އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވެރިކަމަށް އަންނާނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއިއެކު ކަމުގެ ޔަގީންކަން ދެއްވާކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުލްރަހީމް ވިދާޅުވީ، އިދިކޮޅުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާނެކަމަށް ދެކޭ ފަރާތްތަކުން ދެކެމުންދަނީ ހުވަފެނެއްކަމަށެވެ. އަދި އެ ހުވަފެން ބެލުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ. އަބްދުލްރަހީމް ވިދާޅުވީ، ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށެވެ. އެހެން ކަމުން ޕީޕީއެމްއިން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމް އޮންނާނީ ރައީސް ޔާމީން އާއިއެކު ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކު ހުންނާނެ ވާހަކަ ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ މަގު ފަހިވަމުންދާކަމަށް ވިދާޅުވިއެވެ.
ކަން ހިނގަމުންދާ މަގު ދިރާސާ ކުރައްވާ ބޭފުޅުންނަށް ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު ބަދަލުވަމުންދިއުމުން ރަނގަޅު ފިލާވަޅެއް ލިބިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އިދިކޮޅު މެމްބަރުންގެ ބޮލަށް ”ޗިޕު“ ޖެހިދާނެ ކަމަށް ހީނުކުރުމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅުގެ ތެރޭގައި ބައިބައިވުންތައް އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެކި އެކި ވާހަކަ ހަދައިގެން ނޫސްތަކުގައި ޖާގަ ހޯދައިގެން ނުލިއުމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.
އަބްދުލްރަހީމް ވިދާޅުވީ، ރައީސް ޔާމީންނަށް ޕީޕީއެމްއިން ފޮނުވާ ނޯޓެއް އެމަނިކުފާނު ކުދިކުދި ނުކުރައްވާނެކަމަށެވެ. އަދި އެކަން ޔަގީން ކުރެއްވުމަށް އެދިވަޑައިގަންނަވާ އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުގެ ކުރިން ލީޑަރޝިޕާއި ދެ ޕާޓީ ހަވާލުކުރެއްވިކަމަށެވެ. އަދި ދެ ޕާޓީގެ މައްޗަށް ފުރިހަމައަށް އިތުބާރުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ.

