ހުޅުމާލެ ބީޗު ސަރަހައްދު އާންމުންނަށް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމަށް އުސޫލުތަކަށް ސަމާލުކަން ދިނުމަށް އަރބަންކޯއިން އެދިއްޖެއެވެ.
އަބަންކޯއިން ހުޅުމާލެ އަރބަން އަދި ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނައިރު، އެންމެ ބޮޑު އެއް އިސްކަމެއްދޭ ކަމަކީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ އަދި ހިތްގައިމު މާހައުލެއް މިތަނުގައި ބިނާކުރުންކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. މާލެ ސަރަހައްދަށް ބަލާއިރު، އާންމުންނަށް އެންމެ ޖާގަ ތަނަވަސް ދޮންވެލި ބީޗެއް ލިބެން އޮތީ ހުޅުމާލެއިން ކަމަށްވާއިރު، ހުޅުމާލޭގެ ބީޗު ސަރަހައްދުގައި އެ ކުންފުނީގެ ފަރާތުން ވާނީ އާންމުންގެ ހިންހަމަޖެހުމަށް އަދި އާންމުން ބޭނުންވާފަދަ އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީފައިކަން ކުންފުނިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ކެފޭ، ޓޭކްއަވޭ ޝޮޕްސް، އަދި ވަކިން ޚާއްސަކޮށް ވޯޓާސްޕޯޓްސް ވިޔަފާރިއަކީ ވެސް ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ހިންގަމުން އަންނަ ކަމެއްކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. މިފަދަ ވިޔަފާރިތަކަށް ބީޗު ސަރަހައްދުން ޖާގަ ދީފައިވީ ނަމަވެސް، މިކަންކަމަށް ހުއްދަ ދީފައިވާނީ ވަކި އުސޫލުތަކެއްގެ ދަށުންކަން އަރބަންކޯއިން ފާހަގަކުރެއެވެ.
އަރބަންކޯއިން ބުނީ ބީޗަކީ އާންމުން ބޭނުންކުރާނެ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ބީޗެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހެދުމަށް އަރބަންކޯއިން މަސައްކަތްކުރަމުން އަންނައިރު، މިހާރު މިކަމުގައި މި ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބީޗު ސަރަހައްދުގައި ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން މިކަމުގައި އޮންނަ އުސޫލުތަކާ ޚިލާފުވުންކަމަށެވެ.
ވޯޓަރސްޕޯޓްސް ވިޔަފާރި އަކީ އާންމުންގެ މުނިފޫހިފިލުވުމާއި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ބީޗުގައި ހިންގާ ކަމަކަށްވާއިރު، އާންމުންނަށް ބޭނުންވާ ފެންފުޅި އަދި ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި އެތަންތަނުން ވިއްކަން ހުއްދަދީފައިވާނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައިކަމަށް ކުންފުނިން ބުންޏެވެ. އެގޮތުން އަރބަންކޯއިން ބުނީ ވޯޓާ ސްޕޯޓްސް ވިޔަފާރިކުރާ ފަރާތްތަކަށް އެ ޚިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުނީގެ ފަރާތުން ދީފައިވީ ނަމަވެސް، ބީޗު ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ މަނާކޮށްފައިވާ ކަމެއްކަމަށެވެ.
ބީޗުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތްކަމެއްކަން ކުންފުންޏަށް ފާހަގަވެފައިވާކަމަށް މިކަމާއި ގުޅިގެން އަރބަންކޯއިން ނެރުން ބަޔާނުގައި ބުނެފައިވެއެވެ. ކުންފުނިން ބުނެފައިވާ ގޮތުގައި އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ މި ކުންފުންޏަށް އެކި ފަހަރުމަތިން ވަނީ ލިބިފައެވެ. އަރބަންކޯއިން ބުނީ އެ ކުންފުނީގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ، ހުޅުމާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީކުރުމަށްކަމަށެވެ. އަދި މި މަގްސަދުގައި ކުންފުނީގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމުކަމެއްގެ އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

