ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާ އެއްކޮށް ރީދޫވެއްޖެ، އިންތިޚާބުގައިވެސް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ: ރައީސް ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ ގުރައިދޫ ދާއިރާއިން އެމްޑީޕީއަށް އޮތް ތާއީދު އެތައް މިންވަރަކުން އިތުރުވެއްޖެ ކަމަށާއި، ރިޔާސީ އިންތިޚާބުގައިވެސް ކ ގުރައިދޫ ދާއިރާއިން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ”އުފާވެރި އަމާން ރާއްޖެ“ ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިންގެ ތެރެއިން މިހާރު ކ. ގުރައިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ކެބިނެޓުގެ ވަޒީރުންނާއި، މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މީގެ ކުރިން ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުން އޮތީ ދަތި އުނދަގޫ ކަމަކަށް ވެފައި ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާއި، ބަނދަރުގެ ދަތިކަމާއި، ސިއްހީ ފަރުވާ ހޯދުމާއި، ތައުލީމު ހޯދުމަށްވެސް ދަތިކަމަށް ވިދާޅުވިއެވެ.

ދައުލަތުގައި ފައިސާ ހުރި ނަމަވެސް އެއްވެސް ސަރުކާރަކަށް މި ހިދުމަތްތައް ގާއިމްކޮށް ނުދެވުނު ކަމަށާއި، ނަމަވެސް މި ސަރުކާރުން އެންމެ އިސްކަމެއް ދިނީ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މިކަންކަން ކުރުމަށް އެންމެ މުހިންމުކަމަކީ އަމާންކަން ހޯދުން ކަމަށް ވިދާޅުވިއެވެ. އަދި ގައުމު ހަލަބޮލިކަމެއްގެ ތެރޭގައި އޮއްވާ ގައުމު ތަރައްގީނުވާނެ ކަމަށް ވިދާޅުވިއެވެ.

ގައުމުގެ މާޒީއާއި ބެހޭ ގޮތުން ވެސް ރައީސް ސާލިހު ވާހަކަފުޅު ދެއްކެވިއެވެ. ވެރިކަމުގައި ތިބެ މަގުމައްޗަށް ނިކުންނަށް ޖެހުނު ދުވަސް މާޒީވެ ހިނގައްޖެ ކަމަށާއި، އަދި ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެވި ދުވަހާއި، މަޖިލީހާއި، ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވި ދުވަސްވެސް މާޒީވެ ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު 2018 ވަނަ އަހަރުގެެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށްފަހު، އެ އިންތިހާބު ކާމިޔާބުކުރައްވާ އެތައް ހުރަސްތަކާއިއެކު މިހާރު މިވަނީ އަމާން ބަނދަރަކަށް އާދެވިފައި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމަށް އިޝާރާތްކުރައްވާ ރައީސް ސާލިިހު ވިދާޅުވީ، އެ ގޮންޖެހުމުންވެސް އަރައިގަތީ ހުރިހާ ދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފާއާއި މަޝްވަރާގެ ދަށުން ކަމަށެވެ.

ރައީސް ސާލިިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ 90 އިންސައްތަ މިހާރު އަންނަނީ ފުރިހަމަވަމުން ކަމަށެވެ. އަދި ގުޅިއަށް ވެވަޑައިގެންނެވި ވައުދުތަކާއި، ކުރެއްވި ކަންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމްކުރެއްވި ކަމާއި، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ގުޅިއަށް ވަޑައިގަތުމުން ބިން ހިއްކައިދިނުމަށް ރައްޔިތުން އެދުމުން އެއްބަސްވުމާ އެއްގޮތަށް އެކަން މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ރައްޔިތުން އެދުނީ މި މަސައްކަތް އަމަލީ ގޮތުން ފެށޭނެ ތާރީހެއް ދިނުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި މަސައްކަތް ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ގުޅީގައި އޭޓީއެމްއެއް ގާާއިމުކުރުމަށާއި، ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ގުޅިން އެމްޑީޕީއަށް މީގެ ކުރިން އޮތް ތާއީދު އެތައް މިންވަރަކުން އިތުރުވެއްޖެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައިވެސް ގުޅިން ބޮޑި އަގުލަބިއްޔަތެއް އެމަނިކުފާނަށް ލިބިވަޑައިގަތުމަށް އުއްމީދުކުރައްވާ ކަމަށެވެ.

ގުޅިއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ސާލިހު ވަނީ ގުޅީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެވެސް ހުޅުއްވައިދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: