ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ހުށަހެޅުންތަކުގެ އިސްތިއުނާފު ހުކުމް ކުރުން މިއަދު ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ ތެރެއިން މަންފާ ނެންގެވިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ގުޅޭގޮތުން ނިންމި ނިންމުންތަކާއި ގުޅޭ އިސްތިއުނާފުގެ ހުކުމް ކުރުން ސުޕްރީމް ކޯޓުން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހަޅާފައި ވަނީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި، ބައެއް ހެކިތައް ސިއްރު ނުކޮށް ހެކި ހާމަކޮށްދިނުމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި އަޑުއެހުންތަކަށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމުގެ ސަބަބުން އެ މައްސަލަ ހައިކޯޓުގައި ވެސް ނިމުނީ ރައީސް ޔާމީނާއި ދެކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ހުށަހެޅުންތައް ބަލައިގަންނަން ޖެހޭ ގާނޫނީ ސަބަބެއް ރައީސް ޔާމީނަށް ދެއްކިފައި ނުވާކަމަށެވެ.

ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ދައުވާކޮށްފައިވާ ކްރިކް ރިޒާ ވެސް ވަނީ ހެކިތަކާއި ގުޅޭ އިސްތިއުނާފު ހުށަހަޅާފަ އެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ނިމިދިޔަ ހަފްތާގެ ތެރޭގައި ދެ އަޑުއެހުން ބޭއްވުމަށް ފަހު މިއަދަށް ހުކުމް ކުރުން ތާވަލު ކުރި އެވެ. އެކަމަކު، ކޯޓުގެ ޝެޑިއުލްގައި ހުކުމް ކުރުން ހިމަނާފައި ނެތެވެ.

ސުޕްރީމް ކޯޓުގެ ބަހެއް ނުލިބޭތީ، ހުކުމް ކުރުން ފަސް ކުރި ސަބަބެއް ސާފެއް ނޫނެވެ. ދަށު ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދާތީ، ޝަރީއަތްތައް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ ވެސް މިއަދުގެ ނިޔަލަށެވެ. އެކަމަކު ބެލެވޭ ގޮތުގައި، އެ މުއްދަތު ކޯޓުން އިތުރު ކުރާނެ އެވެ. ނުވަތަ އާއްމުކޮށް އަމަލު ކުރާ އުސޫލުގެ ތެރެއިން، ކްރިމިނަލް ކޯޓުން އަޑުއެހުމެއް ތާވަލު ނުކޮށްފާނެ އެވެ.

އިސްތިއުނާފު މައްސަލައިގައި ދައުލަތުން ބުނީ، ހައިކޯޓުން ދަމަހައްޓާފައި ވާ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި އެންމެ ބޮޑަށް ބަހުސް ކުރި ނުކުތާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތުގެ ހެކި ބަހާއި ގުޅޭގޮތުންނެވެ. އެގޮތުން އެންމެ ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރި ގއ. ވޮޑަމުލާ މައްސަލައިން ފެށިގެން އެ ދެމީހުންނަށް އެކި ލުއިތައް ދީފައިވާއިރު އެކުލަވާލި އިއުތިރާފު އެއްބަސްވުމުގެ ދަށުން ބައެއް ދައުވާތައް ނުއުފުލާނެކަން އެއްބަސްވެފައިވާކަމަށް ރައީސް ޔަމީންގެ ވަކީލުން ވިދާޅުވި އެވެ.

އިއްޔެގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، ދައުލަތާއި އެކު އަދީބު އެކުލަވާލި އެއްބަސްވުމަށް ފަހު ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައިވާކަން ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުންތަކުގައި ރައީސް ޔާމީން ވެސް ބައެއް ގާނޫނީ ނުކުތާތައް ފާހަގަކުރި އެވެ. އަދި ދައުލަތުން ފާހަގަކުރި ބައެއް ވާހަކަތަކާއި ގުޅިގެން ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: