ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީ ”ކަންބަޅިއެއް ހެން“ ކަތިލާނަމަ، ނިކަމެތިކަމާއި އެކު އެ މަންޒަރު ބަލަން ގާސިމަށް ހުރެވޭނެ!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ޕްރެޝަރަކާއި، ޖެއްސުންތަކާއި ފިއްތުން ކުރިމަތި ކުރުވި ނަމަވެސް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ދޭން އޮތް ނަސޭހަތަކީ އިސްތިއުފާ ނުދެއްވުންކަމަށް ޕާޓީގެ ލީޑަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމައި، ޖޭޕީން އެކަން ހާމަ ކުރި ހިސާބުން ސަރުކާރު މެމްބަރުން ގެންދަނީ އެ ޕާޓީ ސަރުކާރުން ބޭރު ކުރުމަށް ގޮވާލަމުންނެވެ. އަދި ގާސިމަށް ސަރުކާރުގެ ބޮޑު އިންސައްތައެއް މިހާރު ވެސް ދީފައިވާއިރު ހިތް ނުފުރޭކަމަށް ބުނެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ވާހަކަ ދެއްކެވި އެވެ.

ޖޭޕީގެ ނިންމުން އައިތާ، ޖެހިގެން އައި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ އެކި ފާޑުކިއުން ގާސިމަށް އަމާޒުވީއިރު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ވަޒީރުންނާއި އެހެން ބޭފުޅުންތައް އިސްތިއުފާ ނުދޭ ނަމަ ކަންބަޅި ކަތިލާ އުސޫލުން ހުތުރު ގޮތަކަށް ބޭރު ކުރާނެކަމުގެ އިންޒާރު ދީފަ އެވެ. އެ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ އެއްބަސްވުމެއް އޮއްވައި ސަރުކާރުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ޖޭޕީއަކީ ދިން އިންސަައްތައިން ވެސް ހިތް ނުފުރޭ ޕާޓީއެއްކަމަށް ދައްކަން ކުރާ މަސައްކަތުގައި ހަގީގަތެއް ނެތްކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގޮތުގައި ޖޭޕީއަށް ދޭން އެއްބަސްވި، ބައެއް މަގާމުތަކާއި އަދި އެ ނޫން ވެސް ކަންކަން ފޯރުކޮށްދީފައި ނުވެ އެވެ. އެކަން ސަރުކާރަށް ސާފުވާނެކަމަށް ގާސިމް ވިދާޅުވި އެވެ.

ކެނޑިޑޭޓާއި މެދު ގޮތެއް ނުނިންމި ނަމަވެސް، ޖޭޕީން ވަނީ ޕާޓީއަށް ތާއީދު ހޯދުމަށް ބައްދަލުވުންތައް ބާއްވަން ފަށާފަ އެވެ. އެގޮތުން މިއަދު ބައްދަލު ކުރީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޒައީމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޕާޓީގެ ރައީސް ފާރިސް މައުމޫނާއި އެވެ.

ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ޖުމްހޫރީ ޕާޓީގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ސަރުކާރުން ބޭރު ކުރަން މަސައްކަތް ފަށާ ހާލަތެއްގައި އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ކަންބަޅިއެއް ކަތިލާއިރު އެ މަންޒަރު ބަލަން ތިބުން ނޫން ގޮތެއް އޭރުން ނޯންނާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ، މަޖިލީހުގެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަޅުމަށް ހުށަހަޅައިފި ނަމަ އެ ކަމިޔާބު ނުކުރެވޭނެކަމަށް ބުނެވެން ނެތް ކަމަށެވެ. އެހާ ހިސާބަށް މައްސަލަ ގޯސްވެދާނެކަމަށް ގަބޫލު ނުކުރެވުނަސް، ޖޭޕީ ކޯލިޝަނުން ބޭރު ކުރުމަށްޓަކައި އެ ފިޔަވަޅު ވެސް ނާޅާނެކަމަށް ވެސް ބުނަން ބޭނުން ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.

”އަޅުގަނޑުމެން މިބީ ކަންބަޅިތަކެއްހެން، ކަތިލާކަމަށް ވާނަމަ.. ކަތިލާތަން ނިކަމެތިކަމާއި އެކު ބަލަން މިތިބީ….“

ތަކުރާރުކޮށް ގާސިމް ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބަށް އެކުލަވާލީ ކޯލިޝަނެއް ކަމަށެވެ. އެހެންކަމުން، އެއާއި ހިލާފުވާނެ ގޮތެއް ނެތްކަމަށާއި ކިތަންމެ ފިއްތުންތަކާއި ޖެއްސުން ކުރުމާއި ކުރިމަތިވިޔަސް ޕާޓީގެ މެމްބަރުންނަށް ދޭން އޮތް ނަސޭހަތަކަކީ އެފަދަ ސަބަބަކާއި ހުރެ މަގާމުން އިސްތިއުފާ ނުދެއްވުންކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ވިޔަސް، އަދި އަމިއްލަ ގޮތުން ނަމަވެސް އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް އިސްތިއުފާ ދިނުމަށް އިރުޝާދު ނުދެއްވާނެ ކަމަށެވެ. ހަމައެކަނި ދޭން އޮތް ނަސޭހަތަކީ ގާސިމް ވިދާޅުވި ގޮތުގައި އިހުލާސްތެރިކަމާއި އެކު ގުޅިގެން މަސައްކަތް ކުރުމެވެ.

ސަރުކާރާއި އެކު ކޯލިޝަނެއް ހެދުމަށް ރައީސް ސޯލިހު ދައުވަތު ދެއްވުމުން އެ ގަބޫލު ކުރީ އަދާލަތު ޕާޓީ އެކަންޏެވެ. އެއަށް ފަހު އިންތިހާބުގައި ވާދަ ކުރުމަށް ކެމްޕެއިން ކުރައްވަމުން ގެންދެވި މީދޫ ދާއިރާ އަހުމަދު ސިޔާމް މުހައްމަދަށް ކޯލިޝަންގެ ދައުވަތު ދެއްވުމުން އޭނާ ވަނީ ރައީސް ސޯލިހު އިތުރު ދައުރަކަށް ގެނައުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.

ދެވަނަ ދައުރެއް ހޯދުމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވަމުން އައި، މިހާރު އޮތް ކޯލިޝަން ވެސް އޮންނާނީ އެކުގައި ކަމަށެވެ. އެކަމަކު، މިވަގުތު މަސްރަހު އޮތްގޮތުން، ބެލެވޭ ގޮތުގައި ރައީސާއި އެކު ކޯލިޝަންގެ ތެރެއިން އެކުގައި ކުރިޔަށް ދާނީ އަދާލަތު ޕާޓީ އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: