މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނެޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ރައްދުދެއްވައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން ވަކިކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވަހީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި އެމްޑީޕީ ފަނޑުނުވެ ހިފެހެއްޓެވި އެންމެ އިސް އެކަކީ ޝިފާއުކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް ރައީސް ސާލިހަށްވުރެވެސް ބުރަ މަސައްކަތްތަކެއް ޝިފާއުކުރެއްވިކަމަށާއި، އަދި ވަގުތުވެސް ދެއްވިކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.
ޝިފާއު މަގާމުން ވަކިކުރުމުން ރައީސް ސާލިހުގެ އެއްވެސް އަހުލާގެއް ނެތްކަމަށް ސާފު ހެކި ލިބިގެންދާކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.
އެމް.ޑީ.ޕީ ފަނިކާން ދޫކޮށްލައިގެން ރައީސް ޞާލިޙު ހުންނަވާނެ ކަމަށް ހީކުރުމަކީ ފިކުރޭމެންގެ މޮޔަކަން. ރައީސް ޞާލިޙު މި ވީހާ ދުވަހު ތިޔައެންމެން ބައިތިއްބައިގެން ހުންނެވިކަން ރަނގަޅު. މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެ. https://t.co/83sctV7V7i
— Moosa Ali Manik 🇲🇻 (@VMookey) March 29, 2023
ވަހީދަށް ރައްދުދެއްވާ މޫސާ އަލީ މަނިކު ވިދާޅުވެފައިވަނީ އެމްޑީޕީ ފަނިކާން ދޫކޮށްލައިގެން ރައީސް ސާލިހު ހުންނަވާނެކަމަށް ހީކުރުމަކީ ”ފިކުރޭމެން“ ގެ މޮޔަކަންކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށާއި، އެމަނިކުފާނު ކުރިއަށްގެންދަވާ ”ފިކުރެއްގެ ދިރުން“ ހަރަކާތަށް ނިސްބަތްކޮށް މޫސާ އަލީ މަނިކު ވިދާޅުވެފައިވަނީ ފާއިތުވީ ދުވަސްތަކުގައި މަގާމުތަކުން ވަކިނުކުރިކަން އެއީ، ރައީސް ސާލިހުގެ ރަނގަޅުކަންމަށެވެ. މޫސާ އަލީ މަނިކު ވިދާޅުވެފައިވަނީ މުނާފިގުން ގޮވައިގެން ހަނގުރާމަ ނުކުރެވޭނެކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބިވަޑައިގަތް ނާކާމިޔާބީއަށްފަހު ރައީސް ސާލިހާއި ދެކޮޅަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

