ދި ޑިމޮކްރެޓްސް އާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން އޭގެ އަސަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކްމެޕެއިން ހަރަކާތްތަކަށް ނުފޯރާނެކަމަށް އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ވަނީ ހަވާލުކުރެވިފަ އެވެ. އަދި އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ ރައީސް ޔާމީންގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.
އީދު ބަންދަށް ފަހު ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުތަކުގެ ތެރެއިން މެނިފެސްޓޯ ވެސް އިއުލާނު ކުރާނެކަމަށް އެ ކޯލިޝަނުން ވަނީ ހާމަކޮށްފަ އެވެ.
މި ތަފްސީލުތައް ދިން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން، މުހައްމަދު އަމީން ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު މެސެޖަކީ އަބަދުވެސް ރައްޔިތުންނާއި އެކު ދެމި ހުންނަވާނެކަމުގެ ޔަގީންކަން ކަމަށެވެ. އަދި ގައުމު އިގްތިސާދީ އަނދަވަޅުން ސަލާމަތްކޮށް، އިންޑިއާގެ ނުފޫޒުގައި ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެންނަވާނެކަމުގެ ވައުދުވެވަޑައިގެންފައިވާކަމަށް އަމީމް ވިދާޅުވި އެވެ.
ކެމްޕެއިނާއި ގުޅުން ހުރި މައުލޫމާތުތަކަށް ފަހު، ނޫސްވެރިން ވަނީ މިވަގުތު އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ބައްދަލުވުންތައް ކުރިޔަށް ގެންދާކަން ފާހަގަކޮށްފަ އެވެ. އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާ އެ މެމްބަރުންނާއި އެކު ކުރިޔަށް ގެންދާ ބައްދަލުވުންތަކުގެ ސަބަބުން ރައީސް ޔާމީންގެ ކެމްޕެއިނަށް އޭގެ އެއްވެސް އަސަރެއް ކުރާނެތޯ ސުވާލު ކުރުމުން އަމީން ވިދާޅުވީ އޭނާ ގަބޫލު ކުރާނީ މިއީ ވަކި ދެ މަސައްކަތެއް ކަމަށެވެ.
އަމީން ވިދާޅުވީ އެ މަސައްކަތުގެ އަސަރު ރައީސް ޔާމީންގެ ކެމްޕެއިނަށް ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެކުގައި ގުޅިގެން ކުރާ މަސައްކަތްތަކުގެ ދަށުން ގުޅުން އިތުރަށް ވަނީ ވަރުގަދަކަމަށާއި، ހަރަކާތްތައް އިތުރަށް ފުޅާކޮށް މި ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތް ފަސޭހަކަމާއި އެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ޑިމޮކްރެޓްސް އާއި އިދިކޮޅާއި އެކު ކުރިޔަށް ގެންދާ މަޝްވަރާތައް އިތުރުކޮށް ދެވަނަ ބައްދަލުވުމެއް މިއަދު ކުރިޔަށް ގެންދިޔަ އެވެ. އެ ބައްދަލުވުމުގައި މެމްބަރުން ނިންމެވީ އަންނަ މަހުގެ 03 ގައި ދެ ޕާޓީ ވެސް ގުޅިގެން ޖަލްސާއެއް ބޭއްވުމަށެވެ.

