ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން އެ ކުންފުނީގެ ނަން ”އާރބަންކޯ“ އަށް ބަދަލުކޮށްފިއެވެ.
އެ ކުންފުނިން ކުންފުނި ރީބްރޭންޑު ކުރުން އިއުލާނުކޮށްފައިވަނީ އެ ކުންފުންޏަށް ބާވީސް އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައެވެ. މި ހަފްލާގައި އެ ކުންފުނީގެ އިސްވެރިން ބަައިވެރިވެވަޑައިގަތެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ކުންފުނީގެ އިމާރާތުގެ ނަންވެސް ”އާރބަންކޯ“ އަށް ބަދަލުކޮށްފައިވާއިރު، ހިދުމަތްތައް ދިނުމަށްޓަކައި އާރބަންކޯ އިން ވަނީ އެ ކުންފުނީގެ ނަން ދީފައިވާ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކުންފުނީގެ އެންމެހާ ހިދުމަތްތައް ފަސޭހަކަމާއިއެކު ލިބިގެންދާނެއެވެ.
އާރބަންކޯ އިން ބުނެފައިވާގޮތުން އެ ކުންފުނިން އަމާޒުކުރަމުންދަނީ މުޅިން އާ ބްރޭންޑާއިއެކު ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމެންޓު ކުންފުންޏަށް ވުމުގެ ޝަރަފު ހޯދުމަށެވެ. އަދި ގެނެސްފައިވާ ބަދަލުތަކާއި އެ މަގުސަދާއިވެސް ގުޅިފައިވާކަމަށް ބުނެފައިވެއެވެ.

