މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން އެމްވީ ރަންގެ ސްޕޮންސަރަކަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ހަމަޖައްސައިފިއެވެ.
އެމްޑަބްލިޔުއެސްސީ އިން ޓީއެފްޖީއާއެކު ސްޕޮންސަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހަށެވެ.
އެމްޑަބްލިޔުއެސްސީ އިން އެމްވީރަން ސްޕޮންސަރ ކުރުމުގެ މައިގަނޑޫ މަގްސަދަކީ ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތުކުރުމަށް ހިތްވަރު ދިނުން ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
އެމްވީ ރަން ސްޕޮންސަރ ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، އެމްވީ ރަންގެ ބްރޭންޑިންގ އެމްޑަބްލިއުއެސްސީ އިން އަލަށް ތައާރަފްކުރި އާރޯ ޕްރިމިއާ ފެނާއި ގުޅުވައި އާރޯ އެމްވީ ރަން ގެ ނަމުގައި ޓައިޓަލް ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓީއެފްޖީގެ ފަރާތުން އިންތިޒާމް ކުރާ ބޮޑު 5 ރަން އާއި ދަ މޯލްޑިވްސް ލޯންގް ރަން ގެ ކޯ ސްޕޮންސަރ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ވަނީ ނަގާފައެވެ.
ޓީއެފްޖީގެ ފަރާތުން 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، އެމްވީ ރަން އަކ އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދެވޭ ދުވުމުގެ ހަރަކާތެވެ. މިއަހަރުގެ އާރޯ އެމްވީ ރަން ބޭއްވުމަަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 2 ވާ ހުކުރު ދުވަހުގެ ހެނދުނު 7 އިން ފެށިގެން ހުޅުމާލޭގައެވެ.
ޖުމްލަ 5 ކިލޯ މީޓަރަށް ދުވަން ކަނޑައެޅިފައިވާ އާރޯ އެމްވީ ރަންގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ވަނަވަނައަށް ދާ ދުވުންތެރިންނަށް ފައިސާގެ އިނާމްތަކެއް ދިނުމަށް ޓީއެފްޖީގެ ފަރާތުން ވަނީ ނިންމާފައެވެ. އެގޮތުން 1 ވަނަ އަށް ދާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ، 2 ވަނަ ހާސިލް ކުރާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި 3 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އެހެނިހެން އިނާމުތައްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ އެމްވީ ރަން ފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.
އާރޯ ފެނަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިއަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދުކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ އާރޯ ބްރޭންޑް އެމްޑަބްލިޔުއެސްސީ އިން ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެމްޑަބްލިޔުއެސްސީ އިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މުޖުތަމައުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

