މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލަ ސިވިލް ކޯޓަށް ބެލުމުގެ އިޙްތިސާސް ލިބިގެން ނުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށް އަލުން ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޙްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ މައްސަލައިގައި އިޖުރާއީ ނުކުތާއެއް އެމްޑީޕީން ނެގީ މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައެވެ.
މައްސަލަ ބެލުމުގެ އިޙްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ އެމްޑީޕީން ވަކާލާތު ކުރާ މި މައްސަލައަކީ އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލައެކެވެ. މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބެލުމުގެ އިޙްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ އެމްޑީޕީން އިޖުރާއީ ނުކުތާ ނެގުމުން ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލު ކުރުން ފަސްކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ އަމުރު ނެރެފައެއް ނުވެއެވެ. އެގޮތުން ޝަރީޢަތުން ނިންމީ ދައުވާކުރާ ފަރާތަށް ސިވިލް ކޯޓަށް މައްސަލަ ބެލުމުގެ އިޙްތިސާސް ލިބިގެންވާކަން ސާބިތުކޮށްދީ ޖަވާބްދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި ވަގުތީ އަމުރާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަސް ޝަރީޢަތުން ވަނީ ކަނޑައަޅާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކޮށްދިނުމަށް އެދި އަލީ އަމްޖަދު ހުށަހެޅި މައްސަލައިގައި އޭނާގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވަނީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުގެ އިތުރުން ނާޒިމް ސައްތާރެވެ.
މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށް، އެމްޑީޕީގެ ތާއީދު ރައީސް ސޯލިހަށް ލިބިފައިވީ ނަމަވެސް ނަތީޖާ ގަބޫލު ކުރުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއްކަމަށް، ހާމިދު ވިދާޅުވެފައި ވަނީ ޕާޓީގެ 39،000 މެމްބަރުން ގަވައިދާއި ހިލާފަށް ވަކިކުރުމަށް ފަހު އިންތިހާބު ބާއްވާފައިވާކަމަށް ބުނެ އެވެ.
ރައީސް ނަޝީދު ތުހުމަތު ކުރާގޮތުގައި، އެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނި ކުރީ ރައޯސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގު ހޯދުމަށެވެ. އަދި ޕާޓީގެ ދަފްތަރުން އުނި ކުރި މެމްބަރުންނަކީ އަސްލު ހަގީގީ، އެމްޑީޕީގެ މެމްބަރުންކަމަށާއި ރައީސް ސޯލިހަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

