އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ޕާޓީގެ އޮފީސް ދޮރުމަތީ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖެއް ކުރިޔަށް ގެންދިޔަ ވަގުތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު އެ ސަރަހައްދަށް ދިޔަ މައްސަލައިގައި އެމްއެންޑީއެފްގެ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން، އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ އެއްވުމުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމަތީގައި ހަރަކާތްތެރިވަނިކޮށް ރަސްމިއްޔާތެއް ނިންމަވައި ރައިސް މުލިއާގެއަށް ވަޑައިގެންނެވި ވަގުތާއި ދިމާވުމުން ކާރަށް ކުރިޔަށް ނުދީ ވަނީ ހިފަހައްޓާފަ އެވެ. ރައީސްގެ ސެކިއުރިޓީންނާއި، އެވަގުތު އެއްވުން ހުއްޓުވުމަށް ތިބި ފުލުހުން ހިމެނޭހެން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް ސެކިއުރިޓީން މަދުވުމުގެ ސަބަބުން އެކަމަށް ގިނަ ވަގުތު ނެގި އެވެ.
15 މިނެޓަށް ވުރެ ގިނަ ވަގުތު އެ ސަރަހައްދުގައި ހޭދަވީ މައްސަލައިގައި އެކި ފާޑުކިއުންތަކާއި ސުވާލުތައް އުފެދިފައި ވަނިކޮށް އެމްއެންޑީއެފުން ކުރު ބަޔާނެއް އާއްމުކޮށް ބުނީ ރާއްޖޭގެ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ދަތުރު ކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅުމާއި ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މި މައްސަލައިގައި، ޕްރެޒިޑެންޓަލް ގާޑްސްގެ ކޮމާންޑިން އޮފިސަރ ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފައިކަމަށް މައުލޫމާތު ލިބެ އެވެ.
ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި 241 ކޮމިޓީން ވެސް ބައްދަލުވުންތައް ވަނީ ފަށާފަ އެވެ. މެމްބަރުން ވެސް ބައްދަލުވުމުގައި އުފެއްދި ސުވާލަކީ މުޒާހަރާ ކުރިޔަށް ދަނިކޮށް އެތަނުގެ ތެރެއަށް ކާރު ދިޔަ ސަބަބާއި ގުޅޭގޮތުންނެވެ.
ގިނަ ރައްޔިތުން ދަނީ މިއީ، ސެކިއުރިޓީ ބްރީޗެއްކަން ފާހަގަކޮށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.

