އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ މުޒާހަރާ ކުރިޔަށް ދިޔަވަގުތު ޕާޓީ އޮފީސް ކުރިމަތީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު ބައިވެރިންގެ ތެރެއަށް ވަދެފައި ވަނީ ގަސްތުގައިކަމަށް ބުނެ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައީސްގެ ކާރުކޮޅާއި، މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ބައެއް މެމްބަރުން ހައްޔަރު ކުރިއިރު އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ހިމެނެ އެވެ. ކޯޓުން އޭނާ ދޫކޮށްލި ނަމަވެސް، ރޭ ހައްޔަރު ކުރި ބައެއް މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.
މިއީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ވަގުތުން މަގާމުން ދުރު ކުރަން ޖެހޭ ސަބަބެއްކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މައްސަލައިގައި ވަނީ، އިދިކޮޅުގެ މުޒާހަރާ ޕާޓީގެ އޮފީސް ދޮރުމަތީގައި ކުރިޔަށް ދަނިކޮށް ރައީސްގެ ކާރުކޮޅާއި މޮޓޯކޭޑު އެ ސަރަހައްދަށް އައީ ކުއްލި ގޮތަކަށް ކަމަށެވެ. އަދި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ކާރު ވަދެގެން ދިއުމަކީ އެއީ ނޭނގި ކުރެވޭނެކަމެއް ނޫންކަމަށް މައްސަލައިގައި ވެއެވެ.
މިއީ ދުރާލައި ރޭވިގެން ހިންގި އަމަލެއްކަމަށް ސިފަކޮށް، ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރަން ޖެހޭނީ އެމްއެންޑީއެފްކަމަށް ވާތީ އެކަމުގެ ޒިންމާ މާރިޔާ ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި އެކަން ފޮރުވުމަށް، ނުވަތަ ސެކުއިރިޓީ ފެއިލް ވީ ނޫންކަމަށް ދައްކަން އެހެން މީހެއްގެ ބޮލުގައި އެ ޒިންމާ އެޅުވުމަކީ ވެގެން ވާނެ ގޮތެއް ނޫންކަމަށް މައްސަލައިގައި ވެއެވެ.
މައްސަލަ ހުށަހަޅުއްވައި ހުސެއިން ވިދާޅުވީ، ސެކިއިރުޓީއަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނުދެވުން އެއީ ސީރިއަސް މައްސަލައަކަށް ވާތީ މާރިޔާ މަގާމުން ވަކި ކުރުމަށް ހުސެއިން ވިދާޅުވި އެވެ.
ރޭ މުޒާހަރާގެ ތެރެއަށް، މޮޓޯކޭޑާއި ރައީސްގެ ކާރުކޮޅު ވަދެފައި ވަނީ ގަސްތުގައި އެހެން މަންޒަރެއް ރައްޔިތުންނަށް ދެއްކުމަށްކަމަށް ހުސެއިން ވިދާޅުވި އެވެ.
މައްސަލަ ބަލައިގަތުމާއި މެދު ގޮތެއް ނިންމުމަށް، ނެގި ވޯޓުގައި ބަހުސް ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 06 މެމްބަރުންނެވެ. އަދި ނުފެންނަކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ. އެވަގުތު ޖަލްސާއަށް ހާޒިރުވެ ތިބީ 23 މެމްބަރުންނެވެ.

