20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މާދަމާ ހެނދުނު 8:00 ގައި ފަށުމަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުން 20 ވަނަ މަޖިލީހަށް 93 ދާއިރާއަށް ކެންޑިޑޭޓުން އިންތިހާބު ކުރާނެއެވެ. އަދި މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާކަމަށްވެސް ބުނެފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284،663 މީހުންނަށްކަމަށްވެސް ހާމަކޮށްފައިވާއިރު އެއީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
އިލެކްޝަންސް އިން މައުލޫމާތު ދީފައިވާގޮތުން ހެނދުނު 8 ޖަހާއިރު ވޯޓުލުން ފަށާގޮތަށް ހަވީރު 17:30 ގެ ނިޔަލަށް އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

