ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީއަށް 15، ގާނޫނު މާނަ ކުރަން ނޭނގޭކަމުގެ އެތައް ޝަކުވާއެއް!

އިބްރާހިމް އިސްމާއީލް (އިބުރާ) ރައްުޔިތުން މަޖިލީހިުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ގާނޫނު އަސާސީ ވުޖޫދު ކުރިތާ، 15 އަހަރު ވެގެން ދިޔައިރު ވެސް ގަވައިދުތައް އެކުލަވާލާއިރު އެންމެ އަސާސީ ކަންތައް ވެސް އިދާރާތަކަށް އޮންނަނީ އޮޅިފައިކަމަށާއ ނަތީޖާއެއްގެ ގޮތުން ގާނޫނުގެ ދަށުން މަނާ ކުރާ ކަންކަން ގަވައިދުތަކުގެ ދަށުން ހުއްދަވެފައި އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވައި، ފެހި ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާ ދެކިވަޑައިގަންނަވާ ގޮތުގައި މިހާރު ރާއްޖޭގެ މިސްރާބު އެނބުރިފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު އޮތް ހާލަތަށެވެ. ރައީސް މައުމޫނަކީ، އަނިޔާވެރި ވެރިއެއްކަމަށް ބުނާ ވާހަކަ ތަކުރާރު ކުރައްވައި އިބްރާ ވިދާޅުވެފައި ވަނީ ރައީސް މައުމޫންގެ ދައުރުގައި ހިނގި ކަންކަން މިހާރު އަނެއްކާވެސް ތަކުރާރު ވަމުންދާ ކަމަށެވެ.

އައު ގާނޫނު އަސާސީ އެކުލަވާލައި، ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ގެނެވުމާއި ހަމައަށް ރައީސް މައުމޫން ދިގުވެރިކަމެއް ކުރެއްވި އެވެ. އަދި 2008 ގެ ރިޔާސީ އިންތިހާބާއި އޭރު ކުރިމަތިލީއިރު އެންމެ ބޮޑަށް ރައީސް މައުމޫނާއި ދެކޮޅަށް ދެކެވުނު ވާހަކައަކީ އެމަނިކުފާނަކީ އާއިލީ ވެރިކަމަކަށް ލޯބި ކުރެއްވި އަދި ދައުލަތުގެ ބާރުތައް އެއްކުރެއްވި ހުދުމުހުތާރު ރައީސެއްގެ ގޮތުގަ އެވެ. އަދި އިދާރާތަކާއި މިނިސްޓްރީތަކާއި އެކި މުވައްސަސާތަކުގެ ވެރިއަކަށް އެމަނިކުފާނު ހުންނަވައި ދެކޮޅުވާ ބަޔަކާއި އެބައެއްގެ އާއިލާތަކަށް އަނިޔާކުރިކަމުގެ ވާހަކަތަށް ވަރަށް ބޮޑަށް ދެކެވުނެވެ.

އިބްރާ ފާހަގަކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި، އޮތް ނޫ ގާނޫނު އަސާސީއަށް އަމަލު ކުރި ގޮތެވެ. ގާނޫނު އަސާސީގެ ދަށުން ބޮޑެތި ބާރުތައް ގެނެވިފައި އޮތް ނަމަވެސް އަދި ބޮޑެތި ކުށްތަކަށް އަދަބު ކަނޑައަޅައި ވަކި އުސޫލުތަކެއް އޮތް ނަމަވެސް ރައީސް މައުމޫން ނެރުއްވާ ގަރާރަކުން ނުވަތަ ބަޔާނަކާއި އިއުލާނަކުން ވެސް އެކަމަކަށް އަމަލު ކުރުން ފަސްކޮށް ހުއްދަ ކުރާކަމަށް ވިދާޅުވި އެވެ.

އޭރުގެ އެ ހާލަތާއި މިހާރު އެއްގޮތްކަމަށް ވިދާޅުވެ، އިބްރާ އިޝާރާތް ކުރެއްވީ ގާނޫނުގެ ދަށުން ހުއްދަ ބައެއް ކަންކަން ސަރުކާރުގެ އިދާރާއަކުން ހަދާ ގަވައިދެއްގެ ސަބަބުން މަނާވުން ނުވަތަ ފުށުއެރުމެއް ދިމާވުމެވެ. ނަމަވެސް، ގާނޫނަކުން ހުއްދަކޮށްފައިވާކަމެއް މަނާ ކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އިބްރާ ތަކުރާރުކޮށް ވިދާޅުވީ އިދާރާތަކުން މިހާރު ހަދާ ގަވައިދުތައް ތާކުންތާކު ނުޖެހޭކަމަށާއި، އެ ގަވައިދުތައް ހުންނަނީ އެބަޔަކު ބޭނުންވާ ގޮތަކަށް ހިތަށް އެރި އުސޫލަކުން ކަމަށެވެ. އެކަމަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް އެއީ ވަރަށް ބޮޑަށް ދިގު ދެމިގެން ދާ އުނދަގޫ މަރުހަލާއެއްކަން އިބްރާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެއީ ހަމަ ރައީސް މައުމޫންގެ ވެރިކަމުގެ ސިފަތަކެއް ނޫންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

”މިހާރު އަނެއްކާވެސް މައުމޫންގެ ދައުރު… ސަރުކާރުގެ އޮފީސްތަކުން ގަވައިދުތައް ހަދަނީ.. ގާނޫނަކަށް ގާނޫނެއް… ބޭނުންހާ އެއްޗަކަށް ގަވައިދުތައް ހަދާފައި މީހުންގެ މަސައްކަތްތައް ހުއްޓުވަނީ.. ދެން އެ އެއްޗެހި ބަދަލު ކުރަން ކޯޓަށް ދިޔައީމަ މި ޖެހެނީ ދިގު ޕްރޮސެސްއެއް..“ އިބްރާ

މައްސަލަ ކޯޓަށް ހުށަހަޅައިގެން، ހައްލު ލިބޭ ފަހަރުތައް އައި ނަމަވެސް މަސައްކަތް ހުއްޓޭކަމަށް އިބްރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޓު މަރުހަލާ ހަމައިން ވަގުތީ ގޮތުން އަރާ ބުރޫތަކަކީ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއްކަމަށެވެ.

ގާނޫނަކުން މަނާ ނުކުރާ ކޮންމެކަމެއް ކުރުމުގެ އިހުތިޔާރު ލިބިގެންވާކަމަށާއި، އެ މިނިވަންކަން އޮންނާނެކަމަށް ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ލިޔެފައި ވީ ނަމަވެސް ގަވައިދުތައް އެކުލަވާލާއިރު ދިރާސާ ކުރުމެއް ނުވަތަ ވިސްނުމެއް އިދާރާތަކުން ނުގެންގުޅޭކަމަށް އިބްރާ ވިދާޅުވި އެވެ.

ދެން އިބްރާ ފާހަގަކުރެއްވީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) ގައި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބައަވާން ޖެހޭނެކަމަށް ބުނާއިރު އާއްމު މީހާ ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގައި ވެސް އަމިއްލަ ގޮތްތަކެއް ގެންގުޅޭކަމުގެ ޝަކުވާ އިބްރާ ކުރެއްވި އެވެ.

އެހެންވެ ހައްލެއްގެ ގޮތުގައި އިބްރާ ވިދާޅުވީ، ގާނޫނުގެ އެ މާއްދާ އިތުރަށް ތަފްސީލު ކުރުމަށެވެ. އެގޮތަށް ބަދަލު ނުގެނެވޭ ހާލަތެއްގައި މުޅި ނިޒާމު އެއްކޮށް ގަޑުބަޑުވެގެން ދާނެކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާ އެންމެ ބޮޑު ސުވާލުތައް އުފެއްދީ، ގާނޫނު އަސާސީއަށް 15 އަހަރުވެގެން އައިއިރު ވެސް އިދާރާތަކަށް ގާނޫނު ސާފުވެފައި ނެތުމެވެ. އަދި ހުރި ފުށުއެރުންތަކާއި ގަވައިދުތައް އެކުލަވާލުމުގެ ކުރިން ގާނޫނުތައް ބުނާގޮތް ދެނެގަނެ ހޯދުމަށް ވެސް މަސއްކަތްތަކެއް ކުރެވިފައި ނުވުމެވެ.

ގާނޫނު އަސާސީ މާނަ ކުރުމުގައި ގޯސްކޮށް އަމަލު ކުރާކަމުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިބްރާ އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެވެ. އެހެންވެ، އެ ކަންބޮޑުވުންތައް އެމަނިކުފާނު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ރަސްމީކޮށް ހުށަހެޅުއްވީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: