ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ ގަބޫލުކުރާ ގޮތުގައި ރައީސް ސާލިހަށް ”ޗޯރު އިބުރޭ“ ގޮވުމަކީ ލިބެން ޖެހޭ ހައްގެއް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ނިސްބަތްކޮށް ”ޗޯރު އިބުރޭ“ ގޮވަން ބޭނުންވެއްޖެނަމަ އެ ހައްގު ޗެނަލް 13 އަށް އޮންނަން ޖެހޭނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ގެނެސްދޭ ތިން ލަވަކަމަށްވާ ”ކަނޑުފޭރޭ ޗޯރު“ އާއި ”ފެލާލައިފި“ އަދި ”ލުޓޭރު އިބުރޭ“ ގައި ހިމެނޭ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ 1 އަދި ކޯޑް އޮފް ޕްރެކްޓިސް ދެވަނަ ހަމައިގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބުނެ އެ ލަވަތައް ދެއްކުން ހުއްޓާލުމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގާފައިވާތީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށައަޅުއްވާފައެވެ.

މަޖިލީހުގެ ތަޅުމުން މި މައްސަލަ ބޭރުކޮށްލާފައިވާއިރު، އީވާ ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ ވެރިންނަށް ފާޑުކިޔާތީ ޗެނަލް 13 އިން ގެނެސްދޭ ޕްރޮގްރާމުތަކާއި ލަވަތައް ސެންސަރުކުރުމަށް އަންގާފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތަކީ ވެރިންނަށް ފާޑު ކިޔުންކަމަށެވެ. އެއީ އެމީހުންގެ ސިޔާސީ ހަރަކާތުގެ ނާރެސްކަމަށް އީވާ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ނިސްބަތްކޮށް ”ޗޯރު އިބުރޭ“ ކިޔުމުން ބޮޑު ޓީވީ ސްޓޭޝާނެއް ސެންސަރުކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އީވާ ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންވާ އެމްޑީޕީއަކީ، އަދި މިހާރު އެ ޕާޓީއާއި ދުރުވެފައިވާ މެންބަރުންނަކީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިންމުމަށް އެމަނިކުފާނަށް ”ގޮޅާބޯ“ ގޮވި މެންބަރުންކަމަށެވެ. އަދި އެމްޑީޕީއިން ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރީ އެމަނިކުފާނަށް ”ގޮޅާބޯއަށް ގޮވައިގެން އޮފު ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްގެން“ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ބަޢާވާތަކުން އަރައިގަތީ ”އެރޭ ސިޑިން ވެއްޓިދާނެ ލަވަ ކިޔައިގެން“ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީއިން ރައީސް ނަޝީދަށް ނިސްބަތްކޮށްވެސް ބައިވަރު ނަންތަކުން މުހާތަބުކުރެއްވިކަން އީވާ ފާހަގަކުރިއެވެ. އަދި އެމްޑީޕީއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ކީ ފާޑުކިޔުންވެސް އީވާ ފާހަގަކުރެއްވިއެވެ. އެއީ ސިޔާސީ އުކުޅެތަކެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ.

ދައްކާ ކޮންމެ ވާހަކައަކީ އެއްބަސްވާ ކަންކަމަށް ވާންނުޖެހޭކަމަށާއި، ހުދު އޭނާވެސް ޗެނަލް 13 އިން ދައްކާ ވާހަކައާއި އެއްބަސްނުވަންކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ ނަމަވެސް އެމީހުން ރައީސް ސާލިހަށް ”ޗޯރު އިބުރޭ“ ކިޔަން ބޭނުންވާނަމަ ކިޔެންޖެހޭނެކަމަށާއި، އެއީ އެމީހުންގެ ހައްގެއްކަމަށެވެ.

ޗެނަލް 13 އެއް އަޅުގަނޑެއް ނުބަލަން، އަޅުގަނޑަކަށް ބަލާކަށް ނުކެރެ، އޭގެން ދައްކާ ވާހަކަތަކަކާއި އަޅުގަނޑު އެއްބަހެއް ނޫން. އެކަމަކު ޗޯރު އިބުރޭ، ޗޯރު އިބުރޭ، ޗޯރު އިބުރޭ އެމީހުން ގޮވަން ބޭނުމިއްޔާ، އެމީހުން ގޮވުމަކީ އެމީހުންގެ ހައްގެއް، ދެން ރައީސް އޮފީހުން ނިކުމެފައި މި ބުނަނީ ފިޔަވަޅު އަޅާނަމޭ

2008 ވަނަ އަހަރުގެ ގެނައި ގާނޫނު އަސާސީގައި ހުރި އެންމެ ޑިމޮކްރެޓިކް ސިފަތައް މިހާރު ދަނީ ފަނޑުވަމުންކަމަށާއި، މީޑިއާގެ މިނިވަންކަން ގެއްލިގެން ދިއުމަކީ މުޅި ރާއްޖެއަށް އޮތް ބިރުވެރިކަމެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ. އިންތިހާބަށް އަސަރުކުރާނީ ވޯޓުލާ ދުވަހު ވޯޓު ފޮއްޓައް ލާ ވޯޓު ކަރުދާހުން ނޫންކަމަށް އީވާ ވިދާޅުވިއެވެ. އަދި މި މަންޒަރު ބަލަން ނުތިބެވޭނެކަމަށް އީވާ ވިދާޅުވިއެވެ.

އެކި އެކި ވެރިންނަށް ފާޑޫކިޔުމުގެ ގޮތުން ކިޔާފައި ހުރި ނަންތައް ރިޔާސަތުންވެސް ވަނީ މެންބަރުންނަށް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ”ކަރުކުރުދާސާ“ އަދި ރައީސް މައުމޫނަށް ”ގޮޅާބޯ“ ކިޔުނުކަމަށެވެ. އަދި ހުދު އެމަނިކުފާނަށް  ”ގަންޖާބޯ“ ކިއީކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ޑރ މުހައްމަދު ވަހީދު އިބްރާހީމްއަށް ”ބާޢީ ވަހީދު“ ކިއީކަމަށާއި، ރައީސް ޔާމީންއަށް ”ރާގޮނޑި ރާޖާ“ ވެސް ކިއީކަމަށެވެ. އަދި މިއަދު ”ޗޯރު އިބުރޭ“ ކިޔައިގެން ހަމައިންނެއްޓޭ ހިސާބަށް ގޮއްސިނަމަ އެއީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ސިފަ ކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: