ރ. ފުއްގިރި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށް ދައުލަތުން ބުނެފިއެވެ.
ރ. ފުއްގިރީގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ކުށް ސާބިތުވާންޖެހޭކަމަށް ގަބޫލުކުރާ ސަބަބުތައް ބަޔާންކޮށް، ހުލާސާ ބަޔާން އިއްވައިފައެވެ.
ފުއްގިރި މައްސަލައިގައި ދެން ދައުވާކުރި ފަރާތްތަކުގެ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ނިންމާފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުގައި ހުލާސާ ބަޔާން އިއްވަވަމުން އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ބޭއިންސާފަކަށް ވާނީ އެއް ހާލަތެއްގައި ތިބި ދެ މީހަކަށް އެއް ހަމައަކުން އަމަލުނުކުރާ ހާލަތެއްގައި ކަމަށެވެ. އެހެންނަމަވެސް، ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ އެއް ހާލަތެއްގައި މިހާރު އެއްވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ހޯދި ފައިސާ ކަމަށެވެ. ފުއްގިރީގެ މުއާމަލާތް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީގެ މުޅި ކޮރަޕްޝަނަކީ ވެސް އެމަނިކުފާނުގެ އިރުޝާދުން ހިންގެވި ކަމެއް ކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.
ފުއްގިރި މުއާމަލާތަކީ ރައީސް ޔާމީނަށް ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ މަގުސަތުގައި ކުރިއަށް ގެންދި މުއާމަލާތެއް ކަމަށާއި އެ މުއާމަލާތުން ލިބުނު ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭ ގޮތަށް މުއާމަލާތް ހިންގަން މަސައްކަތްކުރި ކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.
ފަތުރުވެރިކަން އިސްތިހާރުކުރަން އުފެއްދި އެމްއެމްޕީއާރުސީގެ ދަށަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސެވީ ވެސް ރައީސް ޔާމީން ކަމަށާއި އަދި ހިޔާނާތުގެ ބޮޑެއް ކަމަށްވާ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އަދި ފަހުން ނައިބު ރައީސަކަށް އައްޔަންކުރެއްވީ އެމަނިކުފާނުކަން ވެސް ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ހުލާސާ ބަޔާން އިއްވުން އޮންނާނީ މާދަމާއެވެ. ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.
އެ މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުނުވުމުން، ހައި ކޯޓުގައި އިސްތިއުނާފްނުކޮށް ދައުލަތުން ވަނީ އެ މައްސަލަ ދޫކޮށްލައިފައެވެ.

