ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ، ސަމަދުއަށް ކުރި މަލާމާތަށް ގިނަ ބައެއްގެ ފާޑުކިއުން!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޕީޕިއެމް ހުޅުމާލެ ދާއިރާ ރައީސް ސަމަދު - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާއިލާއާއި އެކު އިންޑިއާގައި ހުއްޓައި، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައުމަށް ފަހު ޑިޕޯޓުކޮށް އަނބުރާ ގައުމަށް ފޮނުވާލި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ހުޅުމާލެ ދާއިރާ ރައީސް އަބްދުއް ސަމަދާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ، އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން މީގެ ކުރިން ވެސް ބައެއް ދިވެހިން އެއާޕޯޓުގައި ގިނަ ވަގުތު ހިފަހައްޓާފައިވާ މައްސަލަތަކެއް ފެންމަތިވި އެވެ. އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި، އެއީ އިންޑިއާގެ އެމްބަސީން ފޯރުވާ ނުފޫޒުތަކެވެ.

އިދިކޮޅު ޕީޕީއެމްގެ ސެނެޓު މެމްބަރު ސަމަދު އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އާއިލާ އެކު ބޭސްފަރުވާއަށް އެ ގައުމަށް ގޮސް ހުއްޓަ އެވެ. އެންމެ ފުރަތަމަ މީޑިއާތަކުގައި ދެކެވުނީ، ސަމަދު އިންޑިއާއިން ހައްޔަރުކޮށްފައިވާކަމަށެވެ. އެކަމަކު، އިދިކޮޅުން ފަހުން މީޑިއާތަކަށް ބުނީ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން ސަމަދު ހިފެހެއްޓީ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައިކަމަށެވެ. އަދި އިމިގްރޭޝަނުގެ ބެލުމުގެ ދަށުން، އޭނާ ވަގުތުން ގެންދިޔައީ އެއާޕޯޓަށްކަމަށް މައުލޫމާތު ދިނެވެ.

ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު، ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ޕޯސްޓުކޮށް ސަމަދު ބުނެފައި ވަނީ ހޮސްޕިޓަލުގައި ދަރިންނާއި އަންހެނުން އެކުގައި ތިއްބާ އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައިވާކަމަށެވެ.

އެއަށް ފަހު އޭނާ ރާއްޖެ އައުމަށް ފަހު، ވެސް ވަނީ އިންޑިއާގެ އިމިގްރޭޝަނުން އަމަލު ކުރީ ވަރަށް އިހާނެތިކޮށްކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މިއީ އިންޑިއާ އައުޓް ހަރަކާތުގައި އިސްކޮށް އުޅުމުގެ ސަބަބުން ”ޖެއްސި ހާލު“ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި އެމްޑީޕީ މެމްބަރުންގެ މަލާމާތުގެ ބަސްތައް ރައްދުވުމުން، ގިނަ ބަޔަކު ވަނީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ އެއީ އެފަދަ ގޮތަކަށް ގައުމަކުން ބޭރު ކުރަން ޖެހޭ ސަބަބެއް ނޫންކަމަށް ބުނެފަ އެވެ. އަދި ފޮރިން މިނިސްޓްރީން އެކަން ހިނގައިދިޔަ ގޮތް ބަލާފައިވޭތޯ ސުވާލު އުފެއްދި އެވެ.

ރޭ އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާގައި މާރިޔާ އެންމެ ފުރަތަމަ ފާޑުވިދާޅުވީ ރައީސް ޔާމީނަށެވެ. އެއަށް ފަހު ދެން، އިންޑިއާ އައުޓްގެ ހަރަކާތަށް އަމާޒުކޮށް ވިދާޅުވީ ކޮންމެ ދުވަހެއްގެ ރޭގަނޑުވުމާއި އެކު މާލޭގެ މަގުތަކަށް ނިކުމެ އަވައްޓެރި ގައުމެއްގެ މިލިޓަރީއަށް އަމާޒުކޮށް ތަފާތު އެކި ބަސްތައް ބޭނުންކޮށް، ގޮންޖެއްސަވަމުން ގެންދެވި ބޭފުޅަކު އިންޑިއާއަށް ދިޔަކަމަށެވެ.

މަލާމާތުގެ ރާގެއް ބޭނުންކޮށް މާރިޔާ ވިދާޅުވެފައި ވަނީ، އިންޑިއާގެ މިލިޓަރީއަށް ގޮންޖަހައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެގައި އެ ފައުޖުގެ ކުރީގައި އިންޑިއާ ދެކޮޅު ޝިއާރުތަކެއް ޖެހި ދިދަ ހިފައިގެން ހުންނަ މެމްބަރެއް ތުނބުޅުޅި ރީތިކޮށްގެން އާއިލާ އެކު އިންޑިއާއަށް ދާދިފަހުން ދިޔަ ކަމަށެވެ.

”މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެއަކު އަޅުގަނޑުމެންގެ އަވައްޓެރި ގައުމެއްގެ މިލިޓަރީ ދިމާލަށް އެކި ގޮތްގޮތުން ގޮންޖައްސަވައި.. ވާހަކަ ދެއްކެވި ބޭފުޅުން ތެރޭގައި ވެސް އެ ފައުޖު ކުރީގައި ހުންނަވާ ބޭފުޅެއް.. ތުނބުޅި ބާލައި ކުޑަކޮށް ތައްޔާރުވެލައިގެން.. އާއިލާ އެކުގައި އެ ގައުމަށް ވަޑައިގަތީ“

ސަމަދު އެނބުރި ރާއްޖެ އައުމަށް ފަހު، އަސަރާއި އެކު ދެއްކި ވާހަކަތައް މާރިޔާ ސިފަ ކުރީ ފިނޑި އަމަލެއްގެ ގޮތުގަ އެވެ. މީޑިއާތައް ކުރިމަތީ ރުއިމަކީ އެއީ ފިނޑިންގެ އަމަލެއްގެ ގޮތުގައި މާރިޔާ ވިދާޅުވި އެވެ.

ސަމަދުއަށް ޖޯކު ޖައްސަވައި މާރިޔާ ވިދާޅުވީ، މުޅި އުމުރު ދުވަސް ހޭދަ ކުރީ ސިފައިންގެ ހިދުމަގައިކަމަށް ވިދާޅުވީ ނަމަވެސް އޭނާ ފެންނަނީ އިދިކޮޅު ދިދަ އާއި އެކު ކަމަށެވެ.

އިންޑިއާގެ އިމިގްރޭޝަނުން އަމަލު ކުރި ގޮތާއި މެދު ސަމަދު ކަންބޮޑުވުންފާޅު ކުރީތީ، މާރިޔާ ވިދާޅުވީ އޭނާ އެއް ދުވަސް ހޭދަ ކުރީ ފިނި ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.

”އުމުރު ދުވަހު ތިމަންނާ ހޭދަ ކުރީ ސިފައިންނާއި ފުލުހުން ތެރޭގަ އޯ… އެކަމަކު ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ހުންނަވާތަން ފެނޭ.. ވަޑައިގެން ހޭދަ ކުރެއްވީ މިލިޓަރީ ކީއްކުރަން ތޯ.. އިމިގްރޭޝަން ކޮޓަރިއެއްގައި… އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން… މިވަރުގެ މީހުންނޭ ނިކުމެ މިއުޅެނީ..“ މަލާމާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަތައް ދެން އަމާޒު ކުރެއްވީ، ސިފައިންނާއި ފުލުހުންގެ ހިތްވަރު ގަދަކަމުގެ ވާހަކަށެވެ. ވިދާޅުވީ، މިހާރު ސިފައިންނާއި ފުލުހުންނަކީ ރޮއެ ހަދާ ބައެއް ނޫންކަމަށެވެ. އަދި އެކަހަލަ ފިނޑިން ނުނިކުންނާނެ ގޮތަށް މުޅި ސިޔާސަތުތައް ތަންފީޒު ކުރަމުންދާކަމަށް ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް މަލާމާތް ކުރައްވައި، ޖެއްސުން ކުރުމުގެ ރާގެއް ބޭނުން ކުރެއްވުމާއި ދިފާއީ ވަޒީރަކަށް ހުންނަވައި މުޅި ގައުމުގެ ކުރިމަތީ ދިވެހި ރައްޔިތަކަށް މާރިޔާ ކުރީ ފުރައްސާރަކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މާރިޔާއަށް ސިޔާސީ އެކި ބޭފުޅުން ރައްދު ދިންއިރު، އޭގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ސިޔާސީ ނޫން އާއްމު އިޖްތިމާއީ ކަންކަމާއި އަޑުއުފުލާ މީހުން ހިމެނެ އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މާރިޔާ ސިފަ ކުރީ އެއްވެސް ތަރުބިއްޔަތެއް ނެތް ބޭފުޅެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު މާރިޔާއަށް އަމާޒުކޮށް ވިދާޅުވީ ގައުމުގެ ދިފާއީ ވަޒީރުގެ ބަހުރުވަ މިހާ ދަށް ދަރަޖައަކަށް ވެއްޓުމުން ހިތާމަ ކުރާކަމަށެވެ. އިންޑިއާއާއި އެކު މާރިޔާ އިސްވެ ހުރެ ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާއިރު، ގައުމަށް މިހެން މަލާމަތްކޮށް ވާހަކަ ދައްކަން ތިބެން ބާކީ އޮތީ މަދު ދުވަސްކޮޅެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މާރިޔާ ދެއްކެވި ވާހަކައަށް ފާޑުކިއުން އަމާޒުކޮށް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ދިމާވާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއީ ސަރުކާރުގެ ޒިންމާއެއްކަމަށާއި އެކަމުގައި އޭނާ ނިސްބަތްވަނީ ކޮން ޕާޓީއަކަށް ތޯ ބަލަން ނުޖެހޭނެ ކަމަށެވެ. އެހީވުމުގެ ބަދަލުގައި ފުރައްސާރަކޮށް، މަލާމަތް ކުރުމުން އޭގެއިން އެނގިގެން ދަނީ މި ސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރުކަމަށް އުޝާމް ވިދާޅުވި އެވެ. އަދި މިފަދަ ދަށް ބަހުރުވައެއް ހުންނަ ވަޒީރެއް ގައުމަށް ބޭނުން ނުވާކަމަށް އުޝާމް ވިދާޅުވި އެވެ.

ރައްޖޭގެ ދިފާއީ ވަޒީރުގެ ބަސްމަގަކީ މިހާ ދަށް ލެވެލްއަކަށް ދާން ޖެހޭ ވާހަކަތަކެއް ނޫންކަން ފާހަގަކޮށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މިނިސްޓަރު އެލެވެލްއަށް ދިއުމުން ދެން ރައީސުލްޖުމްހޫރިއްޔާ ދަށުވެފައި ހުންނަވާނެ ވަރު ވަޒަން ކުރެވޭކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހި ދަރިއަކާއި މެދު އަދި ހާއްސަކޮށް ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ސަމަދާއި މެދު ދިފާއީ ވަޒީރު މިހާ ދަށު ދަރަޖައިގެ ބަސްމަގެއް ބޭނުން ކުރެއްވީތީ އެކަމަށް ޖަވާބުދާރީ ކުރުވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފާޑުކިއުންތަކަށް ރައްދު ދީ، މާރިޔާ ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކަށް އަމާޒުކޮށް ބޭނުންވާހާ ގޮތަކަށް ބަސްތައް ބޭނުން ކުރުމަށް ފަހު އެތަނަކަށް ދިއުމުން އަނބުރާ ފޮނުވާލުމުން އެ ކުރަން ޖެހޭ ހިތާމަ ފެނި ދެވަނަ ފަހަރަށް އެކަން ދިމާނުވާނެ ގޮތެއް ހޯދުމަށް އެ ވާހަކަ ދައްކަން ޖެހޭކަމަށެވެ.

އިންޑިއާ އައުޓްގެ ހަރަކާތަށް، ނުވަތަ އިދިކޮޅުގެ ސިޔާސީ ވިސްނުމަށް އެއްވެސް ތާއީދެއް ނުކުރާ މީހުން ވެސް ވަނީ މާރިޔާގެ މި ޓުވީޓަށް ރައްދު ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: