ދެވަނަ ދައުރެއް ދެއްވައިފިނަމަ ގައުމުގެ އިގްތިސާދު ދެގުނަކޮށް، ރައްޔިތުންގެ އަތްމަތި ތަނަވަސްކުރައްވާނެ ގޮތް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހިއްސާކުރައްވައިފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިންގެ ތެރެއިން ށ މިލަންދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ހެޔޮ ބަދަލުތައް ށ އަތޮޅުން ފެންނަކަމަށެވެ. މިއީ ސިޔާސީ ހަމަނުޖެހުމުން ސަލާމަތްވެ ތިބެ ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރަން ލިބުމުގެ ސަބަބުން ނިކުންނަ ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ. މި ފަސް އަހަރުގެ ތެރޭގައި ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ހައްޔަރުނުކުރާކަމަށާއި، ނޫސްވެރިއަކުވެސް ޖަލަށްނުލާކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކުރުމަށް ނުޖެހޭކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ބާރަށް ކުރިއަށްދަނީ ތަރައްގީގެ މަޝްރޫއުތައްކަމަށެވެ. އެގޮތުން ށ އަތޮޅުގައިވެސް 159 މަޝްރޫއު ހިންގާ ނިންމައިފިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިގްތިސާދެއް ބިޔަވެ ފައްކާވަނީ، ފުޅާވެގެންދަނީ އެއް ތަނުން އަނެއް ތަނަށް މީހުންދިއުމާއި، ތަކެތި އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއިއެކު ގެންދެވެން ފެށުމުނކަމަށެވެ. އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އަކީ އެގޮތުގެ މަތިން ކުރެވުނު މަސައްކަތެއްކަމަށާއި، ހަނިމާދު އިންޓަނޭޝަލް އެއާޕޯޓާކީ އޭގެ މުހިންމު ބޮޑު މަސައްކަތެއްކަމަށް ފާހަގަކޮށް، ހަނިމާދޫ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، މި ދެ އެއާޕޯޓުން 3 މިލިއަން ފަތުރުވެރިންނަށް ކޭޓަރކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި އިގްތިސާދުގެ ދިރުމަކީ ފަތުރުވެރިކަންކަމަށާއި، އެގޮތުން އެއާޕޯޓުތައް ތަރައްގީީކުރަނީ ފަތުރުވެރިން އަންނަ ނިސްބަތް އިތުުރުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓގެ މަސައްކަތްތައް ނިމޭއިރު، އެތަނުން 7 މިލިއަން ފަތުރުވެރިންނަށް ކޭޓަރ ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ އެއާޕޯޓެއް އެޅޭނެ ތަނެއްތޯ އަޅާނަމަ، ކޮން ކަމެއްތޯ ކުރަން ޖެހޭނީ. އަޅުގަނޑު އެކަން އަސްލަމްއާއި ހަވާލު ކުރާނަން. އެއަށްފަހު އެއީ ކުރެވޭ ވަރު ކަމެއްތޯ ބެލުމަށް ފަހުގައި، އެއާއި ބެހޭ ގޮތުން އަޅުގަނޑު ނިންމުމެއް ނިންމާނަން.
ރައީސް ސާލިހު ވިދާޅުވިއެވެ.
އިތުރު އެހެން ދާއިރާތައް ކުރިއެރުވުމަށްވެސް މި ސަރުކާރުން މަސައްކަތްކުރާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ފޮޓޯގްރާފަރުންނާއި، މިއުޒިޝަނުންނާއި، އަދި އަރޓިސްޓުންގެ މަސައކަތުންވެސް ރާއްޖޭގެ އިގްތިސާދު އެތައް ގުނައެއް ބޮޑުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު ދެ ގުނަވާނެކަމަށް އެމަނިކުފާނު ދަންނަވަނީ އެއީ ލިޔެކިޔުމުން ފެންނަން ހުރި ކަންތައްތަކަށްވުމުގެ ސަބަބުންކަމަށާއި، އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ހުރީ 81 ބިލިއަން ރުފިޔާގައިކަމަށާއި، އެ އަހަރު ރާއްޖެއަށް އައީ 1.4 ޓޫރިސްޓުންކަމަށާއި، ދައުލަތުގެ އާމްދަނީއަކީ 22 ބިލިއަންކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހު ކޮވިޑް 19 ގެ ސަބަބުން ތިން އަހަރު ރާއްޖޭގެ އިގްތިސާދު ދަށަށް ދިއުމަށްފަހު މިއަހަރު ރާއްޖޭގެ އިގްތިސާދު ހުރީ 108 ބިލިއަން ރުފިޔާގައިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހެން ގޮސް 2028 ވަނަ އަހަރާއި ހަމައަށްދާއިރު، މި އަދަދު ދެ ގުނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 2.4 ނުވަތަ 2.5 މިލިއަން ފަތުރުވެރިން 2025 ވަނަ އަހަރު ރާއްޖެ އަންނާނެކަމަށް ލަފާކޮށްފައިވާކަމަަށާއި، އެހެންކަމުން ރާއްޖޭގެ އިގްތިސާދު 130 ބިލިއަން ރުފިޔާއަށް އަރައިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ޓެކްސްއާއި އެ ނޫން ގޮތް ގޮތުން ވިޔަފާރިއަށް އަންނަ ކުރިއެރުމާއިއެކު އިގްތިސާދު ދެ ގުނަވެ 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 177 ބިލިއަން ރުފިޔާގެ އިގްތިސާދަކަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ ރެވެނިއު 45 ބިލިއަން ކަނޑަތުކޮށް، 50 ބިލިއަނާއި ހިސާބަށް އަމާޒު ހިފުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ފެނިގެންދާނީ ފުދުންތެރި ރައްޔިތުންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. 2026 ވަނަ އަހަރުގެ ފަހުން، ލޯނު ނަގައިގެން މަސައްކަތްތައް ކުރަން ނުޖެހޭނެކަމަށާއި، ދައުލަތުގައި ފައިސާ ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

