ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ކޮރަޕްޝަނަށް މަގުފަހިކޮށްގެން: އިލްޔާސް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރަމުންދާ މަންޒަރު ފެނިގެންދާކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ ގައުމުތައް ރޭންކު ކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ 2016 ވަނަ އަހަރު ރާއްޖެ އޮތީ 36 ޕޮއިންޓުގައިކަމަށެވެ. އަދި އެއަށް ފަހު ކޮންމެ އަހަރަކުވެސް ލިބޭ ޕޮއިންޓުތައް ދައްވަމުންދިޔަކަމަށާއި އެއީ ކޮރަޕްޝަން އިތުރަވަމުންދިއުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، 2019 ވަނަ އަހަރު ވީއިރު ދިވެހިރާއްޖެ އޮތީ 29 ޕޮއިންޓަށް ވެއްޓިފައިކަމަށެވެ. އެހެންކަމުން އޭރު ރާއްޖެއަކީ ވަރަށް ކޮރަޕްޓު ގައުމެއްގެ ގޮތުގައި ބަލަމުން އައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތުން 2020 ވަނަ އަހަރު 43 ޕޮއިންޓަށް އުފުލުނު ކަމަށެވެ. އެހެންނަމަވެސް އެއަށް ފަހު މިހާރު ފެންނަމުންދަނީ ވެއްޓެމުންދާ މަންޒަރުކަމަށާއި 2022 ވަނަ އަހަރު ނިމިގެންދިޔަ އިރު 40 ޕޮއިންޓަށް ވެއްޓުނުކަމަށް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަނެއްކާވެސް ކޮރަޕްޓުވަމުންދާކަން އެކަމުން ދޭހަވާކަމަށެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން އިތުރުވަމުންދާކަމާއިމެދު އެނާ ކަންބޮޑުވެވަޑައިގަންނަވާކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ރޭންކަށް ބަލާއިރު ރާއްޖެ އޮތީ 85 ވަނައިގައިކަމަށެވެ. އިލްޔާސް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއް 43 ބިލިއަންގެ ބަޖެޓެއް ހަރަދުކުރާއިރު ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ކުރާ ނަމަ ރާއްޖެ އެންމެ ކޮރަޕްޝަން މަދު ގައުމުތަކުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އޮންނަނާނެކަމަށެވެ.

އިލްޔާސް ވިދާޅުވީ، ފެންނަނީ ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިންތިޒާމުކުރެވޭ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓުތައްވެސް އިއުލާނުކުރުމާއި ބިޑަށް ހުޅުވާލުން ހުއްޓާލާފައިވާކަމަށެވެ. އަދި މިހާރު އޮންނަނީ އެސްއޯއީއަކުން ކޯޓޭޝަންއެއް ހޯދުމަށްފަހު މެމްބަރުން ނުވަތަ ސަރުކާރުގެ ބާރުގަދަ ބޭފުޅުން ވިދާޅުވާ އެސްއޯއީ އަކާއި މަސައްކަތްތައް ހަވާލު ކުރުންކަމަށެވެ.

އޭނާ ވިދާޅުވީ، އެހިސާބުން ޕްރޮޖެކްޓުގެ ވަކި ހިސާބަކުން ވަކި މެމްބަރަކަށް ނުވަތަ ކައުންސިލަރަކަށް ޕްރޮޖެކްޓު ހަވާލު ކުރުމަށް އެސްއޯއީއަށް އަންގާކަމަށެވެ. އިލްޔާސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތާއި ހަވާލުވެ ތިއްބެވި ބޭފުޅުން އެ މަގުން އަމަލުކުރަމުންދިއުމުން ކޮރަޕްޝަން ހުއްޓޭނެ ގޮތެއް ފެނިވަޑައިނުގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: