ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ: ސަރުކާރުން ހުށަހަޅާ އިސްލާހުގެ ބަހުސް މާދަމާ

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް މާދަމާ ހުށަހަޅަން ތާވަލުކޮށްފި އެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއި ގުޅިގެން ގިނަ މައްސަލަތަކެއް އުފެދިފައިވާއިރު، ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ތައްޔާރުވެފަ އެވެ. ގާނޫނީ ގޮތުން ފުށުއެރުންތަކެއް، އަދި ބައެއް އޮޅުންތަކެއް އަރާތީ މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ބާޒަރަށް ނެރުމަކީ ވެސް ކުށެކެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމަކީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރުން މަދު ކުރުމަށް އެޅި ފިޔަވަޅެކެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީއެއް ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ވާނެ އެވެ.

ނަމަވެސް ފާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާ ވާ ހާލަތްތަކެއް ވެސް ބަޔާން ކުރެ އެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު، ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާއިބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނަރ އެވެ.

މީގެއިތުރުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގައި ޖީއެސްޓީއަށް ރެޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ވިޔަފާރިތަކުން މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދެއްކުން ލާޒިމް ވާނެ އެވެ. އަދި ފީ ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި، އެ ފަރާތްތަކުގެ މައްޗަށް މި ތަންފީޒު ކުރަން އެކުލަވާލަން ޖެހޭ ގަވައިދުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މީރާއިންނެވެ.

މީރާއިން އާއްމުކޮށްފައިވާ ގޮތުގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންވާނެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި ”ޕްލާސްޓިކް ކޮތަޅު“ މާނަކޮށްފައިވަނީ މުދާ އުފުލުމަށް ބޭނުންކުރާ، ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޑިގްރޭޑަބަލް ޕްލާސްޓިކް ވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއި އެކު، ކޮތަޅު ބޮނޑިއެއްގެ އަގު ވަރަށް ބޮޑުތަނުން ވަނީ އުފުލިފަ އެވެ. އަދި އެކަމުގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އެންވައިރޮމެންޓް މިނިސްޓްރީން ބުނީ ޕްލާސްޓިކް ކޮތަޅު ބޮނޑިއެއްގެ އަގު އެހާ ބޮޑުވާން ދިމާވި ސަބަބަކީ، ކުނި މެނޭޖު ކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ގަތަސް ކޮންމެ ކޮތަޅަކަށް ދައްކަން ޖެހޭ ފީ ބޮޑުވާތީ ކަމަށެވެ.

މިނިސްޓްރީން ބުނީ ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޮނޑި ހިމެނޭ ގޮތަށް ހިމެނި ނަމަވެސް މަޖިލީހުން ފާސްވެގެން އައިއިރު އެ މާއްދާ އުނިކޮށްފައިވާ ކަމަށެވެ.

މާއްދާ އުނިކޮށްފައިވީ ނަމަވެސް އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށްވުމުން ސަރުކާރުން ނިންމީ ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތައް ހޯދައިދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށެވެ. އެހެންކަމުން އިސްލާހު ފާސްވެ ތަސްދީގުކޮށްފި ނަމަ ކޮތަޅު ބޮނޑިއެއްގެ އަގު ބޮޑުވުމަށް ހައްލެއް އަންނާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: