ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރަން ފިޔަވަޅުތަކެއް އަޅަން ފުލުހުންނާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެޗްޑީސީގެ ބައެއް އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެެއް ބާއްވާފައިވެއެވެ.
ފުލުހުން ބުނީ، އެ ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވު ކަމަށެވެ.
އެގޮތުން، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށް ޓަކައި މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް އެ ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވެއެެވެ. އެއީ އިންޖިނިއަރިންގ، ގާނޫނު ތަންފީޒުކުރުން އަދި ހޭލުންތެރިކުރުވުމެވެ.
އެގޮތުން، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށާއި، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ އިތުރުން، ފުލުހުން ބުނި ގޮތުގައި، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށް ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފައިވެއެވެ.
ހުޅުމާލެ ފޭސް 1ގެ ފުލުހުންގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕްކެޓްރ އޮފް ޕޮލިސް އިބްރާހީމް ޚަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހަނީފްއާއި، އެހެނިހެން ފުލުހުންގެ އިތުުރުން އެޗްޑީސީގެ ޕްލޭނިންގ ހެޑް އަޙްމަދު ޝާހިދުއާއި، އެޗްޑީސީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސް ވެފައި ވަނިކޮށެވެ.

