މަޖިލީހުގެ މި ހިނގާ ދައުރުގެ ޖަލްސާތަކުގެ ތެރެއިން އެންމެ ފާހަގަވީ އެއްކަމަކަށްވެގެންދާނީ ވެރިންނަށް ނަންނަމުން ގޮވުމުގެ ވާހަކައެވެ. މި ވާހަކަ ފެންމަތިވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ފަރާތުން ޗެނެލް 13 އިން ދައްކަމުން އަންނަ ތިން ލަވައެއް ނުދެއްކުމަށް އެނގުމުންނެވެ. އެއީ ”ކަނޑުފޭރޭ ޗޯރު“، ”ފެލާލައިފި“ އަދި ”ލުޓޭރު އިބުރޭ“ މި ތިން ލަވައެވެ.
ލަވަ ދެއްކުން ހުއްޓާލުމަށް ކޮމިޝަނުން އެންގީ މި ތިން ލަވައިގައިވެސް ހިމެނޭ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފުވާ ކަންތައްތަކެއް ހުރުމުންނެވެ. މި ލަވަތަކުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތް ބޭނުން ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑުހުރިކަމަށްވެއެވެ. އަދި ކޯޑް އޮފް ޕްރެކްޓިސްގެ ފަސް ވަނަ ހަމައިގައި ބުނާ ”ހަބަރާއި ކަރަންތް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަހަމަކަމާއިއެކު ގެނެދިނުމަށް އިސްކަންދިނުމާއިވެސް މި ތިން ލަވަ ހިލާފުކަމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ބުނެފައިވެއެވެ.
މި ކަންތައް ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅުއްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއިއެކު، ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާއިރު، ސަރުކާރުން މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަމަށެވެ.
ދުނިޔޭގެ ހުރިހާ ޑިމޮކްރެޓިކް މުޖުތަމައުތަކެއްގައިވެސް ދީނީ، ވަތަނީ ކަންކަން ފިޔަވައި، ސިޔާސީ ލީޑަރުންނާއި، ޕާޓީތަކާއި އާންމު ޝަހުސިއްޔަތުތަކާއިމެދު ސަމާސާ އަދަބު ބޭނުންކުރުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ރައްކާތެރިކަމާއި އިމްތިޔާޒް ލިބޭ ކަމެއްކަމަށް އެ ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި، މިކަމުގައި ގާނޫނީ އިލްމްވެރިން ލިޔުއްވާފައި ހުރި ހުރިހާާ ލިޔުންތަކުން ސާފުކޮށް ފެންނަން އެބައޮތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް އެހެން ބިލްތަކާއި ގަރާރުތަކުގެ މަރުހަލާގައި އެންމެ ފުރަތަމަ މި ވާހަކަ ދެއްކެވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އެކަމަނާގެ ވާހަކައިގައި ވިދާޅުވީ ވެރިންނަށް ފާޑުކިޔާތީ ޗެނަލް 13 އިން ގެނެސްދޭ ޕްރޮގްރާމުތަކާއި ލަވަތައް ސެންސަރުކުރުމަށް އަންގާފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތަކީ ވެރިންނަށް ފާޑު ކިޔުންކަމަށާއި، އެއީ އެމީހުންގެ ސިޔާސީ ހަރަކާތުގެ ނާރެސްކަމަށެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ނިސްބަތްކޮށް “ޗޯރު އިބުރޭ” ކިޔުމުން ބޮޑު ޓީވީ ސްޓޭޝާނެއް ސެންސަރުކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އީވާ ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންވާ އެމްޑީޕީއަކީ، އަދި މިހާރު އެ ޕާޓީއާއި ދުރުވެފައިވާ މެންބަރުންނަކީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިންމުމަށް އެމަނިކުފާނަށް “ގޮޅާބޯ” ގޮވި މެންބަރުންކަމަށެވެ. އަދި އެމްޑީޕީއިން ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރީ އެމަނިކުފާނަށް “ގޮޅާބޯއަށް ގޮވައިގެން އޮފު ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްގެން” ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ބަޢާވާތަކުން އަރައިގަތީ “އެރޭ ސިޑިން ވެއްޓިދާނެ ލަވަ ކިޔައިގެން” ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީއިން ރައީސް ނަޝީދަށް ނިސްބަތްކޮށްވެސް ބައިވަރު ނަންތަކުން މުހާތަބުކުރެއްވިކަން އީވާ ފާހަގަކުރިއެވެ. އަދި އެމްޑީޕީއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ކީ ފާޑުކިޔުންވެސް އީވާ ފާހަގަކުރެއްވިއެވެ. އެއީ ސިޔާސީ އުކުޅެތަކެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ.
ދައްކާ ކޮންމެ ވާހަކައަކީ އެއްބަސްވާ ކަންކަމަށް ވާންނުޖެހޭކަމަށާއި، ހުދު އޭނާވެސް ޗެނަލް 13 އިން ދައްކާ ވާހަކައާއި އެއްބަސްނުވަންކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ ނަމަވެސް އެމީހުން ރައީސް ސާލިހަށް “ޗޯރު އިބުރޭ” ކިޔަން ބޭނުންވާނަމަ ކިޔެންޖެހޭނެކަމަށާއި، އެއީ އެމީހުންގެ ހައްގެއްކަމަށެވެ.
2008 ވަނަ އަހަރުގެ ގެނައި ގާނޫނު އަސާސީގައި ހުރި އެންމެ ޑިމޮކްރެޓިކް ސިފަތައް މިހާރު ދަނީ ފަނޑުވަމުންކަމަށާއި، މީޑިއާގެ މިނިވަންކަން ގެއްލިގެން ދިއުމަކީ މުޅި ރާއްޖެއަށް އޮތް ބިރުވެރިކަމެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ. އިންތިހާބަށް އަސަރުކުރާނީ ވޯޓުލާ ދުވަހު ވޯޓު ފޮއްޓައް ލާ ވޯޓު ކަރުދާހުން ނޫންކަމަށް އީވާ ވިދާޅުވިއެވެ. އަދި މި މަންޒަރު ބަލަން ނުތިބެވޭނެކަމަށް އީވާ ވިދާޅުވިއެވެ.
އެކި އެކި ވެރިންނަށް ފާޑުކިޔުމުގެ ގޮތުން ކިޔާފައި ހުރި ނަންތައް ރިޔާސަތުންވެސް ވަނީ މެންބަރުންނަށް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރަށް “ކަރުކުރު ބައިސާ” އަދި ރައީސް މައުމޫނަށް “ގޮޅާބޯ” ކިޔުނުކަމަށެވެ. އަދި ހުދު އެމަނިކުފާނަށް “ގަންޖާބޯ” ކިއީކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ޑރ މުހައްމަދު ވަހީދު އިބްރާހީމްއަށް “ބާޢީ ވަހީދު” ކިއީކަމަށާއި، ރައީސް ޔާމީންއަށް “ރާގޮނޑި ރާޖާ” ވެސް ކިއީކަމަށެވެ. އަދި މިއަދު “ޗޯރު އިބުރޭ” ކިޔައިގެން ހަމައިންނެއްޓޭ ހިސާބަށް ގޮއްސިނަމަ އެއީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ސިފަ ކުރެއްވިއެވެ.
ސިޔާސީ ވެރިންނަށް ފާޑުކިޔާ ނުވަތަ ސަރުކާރު ޒިންމާދާރު ކުރެއްވުމުގައި ކުރާ މަސައްކަތަށް ރައީސް ސާލިހަށް ”ޗޯރު އިބުރޭ“ އަށް ގޮވާ، ފާޑު ކިޔައިގެން ވާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ލިބޭނެ ކުރިއެރުމެއްވެސް ނޯންނާނެއެވެ. ބަޔަކު ގޯސްކޮށް ކުރާކަމެއްގައި އެ ބަޔަކު ޒިންމާދާރުކުރެވޭނީ ބިނާކުރެނިވި ފާޑު ކިޔުމުންނެވެ. މީހުންގެ އަބުރަށް އެރި، ސާބިތުނުވާ ކަންކަމުގައި ވަގަށް ގޮވައިގެން ލިބޭނެ މޮޅެއް ނޯންނާނެއެވެ. ގެއްލޭނީ ތިމާ މީހުންނަށް ރައްޔިތުން ކުރާ އިތުބާރެވެ. ސީރިއަސް ކަންކަން އާދައިގެ ކަމެއްގެ ގޮތުގައި ވެގެންދާނެއެވެ. ސިޔާސީ ގޮތުން ބޭނުންކުރެވޭނެ މާ މޮޅު އުކުޅުތައް ހުއްޓާ ފައިދާއެއް ނެތްކަމެއްގައި ކަރުން ހަންދުއްވުމަކީ ބޭކާރުކަމެކެވެ.
ރައީސް ސާލިހު ގޯސްވީ ރާއްޖޭގައި އޮތް ޒަމާންވީ ގޯސް އާދައެއް ކަނޑުވަން ފިޔަވަޅު އެޅުއްވުމުންނެވެ. އިންސާނެއްގެ އަބުރު ރައްކާތެރިކޮށް، މުޖުމަތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށް ފިޔަވަޅެއް އެޅުމުން އެއީ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ގަބޫލުކޮށްގެން، ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް އެކުރާ ދަތުރުގައި ކުރި މަގެއް ނުލިބޭނެއެވެ. އިޖުތިމާއީ މަސްލަހަތު ގެއްލި، މުޖުތަމައުގެ ތެރެއަށް ނިކުންނަ ނުކެރޭ ވަރުގެ ބަސް ބަހުން ގައުމުގެ ވެރިންނަށް މުހާތަބު ކުރައްވަނީ ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް މަސައްކަތްކުރެއްވުމުގެ ނަމުގައި ނިކުމެވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ދެން ހައްލުވާނީ ކޮންކަމެއްތޯއެވެ. ޑިމޮކްރަސީއަކީ ހަޑި އެއްޗެއްގެ ގޮތުގައި ފެންނަ ހިސާބަށް ކަންކަން ގެންދަވާ ދެން، ގާއިމް ކުރައްވަމުން އެ މަސައްކަތްކުރައްވަނީ ޑިމޮކްރަސީގެ ހަމަމަތާއި ރީތި އުސޫލުތަކޭ ބުނުމުން ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ.
އެކަކުގެ ހައްގު ފެށޭ ހިސާބަކީ އަނެކާގެ ހައްގު ނިމޭ ހިސާބަށްވުމަކީ މައްސަލަތަކުގެ ހައްލެއް ނޫނެވެ. ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލުމަށްޓަކައި، އެހެން މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތު ދިނުމަކީ ޑިމޮކްރަސީ ދަންނަކަމެއް ނޫނެވެ.

