އެމްޑީޕީގައި އޮތީ ޒާމާނީ ޑިމޮކްރެސީ ކަމަށާއި ނަމަވެސް, ވާދަވެރިން އުޅެނީ 2000 ހުގެ އަހަރުތަކުގައިކަމަށް ވިދާޅުވެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާދަވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައީސް ސާލިހު އިއްޔެ ދަތުރު ކުރައްވާފައިވަނީ މ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މ ދިއްގަރުގައި ޖަލްސާ ބާއްވާފައިވާއިރު، ރައީސް ސާލިހު މި ޖަލްސާގައި ދެއްކެވި ވާހަފުޅުގައި ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ގޮވާލީ ވާދަވެރި ރަނގަޅު ކެމްޕެއިން ކުރެއްވުމަށެވެ.
ޒަމާނީ ޑިމޮކްރެސީ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަކީ މީގެ އެތައް އަހަރެއް ކުރިން ފެށި މަސައްކަތެއްކަމަށާއި، މިހާރު އާދެވިފައިމިވާ ހިސާބަކީ ކެމްޕެއިންގައި ވާދަކޮށް، ކެމްޕެއިންކޮށް، އިންތިހާބުގައި ވާދަކޮށްގެން ވޯޓުން ނަތީޖާ ނެރުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމްޑީޕީގައި މިހާރު އޮތީ ޒަމާނީ ޑިމޮކްރެސީިކަމަށާއި، އޭރު އެމްޑީޕީއިން ކުރަން ފެށި މަސައްކަތުގެ ކޮންމެސް މިންވަރެއް ބައެއް ރަށްރަށުން ފެނުނު ނަމަވެސް، މިއާއި ހިލާފު މަންޒަރުތައް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.
ތަޅާފޮޅުމާއި، ހަމަނުޖެހުމާއި، ސުލްހަ ގެއްލުވާލުމަށ ކުރާ ކަންތައްތަކަށް މި ސަރުކާރަކުންނެއް ޖާގައެއް ނުދޭނަން.
ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ގައުމުގެ ހަމަޖެހުން ނަގާލުމުގެ ޖާގަ ނުދޭނެކަމަށް ފާހަގަކޮށް، އެމަނިކުފާނު އެދިވަޑައިގަތީ އެކަންކަން ދޫކޮށްލުމަށެވެ. ރާއްޖޭގެ އަމަން އަމާންކަން ފުލުހުންނާއި ސިފައިން ބަލަހައްޓާނެކަމަށް ވިދާޅުވެ، ސާލިހު ވިދާޅުވީ އެމަނިކުފާނު އެ ހުންނެވީ ވާދަކޮށް، އިންތިހާބު އެއްބުރުން ކާމިޔާބުކުރުމަށް ތައްޔާރަށްކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑުތަނުންކަމަށް ވިދާޅުވިއެވެ.
ރައީސް ސާލިހު މިފަދައިން ވާހަކަދައްކަވާފައި މިވަނީ އެމަނިކުފާނު މ މުލަކައް ކުރެއްވި ދަތުރުގެ ތެރެއިން އެ ރަށުގެ ބަނދަރު ސަރަހައްދުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހަދާފައިވާ ސަފުގައި ހުރި އަންހެނަކު، ރައީސް އާއި އަޑުގަދަކޮށް ވާހަކަދައްކާ، ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައިވަނިކޮށެވެ.

