވަސް ވަރުން ވާހަކަ ފަށާނަމަ އެއީ 2008 ވަނަ އަހަރެވެ. 30 އަހަރުގެ ވެރިކަމެއް ނިންމުމަށް އެމްޑީޕީން ކުރަމުން އައި މަސައްކަތްތަކަށް ކާމިޔާބު ހޯދުމަށްޓަކައި ޕާޓީން ނިންމީ ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިން ޕްރައިމެރީއެއް ބާއްވައި ކެނޑިޑޭޓަކު ހޮވުމަށެވެ.

އޭރު ރާއްޖޭގައި ހިންގަމުން އައި ހަވީރު ނޫހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމެރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ 25 ފެބްރުއަރީ 2008 ގަ އެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ގައުމީ މަޖިލީހުގެ މެމްބަރަކަށް އޭރު ހުންނެވި އުބެއިދުﷲ މުއާޒު ވިދާޅުވެފައި ވަނީ ވޯޓު ލެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕާޓީއަށް ރެޖިސްޓްރީކޮށްފައިވާ މީހުންނަށްކަމަށެވެ. އޭރު އެމްޑީޕީގެ ދަފްތަރުގައި ތިބީ 19،402 މެމްބަރުންނެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ލިސްޓު ޕާޓީން އާއްމުކޮށް ނަން ނެތް ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ. އޭރު ވެސް ދަފްތަރުގެ މައްސަލަ ބޮޑަށް ދިމާވި އެވެ.

އޭރު އޮތް އިންތިހާބުގައި ވާދަ ކުރެއްވީ ޕާޓީގެ ރައީސަކަށް ހުންނެވި ޑރ. މުނައްވަރު މުހައްމަދާއި، ޝެޑޯ ކެބިނެޓު މެމްބަރު ރީކޯ މޫސާ މަނިކު އަދި ރައީސް ނަޝީދެވެ.

އިންތިހާބުގެ ތެރޭގައި އެންމެ ބޮޑަށް ގޯސްވީ، ޕްރޮކްސީ ވޯޓުގެ މައްސަލަ އެވެ. ހުޅުވާލި ފުރުސަތުގައި، އެ މީހެއްގެ ބަދަލުގައި އިތުރު މީހަކު ގޮސް ވޯޓުލުމަށް 261 ފޯމު ލިބުނެވެ. އޭގެ ތެރެއިން ސައްހަކަމަށް ކަނޑައެޅީ 238 ޕްރޮކްސީ ފޯމެވެ.

ޕްރޮކްސީ ވޯޓާއި ރައީސް ނަޝީދު ނޫން އަނެއް ދެ ކެނޑިޑޭޓުން ދެކޮޅު ހެއްދެވި އެވެ. އެއީ ވޯޓު ލުމުގެ ރޫހާއި ވެސް ހިލާފުކަމެއްގެ ގޮތުގައި ފާހަގަކޮށް އޭނާގެ ފަރާތުން މައްސަލަތަކެއް ޕާޓީއަށް ވެއްދި އެވެ. އޭގެ ތެރޭގައި، މުނައްވަރުގެ ފަރާތުން ހުށަހެޅި ޕެޓިޝަން ފާހަގަކުރެވެ އެވެ.

ރައީސް ނަޝީދު ގަބޫލު ކުރެއްވީ، ޕްރޮކްސީ ވޯޓުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި ޕާޓީގެ އަސާސީ ގަވައިދުން އެގޮތަށް ވޯޓު އެޅުމަށް ހުރަހެއް ވެސް ނެތް ކަމަށެވެ. އެކަމާއި ދެކޮޅު ހަދައި، މައްސަލަ ބޮޑު ކުރުމުގެ ސަބަބުން ދެން ބޭއްވީ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެކެވެ.

އޭރު މީޑިއާތަކަށް އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން މައުލޫމާތު ދެއްވީ މުހައްމަދު ރަޝީދު (ބިގޭ) އެވެ. އޭނާ ވިދާޅުވީ ކެނޑިޑޭޓެއްގެ މަންދޫބެއް ވަޑައިގެން، ރެޖިސްޓްރީ ކުރެވިފައިވާ ޕްރޮކްސީތަކުގެ ތެރޭގައި ސައްހަ ނޫން ޕްރޮކްސީ ހިމެނޭކަމަށާއި އެކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ބުނި ކަމަށެވެ.

އެތައް ބަހުސްތަކެއް ކުރި، އެ ބައްދަލުވުމުގައި ނިންމީ ޕްރޮކްސީ ވޯޓު ބަލައިގަތުމަށެވެ. އެހާ ހިސާބުން ވެސް އެ މައްސަލައަށް ނިމުމެއް ނައެވެ. އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލުތައް އުފައްދައި ކުރަމުން ދިޔަ ޝައްކުތަކަށް ނިމުމެއް ނައުމުން އިންތިހާބާއި ބެހޭ ކޮމިޓީން ތިން ކެނޑިޑޭޓުންނަށް ބައްދަލުވުމަކަށް ކި އެވެ.

އެއީ ޕްރޮކްސީ ފޯމުތައް ހުށަހަޅާފައިވާ މެމްބަރުންނަށް ވަކިވަކީން ގުޅައި އެކަން ކަށަވަރު ކުރުމަށެވެ. އެގޮތަށް އެންގުމުން ވެސް ބައްދަލުވުމަށް ވަޑައިގަތީ ޑރ. މުނައްވަރާއި މޫސަގެ މަންދޫބުންނާއި މެމްބަރުން އެކަންޏެވެ. ރައީސް ނަޝީދުގެ ފަރާތުން ބައްދަލުވުމަށް ނައިސް ބުނީ، ނިންމާ ކޮންމެ ނިންމުމެއް ވެސް ގަބޫލު ކުރާނެ ކަމަށެވެ.

މައްސަލައިގައި އިންތިހާބާއި ބެހޭ ކޮމިޓީއަށް ޝަކުވާ ހުށަހެޅުއްވީ، ޑރ. މުނައްވަރުގެ މަންދޫބު އިބްރާހިމް ދީދީ (ކޭޑީ) އެވެ. އެ މައްސަލަ ހުށަހެޅުމުން ޕާޓީގެ އަމީން އާންމު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ޕްރޮކްސީ ވޯޓު ދިނުމުގެ ހައްގަކީ އެމްޑީޕީގެ އަސާސީ ގަވައިދުން ޕާޓީގެ މެމްބަރުންނަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އަސާސީ ގަވައިދުގައި ވާ މާއްދާއެއް ނުވަތަ އަކުރެއް ބަދަލު ކުރެވޭނީ ޕާޓީގެ ކޮންގްރެސްއަށްކަމަށް ވިދާޅުވި އެވެ.

މިހުރިހާ ވާދައެއްގެ ތެރެއިން ބޭއްވި ޕްރައިމެރީ ތަފާތު ބޮޑު ގޮތަކަށް ރައީސް ނަޝީދު ކާމިޔާބު ކުރެއްވި އެވެ. ރައީސް ނަޝީދަށް އިންތިބާބުގައި ވޯޓުލީ 11،000 މީހުންގެ ތެރެއިން 7،656 މީހެއްގެ ވޯޓު ލިބިވަޑައިގަތެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ދެން ފެނުނީ، ޑރ. މުނައްވަރު ޕާޓީއާއި ދުރަށް ޖެހުނު މަންޒަރެވެ. ޕާޓީއާއި ގުޅިވަޑައިގަތީ ދިވެހި ރައްޔިތުންގެ ތާއީދު އޮތް އެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއަކަށް ހެދުމަށް ނަމަވެސް ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވިސްނުން ހުރި ގޮތުން އެ މަގްސަދު ހާސިލު ކުރެވިދާނެކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި އެއީ ޕާޓީގެ އެތެރޭގައި އޮތް އެ ސަގާފަތް ނައްތާލެވިދާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ނުފޫޒެއްގެ ގޮތުގައި ސިފަ ކުރައްވައި، މުނައްވަރު ވިދާޅުވެފައި ވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމޮކްރަޓިކް ނޫން ކަންކަން ނައްތާލެވިދާނެކަމަށް ވެސް ގަބޫލު ނުކުރެވޭކަމަށެވެ.

މިއީ ޕާޓީން ޑރ. މުނައްވަރު ވަކިވީ ގޮތެވެ. އެ ނޫން ވެސް އެތައް ބަޔަކު އެބަތިއްބެވެ.

އޭގެ ފަހުން ދެން އައީ 2013 ވަނަ އަހަރުގެ އިންތިހާބެވެ. މާޒީގެ ސޮފުހާތަކުގެ ތެރެއިން، ޑރ. މުނައްވަރުގެ އެ ސިޓީގައި ވިދާޅުވި ޑިމޮކްރަޓިކް ނޫން ކަންކަން 2012 އާއި 2013 އަހަރު ފެނުނެވެ.

އެއީ 2012 ވަނަ އަހަރުގެ ތެރޭގައި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް އަލްހަން ފަހުމީ ވަކި ކުރަން ހުށަހެޅި މައްސަލަ އެވެ. މިއަދު ވެސް ޑރ. ޑީޑީ އަދި އަލްހާން ވިދާޅުވަމުން ގެންދަވަނީ އެދުވަހު ވެސް އޮތީ ރައީސް ނަޝީދުގެ ނުފޫޒު ކަމަށެވެ.

އެއަށް ފަހު 2014 ގައި ވަކި ކުރީ ރީކޯ މޫސާ މަނިކެވެ.

މިއީ އެމްޑީޕީގެ ތާރީހުން ފެންނަން ހުރި މަންޒަރުތަކެވެ. އޭރު ޕާޓީގެ އެތެރޭގައި އޮތް ރައީސް ނަޝީދުގެ ބާރަށް މިހާރު ނިމުމެއް އައީ އެވެ.

މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކޮށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހު ބަލި ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު އެދުނީ ޕާޓީގައި އަމިއްލަ ހަރަކާތްތައް ހިންގުމުގެ ފުރުސަތަކަށެވެ. އަދި ޕާޓީގެ އާއްމު މެމްބަރުން ބޭނުންވާ ގޮތަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭ ގުރޫޕަކަށް މެސެޖެއް ފޮނުވައި ރައީސް ނަޝިދު ވިދާޅުވީ ޕްރައިމެރީގެ ކެމްޕެއިނަށް ބޭނުން ކުރެއްވި ކެމްޕެއިން ސްލޯގަން ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތައް އުފައްދައި، ހަރަކާތާއި ގުޅޭ މެމްބަރުންނާއި އެކު ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓާއި މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަ ކުރާނެ ކެނޑިޑޭޓު ކަނޑައެޅީ، ގިނަ މެމްބަރުންގެ ބަހެއް ނެތިކަމަށް ވުމާއި އެކު އެ މެމްބަރުން ޕާޓީއާއި އަލުން ގުޅުމަށް ޖާގަ ދޭން އެމަނިކުފާނު ގޮވާލި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީން ވަކި ކުރި 39،000 މެމްބަރުން ހިމެނޭ ހެން އިތުރު އިންތިހާބަކަށް ގޮސް ކެނޑިޑޭޓާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ރައީސް ސޯލިހާއި އެކު އެމްޑީޕީއަށް ކާމިޔާބެއް ލިބޭނެ މަގެއް އޮތްކަމަށް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ. ރައީސް ސޯލިހަށް 2023 ކާމިޔާބު ނުކުރެވޭނެކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުން ކެނޑިޑޭޓަށް ތާއީދު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދޭ ގޮތަށް ”ފިކުރެއްގެ ދިރުން“ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޖާގަ ދޭ އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ޕާޓީގެ ގައުމީ މަޖިލީހަށް އެ މަސައްކަތާއި ބެހޭ ކުރު މެސެޖެއް ފޮނުވުމަށް ފަހު ކެމްޕެއިން ޓީމާއި ސަޕޯޓަރުންނާއި ބައްދަލުކޮށް ތަފްސީލު ދީފަ އެވެ. އަދި ވިދާޅުވީ، އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށާއި ޕާޓީގެ އެތެރޭގައި އުފައްދާ ”ފިކުރެއްގެ ދިރުން“ ގެ ގޮތްޕާއި ގިނަ އަދަދެއްގެ ބަޔަކު ގުޅޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީގެ އަސާސްތަކާއި، ސުލޫކުތަކާއި ހިލާފުވާން އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތައް ދަނީ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ފަހު އެ މީހަކަށް ތާއީދު ކުރަން ޖެހޭނެކަމަށް އަސާސީ ގަވައިދުގައި ބުނާ މާއްދާ ޓުވީޓު ކުރަމުންކަން ފާހަގަ ކުރެވެ އެވެ.

އެދުވަހު ރައީސް ނަޝީދަށް ޕްރައިމެރީގެ ކާމިޔާބީ ލިބުނު ނަމަވެސް، މިހާރު ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއި އެވެ. އޭރުގެ ހާލަތާއި މިއަދުގެ ހާލަތު ތަފާތުވެސް ވީމަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: