އެންމެ މީހަކަށްޓަކައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް އާރްޑީސީގެ އެމްޑީ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ، އިންތިހާބުން 7 އިންސައްތަ ލިބުނު ބަޔަކު މީހުން އެމްޑީޕީގެ ލީޑަރޝިޕު ބަދަލުކުރުމަށް ގޮވާލަމުންދާ އަޑު އިވެމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެ 7 އިންސައްތަ ހޯދި މީހުން އެމްޑީޕީގެ ތެރެއަށް ވަނުމަށް ބޭނުންވެ ޖާގައެއް ހޯދުމަށް މަސައްކަތްކުރަމުންދާ މަންޒަރުވެސް ފެނިގެންދާކަމަށެވެ.
މޫސާ ވިދާޅުވީ، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އިސްތިއުފާ ނުދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، މި ދައުރަކީ ޕާޓީގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ދައުރުކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބޯޓު ދުއްވަ ދުއްވާ ހުއްޓާ ލައިފް ޖެކެޓެއް ނާޅާ ކަނޑަށް ފުންމާލީ އަމިއްލައަށްކަމަށްވުމުން އެމްޑީޕީއިން އެ މީހުންނާއި ހަވާލުވާން އުޅޭނެކަމެއް ނެތްކަމަށްވެސް މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ ބޮލުގައި ނާޅުވާ ބަދުނާމެއް ނެތްކަމަށާއި އެމްޑީޕީއަކީ ވައްކަމުގެ ނެޓުވޯކަކަށް ހަދާފައިވާކަމަށެވެ. އަދި ކުރާ ތުހުމަތުތަކުގެ ސަބަބުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ގޮއްވާލި ބޮމަކީވެސް އެ ޕާޓީއިން ފަރުމާކޮށްގެން ގޮސް ބޭންދި އެއްޗެއްކަމަށްވެސް ހީވެގެންދާކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބޮލުގައި އެކަމުގެ އިލްޒާމް އެޅުވިކަމަށްވެސް ފާހަގަކުރެއްވިއެވެ.
މޫސާ ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރިއަށް އޮތްތާނގައި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަހަތަށް އަރާނެކަމަށް ބުނެވެސް ވާޙަކަތައް ދެއްކިކަމަށެވެ. އެހްނަނަމެވެސް އެމްޑީޕީގެ މެމްބަރުން އެއަށްވުރެ ބޯ ރަނގަޅުވާނެކަމަށާއި މަޖިލިސް މެމްބަރުނަށް ރާއްޖެއަށް ކޮށްދެވެން އޮތް އެންމެ ރަނގަޅު ކަމަކީ ބަރުލަމާނީ ނިޒާމުގެ ވާހަކަވެސް މަޖިލީހުން ބޭރުކޮށްލުންކަމަށްވެސް ވިދާޅުވިއެވެ. މޫސާ ވިދާޅުވީ، ސަކަރާތެއް ޖަހަން މާކުރިން މީހަކު އެއްޗެއް ކުރަހާފައި އޮތުމުން އެމީހާއަށްޓަކައި ގައުމުގެ ވެރިކަން ކުރާ ނިޒާމު ބަދަލުކޮށް އެތައް ބޭކާރު ހަރަދެއްކުރުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ޗެއަރޕާސަންއެއް ކަނޑައެޅުމަށްވެސް މެމެބަރުންނާ ހިސާބަށް ގެންދިޔަކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކުވެސް ކަނޑައެޅީ އެ އުސޫލުންކަމަށާއި އޭރުވެސް ވަކިވެގެންދިޔަ ރައީސް ނަޝީދުގެ ފެކްޝަން ގޯސްކަމަށް އަދި ރައީސް ސާލިހުގެ ފެކްޝަން ރަނގަޅުކަމަށް މެމްބަރުން ބުނިކަމަށެވެ.
އޭނާ ވިދާޅުވީ، މި ފަހަރު ރައްޔިތުންވަނީ އެއީ 7 އިންސައްތައިގެ ކުޑަކުޑަ ބައެއްކަމަށް ބުނެފައިކަމަށާއި މަގުމަތީގައި ތިބުމަށްވެސް ބުނެފައިވާކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީވެސް މަގުމަތީގައި ތިބޭނެ އިރު، އެމްޑީޕީ ދާނީ ބޮޑުވަމުންކަމަށާއި ޑިމޮކްރެޓްސް ހުލިވެގެންދާނެކަމަށް ވިދާޅުވިއެވެ. މޫސާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ޑިމޮކްރެޓްސްއިން ޖަހަމުންދާ ބަރުލަމާނީގެ ސަކަރާތުގައި ބައިވެރިންވާން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އެ ޕާޓީގެ ގޮތުގައި ބާރަށް ކުރިއަށް ދިއުންކަމަށާއި ބަރުލަމާނީ ނޫން ގޮތެއް ހޯދުންކަމަށެވެ.

