އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން އިތުބާރު ނެތްކަމަށް ނިންމި ނަމަވެސް އިސްތިއުފާނުދެއްވާނެކަމަށް އިލެކްޝަސްން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އަލަށް ސިޔާސީ ޕާޓީއެއް ހެދުމަށް އީސީއަށް ހުށައެޅި، ހުށައެޅުމަށްފަހު ފުއާދުއާއި ކޮމިޝަންގެ މެންބަރުންނާއި ދެމެދު ހިޔާލު ތަފާތުވުމެއް އުފެދުނުއިރު، ފުއާދު ދެކޮޅަށް މަސައްކަތްނުކުރައްވާ ހުންނެވީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކަނިއެވެ. ފުއާދުއާއިއެކު މަސައްކަތް ނުކުރާނެކަމަށް ބުނެ، ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިނުވާންވެސް މެންބަރުން ނިންމިއެވެ. މިއާއިއެކު ފުއާދުގެ އިތުބާރު ނެތްކަމަށް މެންބަރުން ނިންމީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މިކަން މިހާރު ކަށަވަރުވެފައިވާއިރު، މިކަމާއި ގުޅޭ ގޮތުން މީޑިއާތަކަށް ފުއާދު ވިދާޅުވީ އެ ނިންމުމަކީ އެއްވެސް ބުރަދަނެއް ހުރި ނިންމުމެއް ނޫންކަމަށާއި، އަދި މަގާމުން ވަކިނުވާނެކަމަށެވެ.
ފުއާދު ވިދާޅުވީ ގޮތުގައި ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އޭނާ މަގާމުން އިސްތިއުފާދިނުންވެގެންދާނީ ލިބޭ ބޮޑު ގެއްލުމަކަށެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ނަމަ އީސީގެ އެއްވެސް މެންބަރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހަށެވެ. ނުވަތަ އެ މެންބަރަކު އަމިއްލަ އިސްތިއުފާ ދިނުމުންނެވެ.

