ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މޮޓޯކޭޑްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދެމީހަކު ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވެގެން ކަމަށެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ފުލުހުން އެރޭ ހަތަރު މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް، އަނެއް ދެމީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ. އަދި އޭގެ ފަހުން އިތުރު މީހަކު ވެސް އެ މައްސަލައިގައި ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވެއެވެ.
މިހާރު ދޫކޮށްލާފައިވަނީ އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖެހި 39 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.
މި މަހުގެ 20 ވަނަ ދުވަހު ރޭ ރައީސް ސޯލިހުގެ މޮޓޯކޭޑު ޕީޕީއެމް އޮފީހާއި ދިމާލުން ދާ މަންޒަރު ފެނުމާއި އެކީ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މަގު ބަންދުކޮށް، މަގު މެދުގައި އިށީނދެފައެވެ. އަދި ސަޕޯޓަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައެވެ.
ޕީޕީއެމްގެ ސަޕޯޓަރުން މޮޓޯކޭޑަށް ހުރަސްއަޅައި ކުރިބެއްދުމުގެ ސަބަބުން ޖެހުނީ އަނބުރާލާފައި ދާށެވެ. އެ މައްސަލައިގައި އެވަގުތު ޕްރެޒިޑެންޝަލް ގާޑުންގެ ކޮމާންޑިންގ އޮފިސަރަކަށް ހުރި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މަގާމުން އެކަހެރިކޮށްފައެވެ. އަދި އެމައްސަލަ ބެލުމަށް ސިފައިންގެ ތެރެއިން ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން މަޖިލީހުގެ 241 ކޮމެޓީގައި އެ މައްސަލައިގެ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ.

