މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ޗަމްޕާ ބްރަދާސް އިން މާލޭގެ ރައްޔިތުންނަށް 25000 ކާށި ހަދިޔާ ކޮށްފިއެވެ.
ކާށީގެ ފުރަތަމަ ޝިޕްމަންޓް ރޭ މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާއިރު، ރޭގައި ހަވާލުކޮށްފައިވަނީ 10،000 ކާއްޓެވެ.
ބާކީ އޮތް 15،000 ކާށި، އަންނަ ހަފްތާގެ ތެރޭގައި ކައުންސިލާ ހަވާލު ކުރާނެ ކަމަށް ޗަމްޕާ ބްރަދާސް އިން ވަނީ ބުނެފައެވެ.
ސްރީލަންކާ އިން ކާށި ގެނެސް މާލޭގެ ރައްޔިތުންނަށް އުއްޗު ހަދިޔާ ކޮށްފައިވަނީ ރާއްޖޭގެ ރުއްތަކަށް ބައްޔެއް ޖެހި ކާށި ލިބުން ދަތިވެ ކާށީގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފައިވަނިކޮށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކާށި ބެހުމަށް ހަމަޖެހިފައިވަނީ ކާށި ބަހާ ފުރަތަމަ ފަސް ދުވަހު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ލިޔެކިޔުންތައް ހިފައިގެން ދިއުމުން ކާށި ދޫކުރާ ގޮތަށެވެ. އެއަށްފަހު އައިޑީ ކާޑު ހިފައިގެންދާ ކޮންމެ ރައްޔިތަކަށް ކާށި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭގެ ބާޒާރުގައި ކާށީގެ އަގުތައް ވަނީ އިންތިހާ އަށް ބޮޑުވެފައެެވެ. އެގޮތުން ބޮޑު ކާއްޓެއްގެ އަގު އެވްރެޖް ގޮތެއްގައި އުޅެނީ 30 ރުފިޔާ އާއި 50 ރުފިޔާ އާއި ދެމެދުގައެވެ. އަދި ކުޑަ ކާއްޓެއްގެ އަގު އުޅެނީ 15 ރުފިޔާ އާއި 20 ރުފިޔާ އާއި ދެމެދުގައެވެ.
ސަރުކާރުން ވަނީ ކާށީގެ ދަތިކަން ހައްލުކުރުމަށް 5000 ރުއް ހުސްވި ހަފްތާގެ ތެރޭގައި ރާއްޖެ ތެރެއަށް ބެހުމަށް މާލެ ގެނެސްފައެވެ.

