އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމްކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ޕޯޓް ސިޓީ ޑިވަލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރުމަށް ހަމަޖައްސައިފައިވާ މި މަޝްރޫއު، އެސްޓީއޯއިން ވަނީ މެދުއިރުމަތީގެ އެންމެ ބޮޑު ވިޔާފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގް އާއި ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 10 އޮގަސްޓު 2023 ގައެވެ.

މި މަޝްރޫއުގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމެވެ. މިގޮތުން އޮގަސްޓް 10 ވަނަ ދުވަހު ސޮއި ކުރެވުނު އެމްއޯޔޫއަކީ އެސްޓީއޯއާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަށް ހަދައި މިޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިންގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އެ ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެއެވެ. ދުނިޔޭގެ ބަންކަރިންގް އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވާއިރު، މިސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދައިދިނުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. މީގެތެރޭގައި ޝިޕިންގް އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ހޭންޑްލިންގް، ޝިޕް ރިޕެއަރ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފުރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ވަނީ ތައްޔާރު ކުރެވިފައެވެ. މިޕްރޮޖެކްޓް ހިންގުމުގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން ދަނީ ކުރެވެމުންނެވެ.

