އެގޮތުން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ (ޓޫފޯވަން ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީގެ ބާރު އިދިކޮޅަށް ދޭންޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އިން ބޭއްވި ޖަލްސާއެއްގައި ނާޒިމް ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މިދަނޑިވަޅުގައި ޑިމޮކްރެސީގެ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ ޑިމޮކްރަސީގެ ބެސްޓް ޕްރެކްޓިސްއަކީ މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ ކޮންޓްރޯލް އިދިކޮޅަށް ދިނުން ކަމަށެވެ.
ފެނިގެންދަނީ ތިންބާރުން ކުރެ އެއް ބާރުގައި މަރުތަޅު އެޅި ޑްރާމާ ކުޅެމުންދާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅިގެންދާ ދިއުމަކީ މަޖިލީހުގެ ރައީސް އާއި މެމްބަރުން އެކަމާއި މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
ނާޒިމްގެ ވާހަކައިގައި މިއަދު ދިވެހިން ގަބޫލުކޮށްގެން ތިބީ ރިޔާސީ ނިޒާމެއް ކަމާއި އެނިޒާމްގައި ތިންބާރު ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިޔާސީ ނިޒާމެއްގައި އެގްޒެކްޓިވް އަކާއި ލެޖިސްލޭޓިވް ބަޔަކާއި ގާނޫނު ހިންގާ ބައެއް އެކުލެވިގެންވާ ކަން ފާހަގަކޮށް އެތިން ބާރު ވަކިވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ތިންބާރުގެ ތެރެއިން އެއްބާރުގައި މުޅިން މަރުތަޅުއެޅި އެތަނުގައި އެކި ކަހަލަ ޑްރާމާ ކުޅެމުންދާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ދިވެހިން ބޭނުންވި ޑިމޮކްރަސީ މިއަދު ގެނެވިފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސިޔާސީ މައިދާނަށް ނިކުމެ ގައުމު ހަމަ މަގަށް އެޅުވުމަށް ނިކުމެ ތިބީ ޑިމޮކްރަސީ އަލުން އަނބުރާ ގެނައުމަަށް ކަމަށެވެ. އެގޮތުން ނާޒިމް ވިދާޅުވީ މިއަދު މަޖިލީހުގައި ފެނިގެންދަނީ ޑިމޮކްރަސީ ގެނައުމާއި ޑިމޮކްރަސީގެ ބާނީން ކަމަށް ދައުވާކުރި ބައެއް ދަނީ އެމީހުންގެ ފަރާތުން އަދުގެ ޒުވާނުންނަށް ހިތްދަތި މަންޒަރުތަކެއް ދައްކަމުން ކަމަށެވެ.
އެގޮތުން ހުސްވި ދެ ހަފްތާގައި ފެނިގެންދިޔައީ ދުވަހަކުވެސް މަޖިލީހުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރި އަދި ފެންނަން ބޭނުން ނުވާ މަންޒަރުތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ތިން މެމްބަރުން މަޖިލީހުގައި ވަކާލާތު ކުރަމުންދަނީ އަބަދުވެސް މަޖިލީހުގައި ކަންކަން ހިނގަން ޖެހޭނެ ކަމަށް ކަން ނާޒިމް ވިދާޅުވިއެވެ.
މަޖިލީހަކީ މުހިއްމު ތަނެއް ކަމަށާއި އެތަނަކީ ސަރުކާރު ޒިންމާދާރު ކުރުވާތަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެމްއެންޕީ އިން މަޖިލީހަށް އެންމެ ގިނައިން މިނިސްޓަރުން ހާޒިރުކޮށް ސުވާލު ކުރި ޕާޓީތަކަށް ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ގައުމުގެ ކަންކަމާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.
ގައުމުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މީގެ 15 ވަރަކަށް އަހަރުކުރިން ޑިމޮކްރެސީގެ ބާނީ ކަމަށް ބަލައިގެން ގެނައި މީހުން މިއަދު އެމީހުންނާއި ޖެހުމުން މަންޒަރު ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.

